ލައިފްސްޓައިލް

ޖައްވީ މައްސަކަތުގެ "ހިއުމަން ކޮމްޕިއުޓަރު" ގެއްލުން

ސްޕޭސްގެ ދާއިރާއިން ނާސާއަށް ލިބިފައިވާ ހީވެސް ނުކުރާވަރުގެ ބޮޑެތި ކުރިއެރުންތަކުގެ ސަބަބުން އިންސާނިއްޔަތު ފަޚުރުވެރިވާވަރު ވެއެވެ. ނާސާގެ ކޮންމެ މިފަދަ މިޝަންއަކީ ވަރަށް ގިނަ ކަލްކިއުލޭޝަންސް ތަކާއި ސިކުނޑިން ތެޔޮ ހާނައިގެން ކުރާ މަސައްކަތުގެ ނަތީޖާ އެވެ. ޖައްވަށް ފޮނުވާ ކޮންމެ ރޮކެޓެއް ފުރިހަމައަށް ޕާފޯމް ކުރަނީ މިފަދަ މީހުންގެ ހިސާބު އިލްމުގެ މޮޅުކަމުންނެވެ.

ދާދި ފަފަހުން ވަނީ ހިސާބު އިލްމުގެ މިފަދަ ލާމަސީލު މިސާލެއް މި ދުނިޔެ ދޫކޮށްފަ އެވެ. އެމެރިކާއިން ފުރަތަމަ ފަހަރަށް ޖައްވަށް ފޮނުވި މީހާ ފޮނުވުމުގެ މަސައްކަތުގައި ވެސް އެންމެ އިސް ދައުރެއް ކުޅެފައި ވަނީ އަދި އޭގެ ފަހުގެ ހުރިހާ ސްޕޭސް މިޝަން ތަކެއްގައި ވެސް އެންމެ އިސް ދައުރެއް ކުޅެފައިވާ މި ކުޅަދާނަ މެތުމެޓީޝިއަން އެވެ.

ހިއުމަން ކޮމްޕިއުޓަރެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ ކެތެރީން ޖޯންސަން ދާދިފަހުން މި ދުނިޔެ ދޫކުރިއިރު އޭނާގެ އުމުރަކީ 101 އަހަރެވެ. ކެތެރީން އުފަން ވެފައިވަނީ އޮގަސްޓް 26، 1918 ވަނަ އަހަރު ވެސްޓް ވާޖީނިއާ އަށެވެ. ވެސްޓް ވާޖީނިއާގެ ސްޓޭޓް ކޮލެޖުން 1937 ގައި އޮނާޒް އާއެކު ގްރެޖުއޭޓް ވީއިރު ކެތެރީންގެ އުމުރުން އެންމެ 18 އަހަރެވެ.

ލޭންގްލޭ ރިސާޗް ސެންޓާގެ ގައިޑެންސް އެންޑް ނެވިގޭޝަން ޑިޕާޓްމަންޓް އޮފް ނާސާގެ އެންމެ ބޮޑު ވާދަވެރިޔާ ދަ ނެޝަނަލް އެޑްވައިޒަރީ ކޮމިޓީ އޮފް އެރޮނޯޓިކްސްގައި 1953 ގައި ކެތެރީން ކަލްކިއުލޭޝަންސްގެ މަސައްކަތް ކުރީ ކޮމްޕިއުޓަރެއް ފަދައިންނެވެ.

އެމެރިކާއިން ފުރަތަމަ ޖައްވަށް ދިޔަ މީހާ އާއި ނީލް އާމްސްޓްރޯންގް އާއި ބުޒް އެލްޑްރިން ހަނދަށް ފޮނުވުމުގައި ވެސް ކެތެރީންގެ ހިއްސާ ވަރަށް ބޮޑެވެ.

ނާސާއިން ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން ކޮމްޕިއުޓަރުތައް ނުހުންނަ ކުރީގައި ކެޕްސޫލްތައް އުދުއްސާނެ ގޮތް ވެސް ބުނެދެނީ ކެތެރީން އެވެ. ފަހުން ކޮމްޕިއުޓަރު ބޭނުން ކުރަން ފެށުމުން ނާސާ އިން ވެސް ކޮމްޕިއުޓަރަށް ބަރޯސާ ވާން ފެށީ އެވެ. އަދި ފަހުން ކެތެރީން ވެސް ކޮމްޕިއުޓަރުން ކަލްކިއުލޭޝަންސްތައް ހަދަން ފެށީ އެވެ.

ޖައްވަށް ފުރަތަމަ ދިޔަ އެސްޓްރޮނޯޓް ޖޯން ގްލެން ވެސް ފުރަތަމައިނުން ކޮމްޕިއުޓަރުން ދޭ މައުލޫމާތަށް އިތުބާރެއް ނުކުރެ އެވެ. އޭނާ އަބަދުވެސް ބަލަނީ ކެތެރީން ދޭ ނަންބަރު ތަކަށެވެ. އެއީ ކޮމްޕިއުޓަރުން ގޯހެއް ހެދިޔަސް ކެތެރީން ގޯހެއް ނަހަދާނެކަން ޔަގީން ވާތީ އެވެ.

ނާސާގެ ކެތެރީން އަދާކުރަމުންދާ ބުރަ މަސައްކަތް ގިނަ ދުވަސްތަކެއް ވަންދެން އޮތީ އެއްވެސް މީހަކަށް ފާހަގަ ނުކުރެވި އެވެ. އޭނާގެ ކުޅަދާނަކަމާއި މޮޅުކަން ދުނިޔެއަށް ހާމަވީ އެމެރިކާގެ ރައީސް ކަމުގައި ބަރަކް އޮބާމާ ހުންނެވިއިރު އޭނާއަށް ދެއްވި ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމްގެ ސަބަބުންނެވެ. މިއީ ސިވިލިއަނުންނަށް ދޭ އެންމެ މަތީ އެވޯޑެވެ. މި އެވޯޑު ދީފައިވަނީ 2015 ގައެވެ. ފަހުން ކެތެރީންގެ ކާމިޔާބީތަކުގެ މައްޗަށް ފިލްމެއް ވެސް އުފެއްދި އެވެ. "ހިޑްން ފިގާޒް" ކިޔާ ފޮތެއްގެ މައްޗަށް ތައްޔާރުކުރި ފިލްމު އޮސްކާ އަށް ވެސް ވާދަކުރި އެވެ.