(12 މާރިޗު 2020 އާ ގުޅޭ)
ހޭޒަލްއަށް އަންނަ ބަދަލުތަކަށް ދާރިއަން ހުރީ ސަމާލުވެއެވެ. އޭނާ ހޭޒަލްގެ ކޯތާފަތުގައި ބޮސްދިނެވެ. އެ ދެލޮލަށް އަނެއްކާ ވެސް ބަލާލިއެވެ. ދެން މަޑުމަޑުން ހޭޒަލްގެ އަތުގައި ހިފައިގެން ގެނެސް އެނދުގައި ބޭންދިއެވެ. އޭނާގެ ގާތަށް ދާރިއަން ގުދުވެލިއެވެ. ހޭޒަލް ޖެހިލުންވެފައި އިންކަން ދާރިއަން ދެނެގަތެވެ. އެހެންނަމަވެސް އޭނާގެ ހަރަކާތްތައް ހުއްޓުމަކަށް ގެންނަން ބޭނުންނުވީ ހޭޒަލްގެ ފަރާތުން މަނާވެގަތުން ނުފެންނާތީއެވެ. އޭނާ ހޭޒަލްގެ ގާތުގައި އިސްނުނަގާނަމޭ ބުނެފައި އޮތަސް ހަށިގަނޑުގައި ދައުރުވަމުންދާ ވަރުގަދަ ޖަޒުބާތުތައް ހިފަހެއްޓުމަކީ ގަދަފަދަ ހަނގުރާމައެއް ކުރުމެކޭ އެއްވަރު ކަމެކެވެ. ހަމައެއާއެކު ހޭޒަލްއަކީ އޭނާ ކައިވެނިކޮށްގެން ފުރަތަމަ ރޭ ބައްދަލުކުރި ހޭޒަލްއެއްނޫނެވެ. އޭގެ ފަހުން ހޭޒަލްގެ ފުށުން އޭނާ ދާރިއަންއާ މެދު ރުހޭކަން ފާޅުކުރެއެވެ. އެ ދުވަހަށްވުރެ މިހާރު އެ ދެމެދުގެ ގާތްކަން އިތުރުވެއްޖެއެވެ. ވީއިރު އަނބިމީހާ އޭނާއަށް ޓަކައި ތައްޔާރުތޯ ބެލުމަށް ދާރިއަން ބޭނުންވެއެވެ. ހޭޒަލް އިސްނަގަން ނުކެރިފައި ހުރުމަކީ ވެސް ވެދާނެ ގޮތެއްކަމަށް ދާރިއަން ޤަބޫލުކުރެއެވެ. އެ ދެމެދުގައި އޮތް ހަމައެކަނި ދުރުކަމަކީ އެއީއެވެ. އަދިވެސް ހަޤީޤީ ދެމަފިރިންނަށްވެ ދަހަށިގަނޑުގެ ގޮވާލުމަށް އިޖާބަނުދެވުމެވެ.
"ޒެލް..." ދާރިއަންގެ ނޭވާގައި ހޫނުކަމެއް އެކުލެވިގެން ދިޔައިރު އެ އަޑަށް ވެސް ބަދަލުތަކެއް އަތުވެއްޖެއެވެ.
ހޭޒަލްގެ އަވަސްވެފައިވާ ހިތުގެ ތެޅުން ދާރިއަންއަށް އިޙްސާސްވާނޭކަން ޚުދު އޭނާއަށް އެނގެއެވެ. ފިރިމީހާގެ އެ ގޮވާލުމަށް ކެތްތެރިވާން ޟަމީރު ބުންޏެވެ. އެހެންނަމަވެސް އެހިތަށް ވާގޮތެއް ނޭނގުނެވެ. ބިރުގަންނަންވީ ކީއްވެކަމެއް ނޭނގެއެވެ. ފިރިމީހާގެ ފުށުން ފެންނަނީ އޯގާތެރިކަމެވެ. އޭނާގެ އެ ޢަމަލުތަކުން ބުނަމުން އެދަނީ ކީކޭކަން ވެސް ހޭޒަލްއަށް އެނގެއެވެ. އެހެންވިޔަސް ގޮދަޑީގައި ވިއްދާލެވިފައި އޮތް ކަނާއަތުގެ ތެރެއަށް ބެޑްޝީޓު ބޮނޑިކޮށްލެވުނީ ކަންބޮޑުވުމާއެކުއެވެ. އޭނާގެ ސަމާލުކަން ހޯދަން ދާރިއަން މަސައްކަތްކުރިއެވެ. ކޯތާފަތުގައި ދެއަތުން ހިފާލުމާއެކު ދާރިއަންގެ މޫނާ ދިމާއަށް އުފުލާލިއެވެ. މޫނުގެ އެކި ދިމާއަށް ދާރިއަންގެ ހޫނު ނޭވާ އިޙްސާސްވަމުންދިޔައެވެ. ކުދިކުދި ބީހުންތަކާއެކު ދެ ހަށިގަނޑު ގާތްވަމުންދިޔައެވެ.
