ޕޮލިޓިކްސް

ފުލުހުންގެ ބިލަށް ރިޔާޒު ފާޑުވިދާޅުވުމުން އެމްޑީޕީގެ މެންބަރުން ރަތަށް!

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ފާޑުވިދާޅުވުމުން މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުން ނުރުހުން ފާޅުކުރައްވައި ނިޒާމީ ތުކުތާތަކުގެ ތެރެއިން އޭނާގެ ވާހަކައަށް ހުރަސް އަޅުއްވައިފި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ބިލަށް ބަހުސް ކުރައްވަމުން ރިޔާޒު ވިދާޅުވީ ފުލުހުންގެ މުއައްސަސާ ރިފޯމްވާ ތަން އެ ބިލުން ނުފެންނަ ކަމަށެވެ. އެމްޑީޕީގެ މެންބަރުން ފާހަގަ ކުރައްވާ އެއްވެސް އިސްލާހެއް އަދި މުއައްސަސާއަށް އަންނާނެ އެއްވެސް ހެޔޮ ބަދަލެއް ވެސް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ގިނަ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ފުލުހުންގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރާއިރު އެ ބޭފުޅުންގެ ކަންކަން ނިންމަން އޮންނަނީ ފުލުހުންގެ މުއައްސަސާގެ ތެރޭގައި އޮންނަ ބޯޑަކުން ކަމަށް ރިޔާޒު ފާހަގަ ކުރެއްވި އެވެ. އެ ގޮތަށް ބޯޑެއް އޮތުމާ ދެކޮޅަށް ވާހަކަ ދެއްކެވި އެމްޑީޕީގެ މެންބަރުންނަށް ރައްދު ދެއްވައި އޭނާ ވިދާޅުވީ، ބޯޑު އޮންނަން ޖެހޭ ކަމަށެވެ.

އެ ހިސާބުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ، ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަދި ފެބްރުއަރީ 7، 2012 ގައި "ބަޣާވާތް" ކުރި ދުވަހު އިސްކޮށް ހުންނެވި ރިޔާޒު ވާހަކަ ދައްކަވަމުން ގެންދަވަނީ ބިލު އެއް ގޮތަކަށް ވެސް ވިދާޅު ނުވެ ކަމަށެވެ. އަދި ވިދާޅުވީ ފުލުހަކީ ރައްޔިތުން ބިރު ގަންނަ ތަނަކަށް ހަދަން ޖެހޭ ފަދަ ގޮތަކަށް ޒިޔާޒް ވާހަކަތައް ބައްޓަން ކުރައްވާ ކަމަށެވެ.

ވައްޑެ އެ އިޝާރާތް ކުރެއްވީ، އެމްޑީޕީގެ ފުރަތަމަ ސަރުކާރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހަށެވެ. އެ ދުވަހު އެމަނިކުފާނުގެ ވެރިކަން ބަދަލުވީ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ތެރެއިން ފުލުހުންނާއި ސިފައިންގެ ތެރެއިން ބައެއް މީހުން ސަރުކާރާ ދެކޮޅަށް ނުކުމެ ހިނގި ހަމަނުޖެހުންތަކަށްފަހު، ރައީސް ކަމުން ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.

ނަޝީދާއި އެމްޑީޕީން ތުހުމަތު ކުރަނީ އެ ދުވަހު ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށެވެ. އެ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅަކީ ރިޔާޒެވެ. އެ ވެރިކަން ބަދަލުވެ ދެން އުފެދުނު ސަރުކާރުގައި ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ވެސް އޭނާ ފުރުއްވި އެވެ.

ރިޔާޒަށް ދެން ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ފުރުސަތު ދެއްވުމުން އޭނާ ވިދާޅުވީ ބިލާ ގުޅޭ ގޮތުން ދެއްކެވި ވާހަކާގައި ބިލުގައި ނުހިމެނޭ ބައެއް ވިދާޅުވި ކަމަށް މެންބަރު ވައްޑެ ފާހަގަ ކުރެއްވިއިރު އެއީ ކޮން ކަމެއް ކަން ފާހަގަ ނުކުރައްވާ ކަމަށެވެ.

ދެން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ނިޒާމީ ނުކުތާއެއް ނެންގެވި އެވެ. ރާއީ ވިދާޅުވީ ނިޒާމީ ނުކުތާ އެ ރިޔާޒަށް ސާފުނުވީ މި ބިލު ނުކިޔުއްވާތީ ކަމަށެވެ. އަދި ފުލުހުންގެ އިންޓެގްރިޓީ އާއި އެ މުއައްސަސާ ޕްރޮފެޝަނަލް މުއައްސަސާއެއްގެ ގޮތުގައި ރިފޯމް ކުރާނެ ގޮތް ކިޔައިދޭން ރިޔާޒަކީ އެންމެ އެކަށީގެންވާ ބޭފުޅާތޯ އޭނާ ސުވާލު ކުރެއްވި އެވެ.

