ހަބަރު

ދިރާސީ އަހަރު ފެށޭއިރު ޓީޗަރުންނަށް މުސާރައިގެ ކުރިއެރުން ލިބޭނެ: ރައީސް

Jan 6, 2015

ދިރާސީ އަހަރު ފެށޭއިރު ޓީޗަރުންގެ މުސާރަ، މުސާރައިގެ ތިން ބައިކުޅަ އެއްބަޔަށްވުރެ ކުޑަ ނުވާވަރުގެ ކުރި އެރުމެއް ޓީޗަރުންނަށް ލިބޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ. 

ސްކޫލްތައް ހުޅުވައި އަލުން ކިޔަވަން ފަށާނީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

ކުޅިވަރުގެ ގައުމީ ސްކޮޑްތަކުގައި ހިމެނޭ ކުޅުންތެރިންނަށް މުސާރަ ދިނުމުގެ ސްކީމް އިފުތިތާހު ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ ޓީޗަރުންގެ މުސާރައިގެ އޮނިގަނޑުގެ ކަންކަން ގޮސްފައިވާ ގޮތް އަވަސްކޮށް އިއުލާން ކުރަން އެމަނިކުފާނަށް ލިބި ވަޑައި ނުގެންފާނެތީ އާއި އެއީ ވަރަށް ގިނަ ބައެއްގެ ޝައުގުވެރިކަން އޮތް ކަމަކަށްވާތީ ޓީޗަރުންގެ މުސާރައިގެ މައްސަލައިގައި މިހާރު ހޯދާފައިވާ ހައްލު އިއުލާން ކުރައްވަން މިރޭ ގަސްދު ކުރެއްވީ ކަމަށެވެ. 

"ދިރާސީ އަހަރު ފެށުމުގެ ކުރިން މިކަން ނުކުރެވޭތީ މިރޭ މިކަން އުލާން ކޮށްލަނީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަކީ މިދިއަ އަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް އެޑިއުކޭޝަން މިނިސްޓްރީ އާއި ޓީޗާސް އެސޯސިއޭޗަނުން ކޮށްފައިވާ ކަމެއް ކަމަށާއި އަދި އެކަމަށް ވަރަށް ގިނަ ދިރާސާތަކެއް ހެދި އަދި ވަރަށް ގިނަ ކަންތަކެއް ހައްލުވެސް ކުރަންޖެހޭ ކަމަށެވެ.

"މި މަސައްކަތްތައް ރައީސް އޮފީހުގައި އަޅުގަނޑު ވަރަށް ގާތުން ކުރީ [އެހެންކަމުން] ޓީޗަރުންގެ [މުސާރައިގެ] އޮނިގަނޑަށް އަންނަ ބަދަލުތަކާއި ކަންކަން މާދަމާ ފައިނަލް ވާނެ،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑު ދޭން ބޭނުންވާ އުފާވެރި މެސަޖަކީ ޓިޗަރުންނަށް އިރާދާ ކުރެއްވިއްޔާ މި ދިރާސީ އަހަރު ފެށޭއިރު ޓީޗަރުންގެ މުސާރަ، މުސާރައިގެ ތިން ބައިކުޅަ އެއބަޔަށްވުރެ ކުޑަ ނުވާވަރުގެ މުސާރައިގެ ކުރި އެރުމެއް ޓީޗަރުންން ލިބޭނޭ،"

ޓީޗަރުންގެ މުސާރައިގެ މައްސަލައިގައި ޓީޗަރުން ވަނީ ދެ ފަހަރެއްގެ މަތިން އިތިޖާޖްކޮށްފައެވެ. އަދި އެކަމާ ގުޅިގެން ޓީޗާސް އެސޯސިއޭޝަނުން ވެސް މިދިއަ ދުވަސްތަކުގައި ގިނަ ކަންތަކެއް ރާވައި ސަރުކާރުގެ ސަމާލު ކަމަށް ގެނެސްފައެވެ. މުސާރައިގެ މައްސަލައިގައި ޓީޗަރުން އިހުތިޖާޖް ކުރުމުން ތަފާތު މައްސަލަތައް ވެސް ކުރިމަތިވި އެވެ.