"ދާރިއަން..." ކަންބޮޑުވެފައި އިނދެ ދާރިއަންއަށް ހޭޒަލް ގޮވާލިއެވެ. ދާރިއަންގެ ޢަމަލުތައް ހުއްޓާލުމަށް އެދޭފަދައިންނެވެ. އެހެންނަމަވެސް އެ އަޑު ދާރިއަންއަށް އިވުނުހެން ހީނުވެއެވެ. އެ ދެ ލޮލުގައިވި އަސަރުތައް ފެނުނު ހިނދު އިހުނަށްވުރެ ހޭޒަލް ހާސްވެއްޖެއެވެ. ދެވަނަ ފަހަރަށް ދާރިއަންއަށް ގޮވާލެވުމުގެ ކުރީން، މިފަހަރު ހޭޒަލްގެ ދެ ތުންފަތް ވެސް ބަންދުވެއްޖެއެވެ. ދެމަފިރިންގެ ނޭވާ އެކުވީއެވެ. ހޭޒަލްއަށް ކޮޓަރީގެ ހަތަރުފާރު ހުރިތަނުން އޭނާގެ ކައިރިއަށް ޖެހިލިހެން ހީވާން ފެށީ ދެނެވެ. ނޭވާލުމަށް އޮކިސިޖަން މަދުވަމުން ދިޔަހެން އޭނާއަށް ހީވާންފެށިއެވެ. މަޑުމަޑުން ދާރިއަންގެ މޭގައި ދެއަތްތިލަ ޖައްސާލެވުނީ ހުރަސް އެޅުމުގެ ގޮތުންނެވެ. އެވަރުން ވެސް ދާރިއަންގެ ހަރަކާތްތަކަށް ހުއްޓުމެއްނައެވެ. ހޭޒަލްއަށް އޭނާގެ މޭ ފިތެނީހެން ހީވަމުންދިޔައެވެ. ކަންބޮޑުވުމާއި ހާސްކަން އޭނާ ވަށާލަމުންދިޔައިރު ކޮޓަރީގެ ހަތަރުފާރުތެރޭ އޭނާ ފިތި ނޭވާލާން އުނދަގޫވެއްޖެ ކަހަލައެވެ.
"ޕެނިކް"ވެގެން ތެޅިގަތް މީހަކު ފަދައިން ހޭޒަލްއަށް ތެދުވަން މަސައްކަތްކުރެވުނެވެ. ބޭއިޚްތިޔާރުގައި ދެއަތަށް ލެވުނު ބާރަކާއެކު ދާރިއަންގެ މޭގައި އަތްއަޅައި ކޮށްޕާލެވިއްޖެއެވެ. ނުރުހުމުގެ އަސަރެއްނެތްނަމަވެސް ހަރަކާތްތަކުގައިވީ ހަރުކަށިކަމެވެ. ކުރުއަތްމައްޗަށް ކަހަލަ ގޮތަކަށް ހޭޒަލް ކައިރީ އޮވެވުނު ދާރިއަން ވަގުތުން ދުރަށް ޖެހި ހޭޒަލްއަށް ބަލާލިއެވެ. އަމިއްލަ ޖަޒުބާތުގެ މައްޗަށް ބުއްދި އިސްކުރުން ދާރިއަންއަށް ފަސޭހައެއްނުވިއެވެ. ހޭޒަލް ފުންމައިގެން ތެދުވި ގޮތަށް ދުވެފައި ގޮސް ފާޚާނާއަށް ވަދެއްޖެއެވެ. ހީވީ ދާރިއަންއަށް ފިލަން ދުވީހެނެވެ. މޫނުގައި ދެއަތްތިލަ ހިންގާލެވުމާއެކު ދާރިއަންއަށް އެނދުގައި އިށީނދެވުނެވެ. އަމިއްލަ ހަށިގަނޑާއި ނަފްސު ހަމައަކަށް އެޅުވުމަށް އޭނާއަށް ވަގުތު ނެގިއެވެ. މާޔޫސްކަން އެ ހިތަށް ވެރިވިއެވެ.
ނޭވާލަން އުނދަގޫވެގެން އުޅޭ މީހަކު ފަދައިން ހޭޒަލް އަނގަހުޅުވައިގެން ހުއްޓެވެ. ގުދުވެ ބަނޑުގައި ދެއަތުން ހިފަހައްޓާލާފައި އަލުން ތެދުވެ އިސް އުފުލައި މައްޗަށް ބަލާލައެވެ. މޭގައި ދެއަތްތިލަ އަޅައި އޭނާ އޮބާލިއެވެ. މޫނުދޮންނަ ތަށި ކައިރީ ހުރިއިރު ވައަތްފަރާތަށް މޫނު އަނބުރާލެވުމާއެކު ނިކަން އަވަހަށް އިސްޖަހައިފިއެވެ. ފާރުގައި ހުރި ލޯގަނޑުން އޭނާއަށް އަމިއްލަ ސޫރައަށް ބަލާލާކަށް ނުކެރުނެވެ. އޭނާގެ ޟަމީރު އޭނާ ކުށްވެރިކުރަނީއެވެ. މަޑުމަޑުން ދެފަރާތަށް ހޭޒަލް ބޯހޫރުވިއެވެ. އޭނާ ވަރަށް ހިތްވަރުކޮށްފިއެވެ. އެހެންވިޔަސް ދާރިއަން އެ އެދޭ ފަދަ ގާތްކަމަށް ހޭޒަލް ތައްޔާރުނޫނީ ކީއްވެކަމެއް ޚުދު އޭނާއަކަށް ވެސް ނުވިސްނުނެވެ. ފިރިމީހާއާމެދު ކަންތައްކުރެވުނު ގޮތާމެދު ޟަމީރުގެ އަޑު ނަފްސުގެ މައްޗަށް ގަދަވެއްޖެއެވެ. ދެ ލޯ ފުރެމުންއައީ ދެނެވެ.
