ހަބަރު

ގާޒީ ހައިލަމަށް އަލްހާން ފައިސާ ދިން މައްސަލައެއް ބަލަނީ

ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމަށް ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ފައިސާތަކެއް ދިން މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

މި މައްސަލަ ބެލުމަށް ނިންމީ މިއަދު ބޭއްވީ ޖޭއެސްސީގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމަށްފަހު ޖޭއެސްސީއިން އާންމުކުރި ބަޔާނުގައި ބުނީ ގާޒީ ހައިލަމްއާއެކު އަލްހާންގެ ދެ ލައްކަ ރުފިޔާގެ ޓްރާންސެކްޝަނެއް ހިންގާފައިވާކަން ފާހަގަ ކުރެވިގެން ފުލުހުން ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.

އެ ޓްރާންސެކްޝަން ހިނގާފައިވަނީ މި އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު އެވެ. ފުލުހުން އޭގެ މައުލޫމާތު ޖޭއެސްސީއަށް ހިއްސާކޮށްފައިވަނީ އިއްޔެ އެވެ. އެއީ ގާޒީއަށް ތުހުމަތުވާ ސީރިއަސް މައްސަލަތަކަށްވާތީ އެ މައްސަލަ ބަލަން ނިންމީ ކަމަށް ޖޭއެސްސީއިން ބުންޏެވެ.

މި ޓްރާންސެކްޝަންގެ މައުލޫމާތު އެމްއެމްއޭއިން ފުލުހަށް ހިއްސާކޮށްފައިވަނީ ޖުލައި މަހުގެ 25 ވަނަ ދުވަހު އެވެ. ނަމަވެސް ޖޭއެސްސީއާ ފުލުހުން އެ މައުލޫމާތު މިވިހާ ދުވަހު ހިއްސާކޮށްފައިނުވާތީ އޭގެ ކަންބޮޑުވުން ޖޭއެސްސީއިން ފާޅުކުރި އެވެ.

ޖޭއެސްސީއިން ބުނީ މައްސަލާގައި އެކަށީގެންވާ ފިޔަވަޅު ފުލުހުން އަޅާފައިނުވާ ކަމަށް ގަބޫލު ކުރެވޭތީ އެކަން ބެލުމަށް ރައްޔިތުންގެ މަޖިލީހަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަދި ނޭޝަނަލް އިންޓިގްރިޓީ ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.

ގާޒީ ހައިލަމަށް ފައިސާތަކެއް ދިން މައްސަލައެއް ފެންމަތިވެފައިވާއިރު އިއްޔެ ޖޭއެސްސީއިން ވަނީ އޭނާ ސަސްޕެންޑްކޮށްފަ އެވެ. ހައިލަމް ސަސްޕެންޑް ކޮށްފައިވަނީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުއްވުމަށް ކުރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގުރޫޕަކަށް ފޮނުއްވި މެސެޖަކާ ގުޅިގެންނެވެ. އެ މެސެޖްގައި ވަނީ ރައީސް ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހާފައިވާ ކުރެހުމެކެވެ.

އެ ކުރެހުން ފޮނުވުނީ އޮޅިގެން ކަމަށް ވިދާޅުވެ ގާޒީ ހައިލަމަށް މާފަށް އެދިވަޑައިގެންފައިވެ އެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ހުކުމް އިއްވުމުގެ އަޑުއެހުމުގެ ގަޑިއިރުތަކެއް ކުރިންނެެވެ. އެ ޝަރީއަތް ވަނީ ކެންސަލްކޮށްފަ އެވެ. ރައީސް ޔާމީންގެ މައްސަލައާ ގުޅިގެން ވެސް ގާޒީ ހައިލަމް ރިޝްވަތު ނަންގަވާފައިވާ ކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވަނީ ތުހުމަތު ކުރައްވާފަ އެވެ.