ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޑިސްއިންފެކްޓް ކުރުމަށްފަހު މާގިރި ހޮޓެލް ހުޅުވައިފި

ޑިސްއިންފެކްޓް ކުރުމަށް ބަންދުކުރި މާގިރި ހޮޓާ މިއަދު އާންމުންނަށް ހުޅުވާލާނެ ކަމަށް އެ ހޮޓަލުން ބުނެފި އެވެ.

ކޮރޯނާ ވައިރަހަށް ޕޮސިޓިވްވި އިޓަލީ މީހާ މާލޭގައި މަޑުކުރީ މާގިރި ހޮޓަލްގަ އެވެ. އެކަމުގެ ސަބަބުން އެ ހޮޓާ ޑިސްއިންފެކްޓް ކުރުމަށް ބަންދުކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

އެ ހޮޓަލުން ބުނީ މުވައްޒަފުންނާއި ގެސްޓުން އަދި ކަސްޓަމަރުންގެ ސަލާމަތަށް އަޅާ ފިޔަވަޅެއްގެ ގޮތުން އިންކިއުބޭޝަން ޕީރިއަޑަށް ފަހު އަދި މުޅި ހޮޓަލުގެ ހުރިހާ ތަނެއް ޑިސްއިންފެކްޓް ކުރުމަށް އެ ހޮޓާ މިއަދު އާންމުންނަށް ހުޅުވާލާނެ ކަމަށެވެ. އަދި އެ ހޮޓަލުގެ ހުރިހާ ރެސްޓޯރަންޓެއްވެސް މިއަދު ވަނީ އާންމުންނަށް ހުޅުވާލާފަ އެވެ.

އިޓަލީ މީހާ ރާއްޖެ އައީ ޅ. ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށެވެ. ޗުއްޓީ އަށް ފަހު އޭނާ ފުރަން އެއާޕޯޓަށް ދިޔުމުން އެދުވަހު ފުރޭގޮތް ނުވެގެން އޭނާ އަނބުރާ މާލެ އައިސް މަޑުކުރީ މާގިރި ހޮޓެލްގަ އެވެ. އެ ގޮތުން އެ ހޮޓަލުގައި އޭނާ މަޑުކޮށްފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހާއި ދެވަނަ ދުވަހުގަ އެވެ.

މާގިރި ހެޓެލްގެ 15 މީހަކު އޭނާއާ އެކި ގޮތްގޮތުން ކޮންޓެކްޓުވުމުން އެ އެންމެން ވެސް ހޮޓަލުގައި ވަނީ އެކަހެރިކޮށްފަ އެވެ. އަދި އޭނާއާ ކޮންޓެކްޓްވި ޔުނިވާސަލް ޓިކެތް އޮފީހުގެ މުވައްޒަފެއްގެ ފަރާތުން އަލާމާތް ފެންނާތީ އޭނާ ވަނީ ކަރަންޓީނަށް ގެންގޮސްފަ އެވެ. އެކަމަކު އެ މުވައްޒަފު ވަނީ ވައިރަސްއަށް ނެގެޓިވް ވެފަ އެވެ.

މާގިރި ހޮޓެލުގައި މަޑުކުރި އިޓަލީ މީހަގެ ފަރާތުން ކުރެއްދޫ ރިސޯޓުގެ ޑޮކްޓަރާއި އެތަނުގައި ތިބި ޓޫރިސްޓުންތަކަށް ވަނީ ވައިރަސް ޖެހިފަ އެވެ.

ރާއްޖޭގައި ކޮރޯނާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ ތޭރައަށް އަރާފަ އެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގައި ތިބި ދެ މީހެކެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ. ކޮވިޑް-ޑިސ19އާ ގުޅިގެން 30 ދުވަހުގެ މުއްދަތަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާންކޮށްފަ އެވެ. އޭގެ ދަށުން ސަރުކާރުން ވަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅާފަ އެވެ.