ހޭޒަލް ފާޚާނާއިން ނުކުމެ ދޮރުމަތީ މަޑުކޮށްލިއެވެ. އެނދުގައި އަރިއަކަށް އޮތް ދާރިއަންއަށް ބަލަންފެށިއެވެ. އޭނާ އޮތީ ލޯ މަރާލައިގެންނެވެ. އެހެންވިޔަސް ނިދާފައި އޮވެދާނެއޭ ހޭޒަލްގެ ހިތެއް ނުބުނެއެވެ. ދާރިއަންގެ ގާތަށް އަންނަން ހޭޒަލް ބޭނުންވިއެވެ. އޭނާގެ މޭގައި އަތްއަޅާ ކޮށްޕާލެވުނު ގޮތުން ތަދުވިތޯ އަހަން ހޭޒަލް ބޭނުންވިއެވެ. ތަދުވިނަމަ އެ މޭގައި ފިރުމާލަދީ މަޢާފަށް އެދޭ ހިތް އޭނާ ވިއެވެ. އެހެންނަމަވެސް ފިރިމީހާއާ ގާތަށް ފިޔަވަޅު އެޅުން އޭނާއަށް ތަކުލީފަކަށްވިއެވެ. ދެފައި ހިއްލާނުލެވޭހާ ބަރުވެފައިވާ ކަހަލައެވެ. ހަމައެއާއެކު ލަދުވެތިކަމާއި ކުށްވެރިކަމުގެ އިޙްސާސް އޭނާއަށް ހުރަސް އަޅަމުންދިޔައެވެ. ދާރިއަން ދުވަހަކު ޝަކުވާއެއްނުކުރި ނަމަވެސް މިއަދު އޭނާ ހޭޒަލްއާ މެދު ނުރުހޭނޭ ހޭޒަލްއަށް ވިސްނުނެވެ.
ލޯމަރާލައިގެން އޮތްއިރު ދުރުގައި އަނބިމީހާ ބަލަން ހުރިކަމުގެ ހިލަން ދާރިއަންއަށް ވިއެވެ. އެސްފިޔަތައް ތަޅުވާލުމާއެކު އޭނާ ކިރިޔާ ތަންދޮރު ފެންނަ ވަރަށް އެސްފިޔަތައް ދުރުކޮށްލިއެވެ. ދާރިއަންގެ ހިތަށް ތޫނު ތަދެއް އިޙްސާސް ކުރެވިގެން ދިޔައެވެ. ހޭޒަލްގެ މޫނުގައިވި އަސަރުތަކުންނެވެ. ހިތްދަތިވެގެން ގޮސް ރޮވެން ކައިރިވެފައި ހުރި މީހަކު ފަދައެވެ. އޭރު އެ ދެލޮލުން ރޮއެފައި ހުރިކަން ހެކިދެއެވެ. ލޯ ހުޅުވާލުމާއެކު ދާރިއަން އުއްޑުން ޖެހިލިއެވެ. މޭގައި ދެއަތް ބާއްވާލައި އެއްފައިތިލަ އަނެއްފައިތިލައިގަ އަޅުވާލިއެވެ.
"ޒެލް!... އާދެބަލަ" ދާރިއަން ގޮވާލިއެވެ. ކިޔަމަންތެރިކަމާއެކު އިސްޖެހިފައި ހުރެ ހޭޒަލް އައިސް ދާރިއަންގެ ކައިރީ މަޑުކުރިއެވެ.
"ގެއަށް ދާންވީތަ؟" ދާރިއަން އަހާލިއެވެ. ހޭޒަލް އަނގައިން ނުބުނެ ދެފަރާތަށް ބޯހޫރާލީއެވެ.
"އަހަންނަށް ނިދިއްޖެއްޔާ އިރުއޮއްސުމުގެ ކުރީން ގޮވާލައްޗޭ" ދާރިއަން ބުނެލިއެވެ. ދެން ވެސް ހޭޒަލްއަށް އިސްއުފުލާ ބަލާލާކަށް ނުކެރުނެވެ. ބޯ ޖަހާލީ ދާރިއަންއަށް އާނއެކޭ ބުނުމަށެވެ.
"މިތާ އިންނަން ބޭނުންނުވަންޏާ މަންމަމެން ކައިރިއަށް ދިޔަޔަސް އެންމެ ރަނގަޅު" ދާރިއަން ބުނެލިއެވެ. ހޭޒަލް އެއްވެސް އެއްޗެކޭ ނުބުންޏެވެ. ހުރި ފިޔަވަޅު މަތީ ހުރީއެވެ. ދާރިއަން ބިއްދޮށަށް އެނބުރިލީ ހޭޒަލް ކަންތައް ކުރާ ގޮތެއް ބަލާށެވެ. އޭނާގެ އެހެން އޮންނަތާ އިރުކޮޅެއް ފަހުން އޭނާގެ ފައިކޮޅުގައި ހޭޒަލް އިށީންކަން އެނގުނެވެ. ނަފްސަށް ލިބުނު އުފާވެރިކަން އެ ތުންފަތުން ފާޅުވިޔަ ދާރިއަން ނުދެއެވެ.
"ހޭޒަލްއަށް އަހަރެންދެކެ ލޯބިވެވިއްޖެކަން އެނގޭތަ؟ އަހަންނަށް މިހާރު އެނގޭ، ﷲއަކީ އެންމެ އޯގާވަންތަ ރަސްކަލާނގެ، އެކަލާނގެ ފަސޭހަކޮށްދެއްވި ކަމެއް މެނުވީ ފަސޭހަވެގެންނުވޭ، އަދި އެކަލާނގެ އެދިވޮޑިގެންފިނަމަ، އުނދަގޫ ކަންތައް ފަސޭހަކަމެއްގެ ގޮތުގައި ލައްވަވާ... އިންޝާﷲ! ހޭޒަލްގެ ތި ބިރުގެ މައްޗަށް އަހަރެން ކުރި ހޯދާނަން... އިމްތިހާނުގެ ވަގުތުގައި ކެތްތެރިންނަށްނޫނީ ކާމިޔާބު ލިބިގެންނުވޭ، އެ ދުވަހުން އަހަރެންދެކެ ލޯބިވާކަން ތި ދުލުން ބުނާނޭކަން ޔަގީން، އަހަރެންގެ ގާތަށް ހޭޒަލް އަމިއްލައަށް އަންނާނޭކަން ޔަގީން... އަހަރެން ﷲއަށް ފުރިހަމައަށް އިތުބާރުކުރަން، އަހަންނަށް ހޭޒަލް ދެއްވި ކަލާނގެ ތިހިތް އަހަރެންގެ މައްޗަށް ޖައްސުވާނެކަމުގެ ޔަގީންކަން އެބައޮތް... އަހަރެން ލޯބި ލޯބި ހޭޒަލް" ލޯ މަރާލައިގެން އޮތް ދާރިއަންގެ ހިތް ވާހަކަދެއްކިއެވެ. ކުޑަހިނދުކޮޅެއްކުރީން ލިބުނު ނުތަނަވަސްކަމުގެ އެއްވެސް އަސަރެއް ދާރިއަންގެ ނެތެވެ. ޝުކާވާއެއް ވެސް ނެތެވެ. އެއަށްވުރެ ބޮޑު ޔަގީންކަމަކުން އޭނާގެ ހިތްވަނީ ހަމަޖެހިފައެވެ.