ރާއީގެ ނިޒާމީގެ ނުކުތާއަށް ފަހުގައި ރިޔާޒަށް ފުރުސަތު ދެއްވުމުން އޭނާ ވިދާޅުވީ ބިލު އެތައް ފަހަރު ކިޔާފައިވާ ކަމަށެވެ. އިތުރަށް އެއްވެސް އެއްޗެއް ވިދާޅުނުވެވި ހުންނަވަނިކޮށް އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު (ހަސަންޓޭ) ނިޒާމީ ނުކުތާއެއް ނެންގެވި އެވެ.

ހަސަންޓޭ ވިދާޅުވީ ރިޔާޒުގެ ވާހަކަތައް ހުންނެވި ގޮތުން "ބިލުގެ އެންމެ ލަފުޒެއް ކިޔާފަ އޮތް ކަމަކަށް ވެސް އަޅުގަނޑަށް ނުފެންނަ" ކަމަށެވެ. ފުލުހުންގެ ތެރޭގައި ކަންކަން ރަނގަޅަށް ހިނގައި، އުސޫލުތަކެއް ތެރޭގައި މުއައްސަސާ ހިފެހެއްޓޭނަމަ ފެބްރުއަރީ ހަތެއްގައި ރިޔާޒު "ސިޓީ ކިހިލި ދަށަށް ޖަހައިގެން ފުލުހުންނަށް އަމުރު ކުރަން ނުނުކުންނަވާނެ،" ކަމަށެވެ.

ދެން ރިޔާޒު ވިދާޅުވީ އޭނާގެ ހިލާފު ފާޅު ކުރައްވަނީ ވަރަށް ރަނގަޅަށް ބިލު ކިޔާފައި ކަމަށް ތަކުރާރުކޮށް ފާހަގަ ކުރައްވާ ކަމަށެވެ. ފުލުހުންނަށް ވެސް މީހުން އަނިޔާ ކުރަމުންދާ ކަން ފާހަގަ ކުރައްވައި ރިޔާޒު ވިދާޅުވީ ބިލުގައި އެއްވެސް ވަރަކަށް ފުލުހުންނަށް ލިބޭނެ ހިމާޔަތާއި ރައްކާތެރިކަން ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި ފުލުހުންގެ އިންޓެލިޖެންސް ތަހުގީގުތައް ހިންގަން ލިބޭނެ ބާރުތައް ވެސް ސާފުކޮށް ބަޔާން ކޮށްފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ވާހަކައާ ގުޅިގެން ހަސަންޓޭ އާއި ރާއީ ވެސް ނިޒާމީ ނުކުތާއެއް ނެންގެވި އެވެ. ހަސަންޓޭ ވިދާޅުވީ ބިލުގައި ސާފުކޮށް ފުލުހުންނަށް ލިބޭނެ ރައްކާތެރިކަމާއި އިނާޔަތްތަކާއި ގަދަރުގެ ވާހަކަ ބަޔާން ކޮށްފައިވާ ކަމަށެވެ. ނެތް ކަމް ވިދާޅުވެ ފުލުހުންގެ ހިތުގައި މި ސިޔާސަތުތަކާ މެދު ނަފުރަތު އުފެދޭނެ ގޮތަށް ވާހަކަ ނުދެއްކެވުމަށް އިލްތިމާސް ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއީ ވިދާޅުވީ ރިޔާޒުގެ ވާހަކަތައް ހުންނެވީ އަދިވެސް ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުކަށިކޮށް ރައްޔިތުންނާ ދުރުގައި މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ފުލުހުން މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ފުލުހުން މަސައްކަތް ކުރާ ތަނަކަށް ހެދުމުގެ ވިސްނުމެއްގައި ކަމަށެވެ

ފުލުހުންގެ ހިދުމަތުގެ ބިލަށް ރިޔާޒު ފާޑުވިދާޅުވުމުން އެމްޑީޕީގެ މެންބަރުން ނުރުހުން ފާޅުކުރެއްވިއިރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވަނީ ފެބްރުއަރީ ހަތްވަނަ ދުވަހު ހިނގި ކަންކަން ނުބަލައި ފުލުހުންގެ މުއައްސަސާ އިސްލާހު ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

އެ ކަމާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަދި އޭރު ރާއްޖޭގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީގައި އެ ބިލު ދިރާސާ ކުރާއިރު އެ ދުވަހު ނުކިޔަމަންތެރިވި ފުލުހުންގެ މައްސަލަ ބެލުމުގެ ބާރު އެ ކޮމިޓީއަށް ލިބޭ ކަމަށެވެ.