ހަބަރު

ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމުގެ ސަގާފަތް މި ސަރުކާރުން ދިރުވާ

Mar 15, 2020

ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމުގެ ސަގާފަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ދިރުވަމުން އަންނަ ކަމަށް މާލެ ސިޓީ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ނެރުނު ޖަޒީރާ މެނިފެސްޓޯގައި ހިމެނޭ "ފަނޑިޔާރުންގެ ޒާތީ މަސްލަހަތާއި ތަައައްސަބުން އެއްކިބާވެފައިވާ ޖުޑީޝަލް ސާވިސް ކޮމިޝަނެއް ގާއިމް ކުރުން"ގެ ފޮޓޯއެއް ޓުވީޓު ކުރައްވަމުން އަލްހާން ވިދާޅުވީ ސަރުކާރުން ފަނޑިޔާރުގެތަކަށް އަތްބާނާ ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ ސަގާފަތް ދިރުވަމުންދާ ކަން ރައްޔިތުންނަށް ހަނދާންކޮށް އަރުވާ ކަމަށެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ބުނެފައިވާ ގޮތުން ފަނޑިޔާރުންނަށް ފާރަވެރިވެ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ބެލެހެއްޓުމަށް އޮތް ޖޭއެސްސީއެއް އެކުލެވިގެންވާ ގޮތަށާއި އެކުލަވާލާ ގޮތަށް ބަދަލު ގެންނަން އެމްޑީޕީން ހުށަހަޅާނެ ކަމަށެވެ. އަދި ފަނޑިޔާރުންގެ ޒާތީ މަސްލަހަތާއި ތަައައްސަބުން އެއްކިބާވެފައިވާ ކޮމިޝަނެއް އެކުލަވާލާނެ ކަމަށް އެ މެނިފެސްޓޯގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ޖޭއެސްސީގެ މެންބަރުން ކަނޑައަޅާއިރު ފަނޑިޔާރުންނާއި މަގާމްގެ ހައިސިއްޔަތުން އައްޔަން ކުރެވޭ ފަރާތްތައް އެ ކޮމިޝަންގައި ނުހިމަނާނެ ކަމަށާއި ޖޭއެސްސީގައި ހިމެނޭ ހުރިހާ މެންބަރުންނަކީ އާންމު ރައްޔިތުންގެ ތެރެއިން ބަޔަކަށްވުމާއެކު އެއްވެސް މެންބަރަކީ ވަކި ދާއިރާއަކަށް ހާއްސަ މެންބަރަކަށް ވާން ނުޖެހޭ ގޮތައް ހުށަހަޅާނެ ކަމަށް މެނިފެސްޓޯގައި ބުނެފައިވެ އެވެ. އަދި މެންބަރުންގެ ޝަރުތުތަކު ތެރޭގައި ޑިގްރީއެއް އޮތުމާއި ކުށުގެ ރެކޯޑެއް ނެތުން ފަދަ ޝަރުތައް ވެސް ހިމަނާނެ ކަމަށް ބުނެފައިވެ އެވެ.

އެ ވާހަކަތަކަށް އިޝާރާތްކޮށް އަލްހާން ވިދާޅުވީ މި ވައުދުތައް ނުފުއްދޭންވީ ސަބަބެއް ނެތް ކަމަށެވެ. އަދި ނުފުއްދެނީ ކީއްވެ ކަމާއި ބަޖެޓު ނެތީތޯ އަލްހާން ސުވާލު އުފެއްދި އެވެ.

އަލްހާން ކުރެއްވި ޓުވީޓް

މި ސަރުކާރު އައުމުގެ ކުރިން ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނާއި މަޖިލީހުގައި މިހާރު ވެސް ތިއްބެވި ގިނަ މެންބަރުން އެންމެ ހަރު އަޑުން ދެއްކެވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ ވާހަކައެވެ. ނަމަވެސް ވެރިކަން ލިބި، މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުން އެ އަޑުކެނޑި ވަނީ ކެނޑިފައެވެ.

ޖޭއެސްސީގައި ތިއްބަވަނީ މަޖިލީހުގެ ރައީސް އާއި، މަޖިލީހުގެ މެންބަރަކާއި، މަޖިލީހުން ކަނޑައަޅާ އާންމުންގެ މީހަކާއި، ރައީސް ކަނޑައަޅާ ބޭފުޅަކާއި، ބަންޑާރަ ނައިބު އާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުން ފަނޑިޔާރަކާއި، ވަކީލުންގެ ތެރެއިން މެންބަރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އެވެ.

އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް ލިބިފައި އޮތްއިރު، ކުރިން ޖޭއެސްސީ އޮތް އެކުލެވުމާއެކު ޖޭއެސްސީގެ މަސައްކަތްތައް ކުރިއަށް ދާތީ އެ ޕާޓީއަށް ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ. އަދި ޖޭއެސްސީގައި ނަޝީދު އިންނަވައިގެން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ތުހުމަތު ވެސް ކުރެ އެވެ. ނަމަވެސް އެ ތުހުމަތުތައް ދޮގުކޮށް ޖޭއެސްސީއިން ދުރަށް ވަޑައިގަތުމަކީ ގައުމަށް ލިބޭނެ އެންމެ ބޮޑު ދެރަ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.