* * * * *
ދާރިއަންގެ މައިންބަފައިން ގެއިން ހޭޒަލްއާއި ދާރިއަން ނުކުތީ ރޭގަނޑުގެ ކެއުމަށްފަހުއެވެ. ކާރުގައި ގެއާ ހަމައަށް ކުރީ ހިމޭން ދަތުރެކެވެ. ދެމަފިރިންގެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ދާރިއަންގެ ނަޒަރު ދޭތެރެއަކުން ހޭޒަލް ހުއްޓެއެވެ. ނަމަވެސް ހޭޒަލް އިސްޖަހާލި ގޮތަށް އުނގުގައި އޮތް ދެއަތްތިލަ ނޫން ތަނަކަށް އޭނާ ބަލާނުލިއެވެ. އެ ސިކުނޑީގައި ހިނގާ ކަންކަން ދެނަގަތުން ދާރިއަންއަށް ފަސޭހައެއްނުވިއެވެ. އޭނާ ގަސްދުކުރީ ހޭޒަލްއަށް ވިސްނަން ވަގުތު ދޭށެވެ. ސުވާލުކޮށް އެނގެން މަސައްކަތްކުރުމަށްވުރެ ހޭޒަލް އަމިއްލައަށް ކަންކަމަށް ހައްލު ހޯދާނެކަން ދާރިއަންއަށް އެނގޭތީއެވެ.
ގެއަށް އާދެވުމުން ރިޒްވާނާއެކު ވަގުތުކޮޅެއް ދާރިއަން ހޭދަކުރިއެވެ. ފުރުމުގެ ކަންކަމާ ދެމީހުންގެ ދެމެދުގައި މަޝްވަރާ ކުރެވުނެވެ. ހޭޒަލް ކިހިނެއްތޯ ރިޒްވާނު އަހާލައިފިއްޔާ ދާރިއަން ރަކިވެފައި ހުރެ ނިކަން ފުޅާ ހިނިތުންވުމަކާއެކު ރަނގަޅޭ ބުނެލާނެއެވެ. އެ ސުވާލު ރިޒްވާނު މިހާރު ނުކުރަނީ އެހެންވެއެވެ. އޭނާގެ ދަރިފުޅުގެ އުނި ސިފަތަކުގެ ވާހަކަ ދާރިއަން ނުދައްކާނޭކަން ރިޒްވާނަށް ޔަގީންވެއްޖެއެވެ. އެހެންވިޔަސް އޭނާއަށް ވެސް ދާރިއަންއާއި ހޭޒަލްގެ ދެމެދުން ފެންނަންޖެހޭ ފަދަ ގާތްކަމެއް ނުފެންނަކަން އެނގެއެވެ. އެކަމަކު ހޭޒަލް ދާރިއަން ބަލައިގެންފިކަން ރިޒްވާނަށް އެނގެއެވެ. މަޑުމަޑުން އެ ދުރުކަން ގާތްވާނޭ ކަމަށް ރިޒްވާނު ވެސް ޤަބޫލުކުރަނީ އެހެންވެއެވެ.
* * * * *
އާ ދުވަހެކެވެ. ދާރިއަން އޮފީހަށްދާން ތައްޔާރުވެ ނިމުމާއެކު ހޭޒަލްއާ ދިމާއަށް އެނބުރިލިއެވެ. ހޭޒަލްގެ ގާތަށް އައިސް އޭނާގެ ދެއަތުގައި ހިފާލިއެވެ.
"ނަމާދުކޮށްގެން ރަނގަޅަށް ކައިގެން ރެސްޓްކޮށްގެން ހުންނާތި، މިއަދު ދެ މީޓިން އެބައޮތް، ހަވީރު ތަންކޮޅެއް ލަސްވެދާނެ، އަހަރެމެން ފުރުމުގެ ކުރީން ބައްޕައަށް ފައިނަލްކޮށްދޭން ޖެހޭ ދެ ޕްރޮޖެކްޓެއް އެބައޮތް... އޮފީހަށް ގޮސް ހަމަޖެހިލެވުނީމަ ގުޅާނަން އިނގޭ" ދާރިއަން އާދައިގެ މަތިން ބުނެލިއެވެ. ހޭޒަލް ބޯޖަހާލީއެވެ.
"އައި ލަވް ޔޫ" ހޭޒަލްގެ ދަތްދޮޅީގައި ކަނާއަތުން ހިފަހައްޓާލުމާއެކު ނިތުގައި ދާރިއަން ބޮސްދިނެވެ. ވަގުތުކޮޅަކަށް ހޭޒަލްއަށް ބަލަހައްޓައިގެން ހުރުމަށްފަހު ކޯތާފަތުގައި އިނގިލިތަކުގެ ނުފުށުން ފިރުމާލުމަށްފަހު ދާރިއަން ކޮޓަރިން ނުކުތެވެ. އޭނާގެ ފަހަތުން ހޭޒަލް އައެވެ. އެޕާޓްމެންޓުގެ ދޮރުން ނުކުމެ އެލެވޭޓާއަށް އަރަންދެން ދާރިއަންއަށް ފެންނަ ހިސާބުގައި ހޭޒަލް މަޑުކުރިއެވެ. އެލެވޭޓާގެ ތެރެއަށް ވަންނަމުން ދާރިއަން ލުއި ހިނިތުންވުމެއް ހަދިޔާކުރިއެވެ. އެހެންނަމަވެސް އެ ހިނިތުންވުމުން ހޭޒަލްގެ މެޔަށް ވޭންލިބުނެވެ.
