ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ތިން މީހެއްގެ ނަތީޖާ ނެގެޓިވްވުމުން ތިން ރިސޯޓެއް ހުޅުވާލައިފި

Mar 15, 2020
1

ކޮވިޑް19ގެ އަލާމާތްތައް ފެނުނު ތިން މީހެއްގެ ނަތީޖާ ލިބުނުއިރު އެމީހުން އެ ބައްޔަށް ނެގަޓިވްވެފައިވާތީ ތިން ރިސޯޓެއްގެ ލޮކްޑައުން އުވާލައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ހާމަކުރި ގޮތުގައި އަނަންތަރާ ދިގު ރިސޯޓާއި އޮބްލޫ ސެލެކްޓް އެޓް ސަންގެލި ރިސޯޓާއި ޑްރީމްލޭންޑް މޯލްޑިވްސް ރިސޯޓްގައި ޝައްކުވި މީހުންގެ ނަތީޖާ ނެގަޓިވްވެފައިވާ ކަމަށެވެ.

އެހެންވެ، އެ ތިން ރިސޯޓަށް ވެސް މީހުން އެރުމާއި ފޭބުން މަނާކޮށްފައި އޮތް އޮތުން އުވާލާފައިވާ ކަމަށެވެ.

އޭގެއިތުރުން ބ. ފެހެންދޫ އާއި ބަންޑޮސް އައިލެންޑް ރިސޯޓްގައި ޝައްކުވި މީހުންގެ ޓެސްޓްގެ ނަތީޖާ ވެސް ވަނީ ނެގަޓިވްވެފަ އެވެ. ފެހެންދޫ އާއި ބަންޑޮސް ރިސޯޓް ވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ.

އަނަންތާރާ ދިގު ރަށް ހުޅުވާލާފައިވީ ނަމަވެސް އެ ރިސޯޓުން މީގެކުރިން ކޮވިޑް19އަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނިފައިވާތީ އެމީހާ ކޮންޓެކްޓްވި މީހުން ވަނީ އެކަހެރިކޮށްފަ އެވެ.

ރިސޯޓްތަކަށް ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅު އުވާލާފައިވީ ނަމަވެސް އެޗްޕީއޭއިން ވަނީ ހުރިހާ ރިސޯޓްތަކަށް ވެސް އާންމުކޮށް މީހުން އެރުމާއި ފޭބުން މަނާކޮށްފަ އެވެ. ރިސޯޓްތަކަށް މީހުން އެރުމާއި ފޭބުން މަނާކޮށްފައިވީ ނަމަވެސް ޗުއްޓީގައި ތިބި މުވައްޒަފުންނަށް އަނބުރާ ރިސޯޓްތަކަށް ދެވޭނެ އެވެ. އަދި ޓޫރިސްޓުންނަށް ރިސޯޓްތަކުން ފުރަން ދެވޭނެ އެވެ.

މިހާތަނަށް ރާއްޖޭން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް 10 މީހަކު ފެނިފައިވާއިރު، މިއަދު ހެލްތު ޕްރޮޓެކްޝަން އޮތީރިޓީ (އެޗްޕީއޭ)އިން ވަނީ މުހިންމު ތިން ފިޔަވަޅެއް އަޅާފަ އެވެ. އެގޮތުން އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފަ އެވެ.

އޭގެއިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. މީގެކުރިން ރާއްޖޭގެ ސްކޫލްތައް ވަނީ ހުޅުވުން އެއް ހަފުތާއަށް ލަސްކޮށްފަ އެވެ. ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.