އެޑިނޯމަޔޮސިސްއަކީ އަންހެނުންނަށް މެދުވެރިވާ ބައްޔެކެވެ. އެހެނީ މި ބަލީގައި ރަހިމުގެ އެންމެ އެތެރެ ފަށަލަ ބޯވެ ރަހިމުގެ މަސް ފަށަލައިގެ ތެރެއަށް ވަދެ ބޮޑުވެ، ރަހިމު ބޯވުމަށް މެދުވެރި ވެއެވެ. މީގެ ސަބަބުން މައްސަރު ދުވަސްވަރު ބަނޑުގައި ރިހުމާއި މާ ގަނައިން ލޭ ފޭބުން ފަދަ އުނދަގޫތައް މެދުވެރި ކުރުވައެވެ.
އެޑިނޯމަޔޯސިސް މެދުވެރިވާ މައިގަނޑު ސަބަބު ޔަގީންކޮށް އަދި ހޯދިފައި ނުވެއެވެ. ނަމަވެސް އެޑިނޯމަޔޯސިސް މެދުވެރިކުރުވާ ކަމަށް ބެލެވޭ ބައެއް ސަބަބުތަކުގެ ތެރޭގައި އެއީ އުފެދުމުގައި ހުންނަ ކަމަކަށްވުން އަދި ވިހެއުމާއި ގުޅިގެން ރަހިމު ދުޅަވުންފަދަ ކަންކަން ހިމެނެއެވެ.
މިއިން ކޮންމެ ސަބަބަކާ ހުރެ އެޑިނޯމަޔޯސިސް މެދުވެރިވިނަމަވެސް ހޯދުންތައް ދައްކާ ގޮތުގައި ރަހިމު ބޯވުން ވަރަށް ބޮޑަށް ބަރޯސާވަނީ ހޯމޯން އީސްޓްރޮޖެން ގިނަވުމުގެ މައްޗަށެވެ. އެގޮތުން އާންމުގޮތެއްގައި އަންހެނުން އިއްދައިން ކެނޑުމުން އީސްޓްރޮޖެން ހަށިގަނޑުގައި ހުންނަވަރު ތިރިއަށްގޮސް، މި ބަލީގެ އުނދަގޫތައް މެދުވެރިވާލޭ މަދެވެ.
އެޑިނޯމަޔޯސިސް މެދުވެރިވުމުގެ ފުރުސަތުތައް އިތުރުކޮށްދޭ ކަންކަމުގެ ގޮތުގައި ފާހަގަ ކުރެވިފައި ބައެއް ކަންކަންވެއެވެ. އޭގެ ތެރޭގައި:
- ރަހިމުގެ ސާޖަރީއެއް ކޮށްފައިވުން، މިސާލަކަށް ސިޒޭރިއަން ނުވަތަ ފައިބްރޮއިޑްއެއް ނެގުމަށް
- މެދު އުމުރުފުރައަށް އެރުން
އާންމުގޮތެއްގައި އެޑިނޯމަޔޯސިސް ހުންނަކަން އެންގެނީ މެދު އުމުރުފުރައަށް، އެހެނީ 30-50 އަހަރާ ދެމެދުގައެވެ. ނަމަވެސް ފަހުގެ ހޯދުންތައް ދައްކާގޮތުގައި މިއަށް ވުރެން ޒުވާން އުމުރުގައިވެސް އެޑިނޯމަޔޯސިސް ހުރިކަން ދެނެނުގަނެވި ހުރުމުގެ ފުރުސަތުތައް ވަރަށް ބޮޑެވެ.
އާލާމާތްތައް
- އެޑިނޯމަޔޯސިސް ހުންނަ ފަރާތްތަކުގެ ކިބައިން ފެންނަ އަލާމާތްތަކަށް ބަލައިލާއިރު:
- މައްސަރު ދުވަސްވަރު ގިނައިން ލޭ އައުން، ލޭ ގަނޑުގަނޑު އައުން
- މައްސަރުކަންތައް ގިނަ ދުވަހަށް ދެމިގެން ދިއުން
- މައްސަރު ދުވަސްވަރު ބަނޑުގައި ރިހުންފަދަ ގިނަ އުނދަގޫތައްވުން
- ދެ މައްސަރު ދޭ ތެރޭގައި ލޭ އައުން
- ޖިމާއުވާއިރު ތަދުވުން
- ބަނޑު ފުއްޕާފައި ހުންނަހެން ހީވުން އަދި ތަދުވުން
އެޑިނޯމަޔޯސިސްއަކީ އެހާ ސީރިއަސް ބައްޔަކަށް ގިނަ ފަހަރު ނުވިނަމަވެސް މި ބަލީގެ ސަބަބުން މެދުވެރިވާ އުނދަގޫތަކަކީ އޭގެ ސަބަބުން ދުވަހުގެ މަސައްކަތްތަކަށް އޭގެ ސަބަބުން ބުރޫއެރުމަށް މެދުވެރި ކުރުވަފާނޭ ކަންކަމެވެ. އެހެނީ މައްސަރު ދުވަސްވަރު ގިނައިން ލޭ ފޭބުމާއި، ބަނޑުގައި ރިހުން ފަދަ ކަންކަމަކީ އޭގެ ސަބަބުން ދުވަހުގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް މެދުވެރި ކުރުވަފާނޭ ކަންކަމެވެ. ހަމައެއާއެކު މިއީ ނަފްސާނީ ގޮތުންވެސް މީހާ މާޔޫސް ކުރުވާ ނުތަނަވަސްކަން މެދުވެރި ކުރުވުން ގާތް ކަމެކެވެ.
އަދި ހަމައެހެންމެ މައްސަރު ދުވަސްވަރު މާ ގިނައިން ލޭ ފޭބުމަކީ ހަށިގަނޑުން ލޭ މަދުވެ އެނީމިއާގެ އަލާމާތްތައް މެދުވެރި ކުރުވަފާނޭ ކަމެކެވެ. އެގޮތުން ބޮލުގައި ރިހުމާއި ބޯ އެނބުރުން އަދި ވަރުބަލިވުން ފަދަ ކަންކަން މެދުވެރި ކުރުވަފާނެއެވެ
ވީމާ އެޑިނޯމަޔޯސިސް ފަދަ ބަލިތަކުގެ އަލާމާތްތަކާމެދު ހޭލުންތެރިވެ، ހާއްސަކޮށް މައްސަރު ދުވަސްވަރު މެދުވެރިވާ އުނދަގޫތަކަކީ އާންމު ކަމެއް ކަމަށް ނުބަލާ، މިފަދަ ބަލިތައް ހުރިކަން ކުރީބައިގައި ދެނެގަތުން މުހިންމުވާނެއެވެ. އޭރުން ބައްޔަށް އޮތް އެންމެ އެކަށޭނަ ފަރުވާ ވީހާވެސް އަވަހަށް ލިބުމަށް އެހީތެރިވެދީ ދިރިއުޅުމުގައި ބަލީގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް އެހީތެރިވެދޭނެއެވެ.