"ވައި؟ ވައި ދާރިއަން؟ ތިހާ ލޯބިން ތިއުޅެނީ ކީއްވެތަ؟ އަހަންނަށް ކޮށްދެވުނީ ކޮންކަމެއް؟ އެނގޭތަ! އަހަރެން ދާރިއަންއަށް އާދަވާން ފަށައިފި، ތި ދޭ ޚާއްޞަކަމަށް ހިތްޖެހިއްޖެ، އެކަމަކު... އަހަންނަށް! އަހަންނަށް ދާރިއަން އެދޭ ފަދަ ލޯތްބެއް ނުދެވިއްޖެއްޔާ، އަހަރެންނަކީ އުނި އަންހެނަކަށް ވެއްޖެއްޔާ...އަހަންނަކީ ފިރިމީހާގެ އެދުންތަކަށް ބިރުން ފިލާމީހެއް، އަހަރެން ބޭނުންވިޔަސް އަހަންނަށް ދާރިއަންގެ ޚާއްޞަކަމާއި ތި ލޯބި ހައްޤެއްނޫން" އެލެވޭޓާއާ ދިމާއަށް ބަލަން ހުރި ހޭޒަލްގެ ހިތުގެ ރިހުން އަޑުއިވުނެވެ. ދާރިއަންގެ ޢާއިލާގެ ގާތަށް ދިޔަ ދުވަހު އެ ދެމެދުގައި ހިނގައިދިޔަ ކަންތައްތައް މަތިން ހޭޒަލްއަށް ހަނދާންނައްތައެއް ނުލެވުނެވެ. ތަކުރާރުކޮށް އެ ޚީޔާލުތައް ސިކުނޑިއަށް ވެރިވަނީއެވެ. ކުރެވުނީ ކޮށްގެންނުވާނޭ ކަމެއްކަން އޭނާގެ ޟަމީރު ހަނދާންކޮށްދެނީއެވެ. ސިކުނޑިއަށް ވެސް މިފަހަރު ރަނގަޅުވީ އަމިއްލަ ޟަމީރުގެ ނިންމުމެވެ. ހިތުގެ ޖަޒުބާތުތަކަށް އެމީހުން ގަދަރެއްނުކުރިއެވެ.
ސާއިރާގެ ކޮޓަރިއަށް ހޭޒަލް އައިސް ވަންއިރު މަންމަ އުޅެނީ އެނދުގެ ތަންމަތި ބަދަލު ކުރާށެވެ. އެމަސައްކަތުގައި ހޭޒަލް ބައިވެރިވިއެވެ. ދަރިފުޅުގެ ހިމޭންކަން ސާއިރާ ދެނެގަތެވެ. ތަންމަތި ބަދަލުކޮށް ނިމުމުން ސާއިރާ އެނދުގައި އިށީނީއެވެ. ހޭޒަލްއާ ވާހަކަދައްކާލަން ގަސްދުކޮށެވެ. އެހެންނަމަވެސް ހައިރާންކަން ލިބުނީ ހޭޒަލް އެނދަށް އަރައި ސާއިރާގެ ފައިގަ ބޯއަޅާލުމުންނެވެ. ސާއިރާ ގޮވާލުމުން ނިކަން އަވަހަށް އެދުނީ މަންމަގެ އުނގުގައި ބޯއަޅާލައިގެން އޭނާ އޮތަ ދިނުމަށެވެ. ކަމަކާ ދަރިފުޅު ފިކުރުބޮޑުވެގެންކަން އެ އުޅެނީ ސާއިރާއަށް ޔަގީންވިއެވެ.
"ދެ ހަފްތާ ތެރޭ ދަރިފުޅުމެން ފުރާނެ، ވަރަށް ފަޅުވާނެ ގޭތެރެ، ޒެއްލު! ވަރަށް ދުޢާކުރައްޗޭ، ދަރިފުޅަށް ލިބޭ ހުރިހާ ނުތަނަވަސްކަމެއް ފިއްލަވާ ދެއްވުމަށް ދަންނަވާތި އިނގޭ، ކުރެވޭ ދުޢާ އިޖާބަކުރައްވާނޭކަމުގެ ޔަގީންކަން ބާއްވާތި، ކުރެވޭނޭ މަގުފަހި ފަހިވުމުން ޒުވާން އުމުރުގައި ޙައްޖުވުން ރަނގަޅީ، ދާރިއަންއަކީ ދަރިފުޅަށް ލެއްވި ނަސީބެއް" ސާއިރާ ވާހަކަދެއްކިއެވެ.
"މަންމާ! އަޅުގަނޑަކީ ދާރިއަންއަށް ލެއްވި ނަސީބަކަށް ނުވެއްޖެއްޔާ..." ހޭޒަލް ބުނަން އުޅުނު އެއްޗެއް ފުރިހަމައެއްނުކުރިއެވެ.
"ތި ދެކުދީން އެކުގައިވުމަށް ޚިޔާރުކުރެއްވީ ﷲ، އެހެންވީއިރު ތި ދެކުދީންނަކީ އެކަކުއަނެކަކުގެ މައްޗަށްވާ ފިނިކަމެއް" ހޭޒަލްގެ ބޮލުގައި ސާއިރާ ފިރުމާލިއެވެ.
