ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސަފާރީތަކުން ކުނި އުކާލުމަށް ވެމްކޯ އިން ހާއްސަ އުސޫލެއް

Mar 16, 2020

ކޮވިޑް-19 އާ ގުޅިގެން، ސަފާރީތަކުން ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ހުޅުމާލޭގައި ހުންނަ ސައިޓަށް ކުނި ގެނައުމުގައި އަމަލުކުރަންޖެހޭ ހާއްސަ އުސޫލެއް އާއްމުކޮށްފި އެވެ.

ވެމްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ބައެއް ކަސްޓަމަރުން އެ ކުންފުނީގެ ހުޅުމާލޭގައި ހުންނަ ސައިޓަށް ގެންނަ ކުނީގެ ތެރޭގައި ސަފާރީތަކުން އުކާލާ ކުނި ހިމެނޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ނަމަވެސް، ސަފާރީތަކުން ކުނި އުކާލުމުގައި އެގޮތަށް އަމަލުކުރުމަކީ މިހާރު ރައްކާތެރިކަމެއް ނޫންކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެގޮތުން، ސަފާރީތަކުން ވެމްކޯގެ ހުޅުމާލޭ ސައިޓަށް ކުނި ގެނައުމުގެ ކުރިން، ސައިޓް ސުޕަވައިޒަރަށް ގުޅައި، އިރުޝާދާއި ލަފާ ހޯދުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

"މިގޮތަށް ގެނެވޭ ކުނި ހުންނަންވާނީ ކޮތަޅުލެވި، ރަނގަޅަށް ބަންދުކުރެވިފައި،" ބަންދުނުކޮށް ސަފާރީތަކުން ގެންނަ ކުނި ބަލައިނުގަންނާކަމަށް ފާހަގަކުރަމުން އެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.

އަދި ސަފާރީތަކުން ގެންނަ ކުންޏާމެދު އަމަލުކުރަން ހަމަޖެއްސި އާ އުސޫލާ އެއްގޮތަށް އަމަލު ނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ވެމްކޯ އިން ވަނީ ބުނެފަ އެވެ.

ވެމްކޯ އިން އާ އުސޫލެއް ހަމަޖައްސާފައިމިވަނީ، ސަފާރީއެއްގައި ޗުއްޓީ ހޭދަކުރަމުންދާ ދެ ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

އެ ސަފާރީގައި ތިބި ދެ މީހެއް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަން ސަރުކާރުން ހާމަކުރީ އިއްޔެ އެވެ. މިހާރު އެ ދެ މީހުން ލ. އަތޮޅަށް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ސަފާރީ ވަނީ މޮނީޓަރިން ހާލަތުގަ އެވެ. އެ ސަފާރީއިން ޓޫރިސްޓުން ފުވައްމުލައް ސިޓީއަށް ފޭބި ކަމަށް ބުނެ އަޑުތަކެއް އޮތީ ފެތުރިފަ އެވެ. އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ވަރަށް ބޮޑަށް އެބަ އޮތެވެ.

އެހެންވެ ފުވައްމުލައް ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެ ސަފާރީ ފުވައްމުލަކުގައި މި މަހުގެ 11 ވަނަ ދުވަހު ބަނދަރުކޮށް 12 ވަނަ ދުވަހު ފުރާފައިވާ ކަމަށެވެ. އެ މުއްދަތުގައި ފުވައްމުލަކަށް ފޭބީ އެ ސަފާރީގެ މުވައްޒަފުންތަކެއް ކަމަށާއި ޓޫރިސްޓަކު ނުފައިބާ ކަމަށެވެ. ސަފާރީއިން ފޭބި މުވައްޒަފުންނާ ކޮންޓެކްޓްވި ފަރާތެއްވާނަމަ އެކަން ފުވައްމުލައް ސިޓީ ހޮސްޕިޓަލަށް ގުޅައި އެންގުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.

މީގެކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަންނަތަރާ ދިގު ރިސޯޓްގެ ދެ މީހެކެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ.