ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ލަންކާ އޮންއެރައިވަލް ވިސާ ދިވެހިންނަށް ވެސް ހުއްޓާލައިފި

Mar 15, 2020
3

ސްރީލަންކާއަށް އެތެރެވާން ދޫކުރާ އޮން އެރައިވަލް ވިސާ ސްކީމްގެ ތެރެއިން ވިސާ ދޫކުރުން ވެސް މެދުކަނޑާލަން ނިންމުމުން ދިވެހިންނަށް ވެސް ސްރީ ލަންކާއަށް ދާން އޮން އެރައިވަލް ވިސާ ނުލިބޭ ގޮތް ވެއްޖެ އެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އިގެ ބަލާއާފާތާ ގުޅިގެން ސްރީ ލަންކާއިން އަޅާފައިވާ ފިޔަވަޅުތަކާއެކު އެ ގައުމުން އޮން އެރައިވަލް ވިސާ ދޫކުރާ ސްކީމް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ކުރިން ބުނެފައިވާ ވަނީ ލަންކާ އިން މެދުކަނޑާލީ އެ ގައުމަށް އެތެރެވުމުގެ ކުރިން ނަގަން ޖެހޭ ސްކީމެވެ. ލަންކާ އާއި ރާއްޖެއާ ދެމެދު އޮންނަ އެއްބަސްވުމުގެ ދަށުން އެ ގައުމަށް ދިއުމުން ވިސާ ލިބޭ އުސޫލެއް އަސަރެއް ނުކުރާނެ އެވެ. އެގޮތަށް މިދިއަ ދެތިން ދުވަހު ލަންކާއިން އަމަލުވެސް ކުރި އެވެ.

ނަމަވެސް މިހާރު ލަންކާއަށް އެތެރެވެ ވިސާ ނެގޭ ގޮތަށް އެއްބަސްވެފައިވާ ގައުމުތަކުގެ މީހުނަށް ވެސް އޮން އެރައިވަލް ވިސާ ދޫކުރުން މިހާރު ވަނީ ހުއްޓާލާފަ އެވެ. އެ ގޮތަށް ވިސާ ދޫކުރަން ލަންކާއިން އެއްބަސްވެފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. މި ނިންމުމާ ގުޅިގެން ދިވެހިންނަށް ވެސް ދެން އޮން އެރައިވަލް ވިސާއެއް ނުލިބޭނެ އެވެ.

ލަންކާގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހިން އެ ގައުމުގައި ކޮންމެހެން ކުރަން ޖެހޭ ދަތުރުފަތުރު ނޫނީ ނުކުރުމަށާއި، ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމަށާއި، މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިއުމަށް ދިވެހި ސަރުކާރުން ވަނީ އިލްތިމާސް ކޮށްފަ އެވެ. ލަންކާގައި ދިރިއުޅޭ ދިވެހިން އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓާ ކުރުމަށް ވެސް އިލްތިމާސް ކޮށްފައިވެ އެވެ.

ލަންކާގައި ދިވެހިންގެ 15،000 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮވެއެވެ.

ކޮވިޑް-19 އިގަ ބަލާއާފާތުގައި ވައިރަސް އަށް ޕޮޒިޓިވް 10 މީހަކު ލަންކާ އިން ވަނީ ފެނިފަ އެވެ. ރާއްޖޭން ވެސް ވަނީ އެ ވައިރަސްއަށް ޕޮޒިޓިވް 10 މީހަކު ފެނިފަ އެވެ. މުޅި ދުނިޔެއިން މިހާތަނަށް ވައިރަސް އަށް ޕޮޒިޓިވް 155،000 އަށްވުރެ ގިނަ މީހުން ފެނިފައިވާއިރު، 67،000 އަށްވުރެ ގިނަ މީހުން ވަނީ ރަނގަޅު ކުރެވިފަ އެވެ. އަދި 5،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.