"ދަރިފުޅު ހިތްހަމަނުޖެހޭ ސިފައެއް ދާރިއަންގެ ހުރިއްޔާ އެކަން ބުނަންވާނެ، އޭނާގެ ގާތުގައި ބުނެގެން ރަނގަޅުކުރެވޭނީ" ސާއިރާ ބުންޏެވެ.
"އާދައިގެ އިންސާނެއްގެ ފުށުން އެހާ ފުރިހަމަކަން ފެނިދާނޭ ހިޔެއްނުކުރަން، ގޯސް ސިފައެއް ފެނިގެންނު ރަނގަޅުކުރަން ބުނެވޭނީ، އެކުގައި އުޅޭތާ މިވީ ފަސް މަހުގެ ތެރޭ އެއްފަހަރު ވެސް ގޯސްކަމެއް ކުރަނިކޮށް ނުފެނޭ، އެއީ މާތް މީހެއް، އޭނާއާ ގުޅެނީ ވެސް އޭނާ ކަހަލަ މާތް އަންހެނެއް..." ހޭޒަލްއަށް ބުނެވުނެވެ. ސާއިރާ ކަންބޮޑުވީ ހޭޒަލްގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވެލީމައެވެ.
"ދަރިފުޅު ތިވިސްނުން އަދި ރަނގަޅެއްނޫން، ދާރިއަންގެ އަނތްބަކީ ތީ، އޭނާއަށް އެހެން އަންހެނެއް ރަނގަޅުވާނޭ ހީކުރުމަކީ ގޯހެއް، އެ ހުރިހާ އަންހެނުން ތިއްބަ އޭނާގެ އަނތްބަކަށް ޒެއްލުވީ، ދާރިއަންއަށް އިތުބާރުކުރަން ދަސްކުރޭ، މަންމަ ކުރިން ވެސް ބުނިން... އެއްވެސް މީހަކު ނުކުރާ ކުށަކަށް ސަޒާ ލިބިގެންނުވާނޭ، މަންމަ ވެސް ދެވަނަ ކައިވެންޏެއް ކުރީ ވަރަށް ބިރުން ހުރެ، އެކަމަކު މިއަދު ބަލާބަލަ... މިއަދު ހިތަށް އަރާ ފުރަތަމަ ވެސް ރިޒްވާނާ އިނދެވުނު ނަމައޭ" ސާއިރާ ހިނިތުންވެލިއެވެ.
* * * * *
ފުރުމުގެ ކުރީން އެންމެންނާ ބައްދަލުކުރަން ހޭޒަލް ގަސްދުކޮށް ނުކުތީ ހަވީރުގެ ވަގުތުގައެވެ. އޭނާ ފުރަތަމަ އައީ ނަޝާގެ ގާތަށެވެ. އެކުވެރީންގެ ތެރެއިން މިހާރު އޭނާގެ ދިރިއުޅުމުގައި ހުރި ހަމައެކަނި އެކުވެރިޔާއެވެ. ނަޝާއާއި އޭނާގެ ޢާއިލާއާ ބައްދަލުކުރުމަށްފަހު ހޭޒަލް އައީ އިޝްވާގެ ގެއަށެވެ. ދާރިއަންއާއެކުއެވެ.
"އަންނަ ވާހަކަ ބުނީއްސުރެ އިންތިޒާރުގަ" ދޮރު ހުޅުވާލައިގެން ހުރި އިޝްވާ ބުންޏެވެ. ދާރިއަންއާއި ހޭޒަލްއަށް އެތެރެއަށް ވަންނަން ފުރުޞަތު ދިނެވެ.
"އެހެން ރައްޓެއްސެއް ކައިރިއަށް ވަދެލާފަ މިއައީ" ހޭޒަލް ބުންޏެވެ.
"ސައިބޯންވީނު... ކާން ވެސް ހުންނާނެ... ކޯއްޗެއް ގެނެސްދޭންވީ، އާދެބަލަ! ސޯފާގައި އިށީންނާނީތަ؟ ބަދިގެއަށް ދޯ ދާނީ" އިޝްވާ އަވަސްއަރުވާލާފައި ވާހަކަދެއްކިއެވެ. ހޭޒަލް އެގެއަށް އައި ފުރަތަމަ ފަހަރު ކަމަށްވާތީ އިޝްވާ ހުރީ ނުހަނު އުފަލުންނެވެ. އޭނާގެ އެންމެ ޚާއްޞަ "ފޭވަރިޓް" ޖޯޑުކަމުގައި ހޭޒަލްއާއި ދާރިއަންވެއެވެ. އެމީހުން އެގެއަށް އައުމަކީ އޭނާއަށް ކުޑަކަމެއްނޫނެވެ.
"ދޮންތީ!... ނޭވާ ލާފަ ވާހަކަދައްކަބަލަ" ސިޓިންރޫމު ސޯފާގައި އިން ޒުވާނަކު ބުނެލިއެވެ. އިޝްވާ ހީނގަތެވެ.
"މައި ބްރޯ... އެންމެ ކުޑަ" ހޭޒަލްއަށް ބަލާލާފައި އިޝްވާ ބުނެލިއެވެ.
"ހޭޒަލް މީ ޖިޔާން... ޖޭ! މީ ދޮންތިއާ މިހާތަނަށް ދިމާވި އެންމެ ބެސްޓް ގާލް" އިޝްވާ ތަޢާރަފްކޮށްދިނެވެ. ހޭޒަލްއާއި ދާރިއަންއަށް ބަލާލާފައި ޖިޔާން އަތް ހޫރާލިއެވެ. ދާރިއަންއާ ކުރިން ބައްދަލުވެފައި އޭނާ ޖިޔާންއަށް ނިތްއަރުވާލީއެވެ.
