ސްރީލަންކާގައި ރާއްޖެ އަންނަން ބޭނުންވެފައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް މި މަހު ފަށަން ހަމަޖައްސަައިފި އެވެ.
ފޮރިން މިނިސްޓްރީން މިއަަދު ބުނީ ލަންކާ އިން ދިވެހިން ގެންނަނީ މިމަހުގެ 10 އެއްގައި ސްރީލަންްކަން އެއާލައިންސް އިން ކަމަށެވެ. ފްލައިޓުގައި ޖާގަ ދިނުމަށް އިސްކަން ދޭނީ ބޭސްފަރުވާއަށް ގޮސް އަނބުރާ ރާއްޖެ ނާދެވި ތިބި ފަރާތްތަކާއި ކިޔަވާ ދަރިވަރުންގެ ތެރެއިން ކޯސް ނިމި، ރާއްޖެ އަށް އަނބުރާ ނާދެވި ތިބި ފަރާތްތަކާއި ފަތުރުވެރިންގެ ގޮތުގައި ލަންކާއަށް ގޮސް ނާދެވި ތިިބި މީހުން ކަމަށެވެ.
މީގެ އިތުރުން، ސިއްހީ ސަބަބުތަކަށްޓަކައި އަނބުރާ އަންނަން ބޭނުންވާ ފަރާތްތައް އަދި ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އެނބުރި އަންނަން ބޭނުންވާ ފަރާތްތައް ވެސް މި ފްލައިޓުން ރާއްޖެ ގެންނާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.
އިތުރަށް ބުނީ ފްލައިޓުުގެ ޖާގަ އަކީ ލިމިޓެޑް ކެޕޭސިޓީއެއްކަމުން އަންނަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ފުރަތަމަ ފްލައިޓުން ޖާގަ ނުލިބުނަސް ޖާގަ ހުރި މިންވަރަކުން އިތުރު ފްލައިޓުތަކުގައި އެ ފަރާތްތަކަށް ވެސް ފުރުސަތު ދެވޭނެ ކަމަށެވެ. ލަންކާ އަށް އިތުރު ފްލައިޓުތައް ބާއްވާނެ ކަމަށްވެސް ފޮރިން އިން ބުނެ އެވެ.
ކޮވިޑް-19ގެ ސަބަބުން ލަންކާގައިވެސް ވަނީ ކާފިއު އިއުލާންކޮށްފަަ އެވެ. އެހެންނަމަވެސް މިހާރު ވަނީ ކާފިއު އަށް ލުއިތަކެއް ދީފަ އެވެ.
މީގެ ކުރިންވެސް ފޮރިން މިނިސްޓްރީ އިން ވަނީ އެކި ގައުމުތަކުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، އިންޑިއާ އާއި މެލޭޝިއާ އާއި ޔޫރަޕުގެ އެކި ގައުމުތައް ހިމެނެ އެވެ.