ބަލާއާފާތެއްގެ ގޮތުގައި ދުނިޔެއިން ކަނޑައަޅާފައިވާ ކޮރޯނާ ވައިރަހަށް ޓެސްޓު ކުރަން ބޭނުން ކުރާ 5000 ކިޓް ވޯލްޑް ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަދިޔާ ކޮށްފި އެވެ.
މި ކިޓްތައް ހަދިޔާ ކޮށްފައި ވަނީ ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ޓެސްޓް ކިޓް ތަކާއި ރާއްޖެއިން ހަވާލުވެ ވަޑައިގަތީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. މީގެ ކުރިން ވެސް ޑަބްލިއުއެޗްއޯ އިން ވަނީ ރާއްޖެއަށް 1000 ކިޓް ހަދިޔާކޮށްފަ އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ، ކޮރޯނާ ވައިރަހަށް ރާއްޖޭގައި ޓެސްޓް ކުރުމުގެ ގާބިލްކަން އިތުރު ކުރަން މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކު މިއަދު ރާއްޖެއަށް 5000 ޓެސްޓް ކިޓް ލިބުނީ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި އެންމެ ފުރަތަމަ މި ބައްޔަށް ޓެސްޓް ކުރަން ފެށުނީވެސް ޑަބްލއިުއެޗްއޯގެ އެހީތެރިކަމާއެކު ކަމަށެވެ.
ޑަބްލިޔުއެޗްއޯ އާއި ރާއްޖެއާ ދެމެދު ޒަމާނުއްސުރެ ކައިރި ގުޅުމެއް އޮވެއެވެ. ސިއްހީ ކަންކަމުގައި ރާއްޖެއިން އަޅާ ފިޔަވަޅުތަކަށް އެ ޖަމިއްޔާއިން އަބަދުވެސް ތައުރީފު ކުރެއެވެ.
އަމީން ވިދާޅުވީ ކޮވިޑް-19 ހަލުއި ކަމާއެކު ދިވެހިންގެ ތެރޭގައި ފެތުރޭ ފަދަ ހާލަތެއްގައި ވީ އެންމެ އަވަހަކަށް ޓެސްޓް ކުރެވޭނެ ނިޒާމު މިހާރު ގާއިމްކުރެވިފައިވާ ކަމަށާއި އެ ގާބިލްކަން އިތުރަށް ފުޅާ ކުރަން ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ.
"ކޮރޯނާ އަށް ޓެސްޓް ކުރެވޭ އަދި ފަރުވާ ދެވޭ އެންމެ ޒަމާނީ ވަސީލާތްތަށް ހުންނާނީ ގާއިމް ކޮށްފަ. މިހާރު މަސައްކަތް ކުރަމުން މިދަނީ މި ބަލި ރާއްޖޭގެ އެކި ސަރަހައްދުތަކުގަ ފެތުރިއްޖެ ހާލަތެއްގަ އެ ސަރަހައްދުތަކުން އަމަލު ކުރަންވީ ގައިޑްލައިންތަކާއެކު ޓެސްޓް ކުރެވި އަދި ފަރުވާދެވޭނެ އިންތިޒާމުތައް ހަރުދަނާ ކުރުމަށް،" އޭނާ ވިދާޅުވި އެވެ.
އަމީން ވިދާޅުވީ މި ބަލި އަތޮޅުތަކުގެތެރޭގައި ފެތުރިއްޖެ ހާލަތެއްގައި މާލޭގައި އޮޕަރޭޝަން ސެންޓަރުތައް ގާއިމް ކޮށްފައިވާ ގޮތަށް އަތޮޅުތަކުގައިވެސް އޮޕްރޭޝަން ސެންޓަރުތަކެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށާއި ކައުންސިލްތަކާއި ކަމާބެހޭ މުއައްސަސާތަކުގެ ދައުރުވެސް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން އަމީން ވިދާޅުވީ މިވަގުތަކީ ރާއްޖޭގައި ތިބި ހުރިހާ ފަންނީ ބޭފުޅުންނާއި ސިއްހީ ދާއިރާގެ ބޭފުޅުންގެ އެހީތެރިކަން ގައުމަށް އެންމެ ބޭނުންވާ ވަގުތު ކަމަށާއި އެހެން ކަމުން ގޭގައި ނުތިއްބަވާ ހިދުމަތަށް ނިކުތުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެހީތެރިކަން ފޯރުކޮށްދޭން ހިދުމަތަށް ނިކުންނަން ބޭނުންވާ ފަރާތްތަކުން ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީވުމަށް ވެސް އެދިވަޑައިގެންފައި ވެއެވެ.
އައިޖީއެމްއެޗުން ބުނީ ކޮރޯނާ ވައިރަހަށް ޓެސްޓް ކުރެވޭ މީހުންގެ ނަތީޖާ ވީއެންމެ އަވަހަކަށް ގެނެސްދިނުމަށް އެ ހޮސްޕިޓަލުގެ ލެބޯޓަރީ މުވައްޒަފުން ކެނޑިނޭޅި 24 ގަޑިއިރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރާއްޖޭގައި ކޮރޯނާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 11 އަށް އަރާފަ އެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހެކެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ. ކޮރޯނާ އާ ގުޅިގެން 30 ދުވަހުގެ މުއްދަތަށް އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާންކޮށްފަ އެވެ.