"ހިނގާބަލަ... އޮންނާނެ ގިފްޓެއް ވެސް" އިޝްވާ ހިނގައިގަންނަމުން ހޭޒަލްގެ އަތުގައި ހިފާލިއެވެ. ދާރިއަން ހިނގައިގަތުމުން އިޝްވާ އޭނާ ހުއްޓުވިއެވެ. ޖިޔާން ކައިރީ ސޯފާގައި މަޑުކުރުމަށް ބުނެފައި ހޭޒަލް ގޮވައިގެން އިޝްވާ އައިސްވަނީ ކޮޓަރިއަށެވެ.
"މެރީޑް ލައިފް ޑިފިކަލްޓްތަ؟" ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމާއެކު އިޝްވާ ބުނެލިއެވެ. ހޭޒަލް ބޯޖަހާލިއެވެ.
"ދާރިއަން ވަރަށް ޕޭޝަންޓްވާނެ، ޑޯންޓް ވޮރީ... މަޑުމަޑުން ދިރިއުޅުން ހަމަޖެހޭނެ، ކުރީގެ ދިރިއުޅުމާ، މިހާރު ފެށި ދިރިއުޅުން އަޅާ ނުކިއްޗޭ، އެ ޚިޔާލުތަކުގައި ވަގުތުތަކެއް އިތުރަށް ބޭކާރުކޮށްނުލައްޗޭ، ހުރިހާކަމެއް ދޫކޮށްލާފައި މިހާރު ބަލަންވާނީ މިދިރިއުޅުމަށް ފުރުޞަތުދޭން، ޙައްޖުގެ އަޅުކަން ފުރިހަމަކުރުމަށްފަހު އެނބުރި އަންނައިރު ބުނެއެންނު އަލުން އުފަންވުން ފަދައޭ، އާ ދިރިއުޅުމެއް ފެށުމަށް އެއަށްވުރެ ބޮޑު ފެށުމެއް ކޮބާ" އިޝްވާ ދެއަތްއުރާލުމާއެކު ހިނިތުންވެލިއެވެ. ހޭޒަލް ބޯޖަހާލީ އޭނާގެ ވާހަކައާ އެއްބަސްވުމުގެ ގޮތުންނެވެ.
"އަހަރެން އެއްވެސް ވަރަކަށް އުންމީރުކުރި ހިސާބަކަށްނޫން މިހުރީ އާދެވިފަ، ދުވަހަކު ޚިޔާލަށް ވެސް ނުގެންނަން ދާރިއަންއާ އިންނާނެއެކޭ...އެހެންވިޔަސް މިހާރު އަހަރެންމީ ދާރިއަންގެ އަނތްބެއް، އަހަރެން ހީނުކުރާހާ އޭނާ ރަނގަޅު، އިޝްވާ ބުނިހެން އޭނާ ވަރަށް ކެތްތެރި، އެއްވެސް ފިރިހެނަކު ކެތްނުކުރާނޭ ވަރަށް އޭނާ ކެތްތެރިވޭ، އަހަރެން ވަރަށް ދެރަވޭ... އަހަންނަށް އޭނާގެ ހިތުގައި ޖެއްސޭތީ، އޭނާ އެދޭ ފަދަ އަނތްބަކަށް އަހަންނަށް ނުވެވޭތީ... އަހަރެން ގަސްދުގައެއްނޫން އެހެން ހަދަނީ" ހޭޒަލްގެ ވާހަކަ އިވި އިޝްވާ އައިސް ނިކަން އަވަހަށް އޭނާގެ އަތުގައި ހިފާލިއެވެ.
"އިޓްސް އޯކޭ... ކައިވެނި ހަމަޖެހުނީ ވަރަށް އަވަހަށް، ދާރިއަންއަށް އެވަރު ވިސްނޭ، އޭނާ ކެތްތެރިވަނީ އެހެންވެ، އޭނާ ވަރަށް ލޯބިވޭ ހޭޒަލްދެކެ، އަހަންނަށް އެނގޭ ހޭޒަލް ދިރިއުޅުމަށް ފުރުޞަތުދޭކަން، ކޮންމެ ކަމަކަށް ވެސް ވަގުތު ނަގާނެ، ﷲ ހޭޒަލްއަށް މަގުދަކަވާނެ، ތި ބުރަކަށް އިރާދަކުރެއްވިއްޔާ ފިލާފާނެ، ހޭޒަލްއަށް ދާރިއަން ކަމުގޮސްފި... އެހެންނު" ލާނެތް ހިނިތުންވުމެއް އިޝްވާ ބަދަލުކޮށްލިއެވެ. ހޭޒަލްއަށް ލަދުން އިސްޖަހާލެވުނެވެ.
"ހީ އިޒް ޑިފަރެންޓް، އައި ތިންކް އައި ލައިކް އިޓް" ހޭޒަލް ބުނެލިއެވެ. އެއާއެކު އިޝްވާގެ ހުނުން ބާރުވެލިއެވެ. އުފަލުން ހޭޒަލްގެ ގައިގާ އިޝްވާ ބައްދާލީ ހެމުންހެމުންނެވެ. ދެން އޭނާ ހޭޒަލް ގާތު މަޑުކޮށްލުމަށްބުނެ އަލަމާރިކައިރިއަށް އައެވެ. ފާރުގައި ޖައްސާފައި ހުރި ކެންވަސްއެއް ނެގިއެވެ. އެ ނިވާކޮށްފައި އޮތް ފޮތިގަނޑު ނަގަމުން އެ ހިފައިގެން ހޭޒަލްގެ ގާތަށް އަތުވެއްޖެއެވެ.
"މީ ހޭޒަލްއަށް" ކެންވަސް ދައްކާލަމުން އިޝްވާ ބުންޏެވެ. ހޭޒަލް އަޖައިބުވިއެވެ. ނިކަން އަވަހަށް އެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"އަހަރެންގެ އޮފީހުން ހޭޒަލްއަށް ހަމައެކަނި ކަމުދިޔައީ މި ކުރެހުން، މިފެންނަނީ ދާރިއަންއާއި ހޭޒަލްގެ އަތްކަން މިހާރު ޔަގީން" ހިނިއައިސްފައި ހުރެ އިޝްވާ ބުންޏެވެ. ހޭޒަލް ފަރުވާތެރިކަމާއެކު އެ ކުރެހުމަށް ބަލާލިއެވެ.
"މީ އޮފީހުގައި އިން ކުރެހުމެއްނޫން ދޯ، އޭގައި މީހެއްގެ ނަން ޖަހާފައި އިން... އެކަމަކު ކުރެހުންގަނޑުގައި އެއްވެސް ތަފާތެއްނެތް" ހޭޒަލް ބުންޏެވެ.
"އަހަރެންގެ ފްރެންޑެއްގެ ކުރެހުމެއްތީ، އޭނާގެ ކަލެކްޝަނުން ފެނިގެން އަތުން އަހަރެން އަތުލީ... ހެ ހެ ހެ، ފަހުން އަހަރެން މީހަކަށް ހަދިޔާކުރަން އުޅޭ ވާހަކަ ބުނުމުން އޭނާގެ ނަން ފުހެލީ، ވެޑިންގަ ދޭން ހުރީ، އެކަމަކު އޭރު ކުރެހުންވީ އޭނާގެ އަތުގައި" އިޝްވާ އޮޅުން ފިލުވައިދިނެވެ. ހޭޒަލްގެ ނަޒަރު އަނެއްކާ ވެސް ކުރެހުމަށް ހުއްޓުނެވެ. އޭނާ އެކުރެހުން ފެނި އެތައް ފަހަރަކު ސުވާލު އުފެދުނެވެ. އެ ކުރެހުމުން ފެންނަ ދެއަތާ މެދުއެވެ. އެތަނުން އަނެއްއަތުގައި ހިފަން އުޅެނީކަމެއް ނޫނީ އަތުން ދޫކޮށްލީކަމެއް ނޭނގެއެވެ. އެ ދެގޮތް ވެސް އެ ކުރެހުމުން ސިފަވެއެވެ. ހޭޒަލްގެ ހަޔާތާ އެ ކުރެހުން ގުޅޭކަން އިޙްސާސް ކުރެވުނެވެ.
ދާރިއަންގެ ގާތަށް ހޭޒަލްއާއި އިޝްވާ އެނބުރި އައީ ކެންވަސް ހިފައިގެންނެވެ. އެ ފެނުމުން ދާރިއަންއަށް ހީނލެވުނެވެ. ފުރަތަމަ ފަހަރަށް އިޝްވާގެ ޢާއިލާގެ މެންބަރުންނާ ހޭޒަލްއާ ބައްދަލުވިއެވެ. އިޝްވާގެ މަންމަ ޖިޔާއަށް ދާރިއަން ކައިވެނިކުރަން އެނގުނެއްކަމަކު އެ ޙަފުލާގައި ބައިވެރިއެއް ނުވެވުނެވެ. އެގެއަށް ޒުކަން އޮތީ ދަޢުވަތު ކާޑު ފޮނުވާފައެވެ. އެހެންވެ ދާރިއަންގެ އަންހެނުންނާ ބައްދަލުވުމުން އޭނާ ވަރަށް އުފާވިއެވެ. ހަޤީޤަތް ނޭނގޭ މީހަކަށް ހީވަނީ އެއީ ވެސް ދާރިއަންގެ މަންމައެއް ހެންނެވެ. އެންމެންނަށް ވެސް ދާރިއަންގެ ޚާއްޞަކަން ފާހަގަވެޔޭ ހޭޒަލްގެ ހިތަށް އެރިއެވެ. އެ ޚާއްޞަކަން އޭނާއަށް ވެސް އަސަރު ފޯރުވާކަން ގައިމެވެ. ލުއި ހިނިތުންވުމަކާއެކު ދާރިއަންއަށް ބަލަން ހޭޒަލްއަށް އިނދެވުނީއެވެ.
* * * * *
ޙައްޖުގެ އަޅުކަމަށް މީހުންތައް އެއަޕޯޓަށް ޖަމާވެފައި ވެއެވެ. ހޭޒަލްއާއި ދާރިއަންއަށް ހެޔޮއެދޭ އެންމެން އެތަނުގައި ތިއްބެވެ. ރިޒްވާނުގެ ގާތުގައި ހޭޒަލް މަޑުކޮށްލައިގެން ހުއްޓެވެ. އެންމެ ވަގުތުކޮޅަކަށް ވެސް އޭނާ އެ ބައްޕާ ދުރަކަށް ނުދެއެވެ. ރިޒްވާނު ދަރިފުޅާ ވަކިވުމުގެ ކުރީން ވަރަށް ގިނަ ނަސޭޙަތް ދިނެވެ. އެންމެން އެ ދެމަފިރިންނާ ސަލާމްކުރިއެވެ. އެންމެ ފަހު މީހަކަށް އެ ދެމަފިރިންގެ ގާތުން ދުރަށް ދިޔައީ ރިޒްވާނެވެ. ދާރިއަންގެ ގައިގާ ބާރަށް ބައްދާލުމާއެކު ހޭޒަލްގެ މައްޗަށް ރައްކާތެރުވުމަށް އެދުނެވެ. ދެކުދީން ވެސް ބަލައިގެން އުޅުމަށް ބުންޏެވެ. ބައްޕަގެ ހިތްބިރުގަތުމުގެ މައްޗަށް ދާރިއަންގެ އިތުބާރު އެ ބައްޕައަށް ދިނެވެ. ﷲ އިރާދަކުރެއްވިއްޔާ އަޅުކަން ފުރިހަމަކޮށް އެނބުރި އަންނާނީ އަނބިމީހާއާއެކު ކަމަށް ދާރިއަން ބުންޏެވެ.
(ނުނިމޭ)