ކަންގަނާ

ކަންގަނާގެ ޗެލެންޖް ހުރިހާ ބަތަލާއިންނަށް!

ކަންގަނާ ރަނާވަތުގެ ދައްތަ ރަންގޯލީ އަކީ ބޮލީވުޑްގެ ފަންނާނުންނަށް ހިތަށް އެރިހާ އެއްޗެއް ސޯޝަލް މީޑިއާގައި ކިޔުމަށް މަޝްހޫރު މީހެކެވެ. ދާދިފަހުން "ބާޣީ 3"ގެ ޑައިރެކްޓަރު އަހުމަދު ޚާން ކަންގަނާއާ ބެހޭ ގޮތުން ދެއްކި ވާހަކައަކަށް ރަންގޯލީ ވަރަށް ރުޅިގަދަވެ އަހުމަދު ޚާނަށް ވަރަށް އެތިވަރު ގޮވައި ސޯޝަލް މީޑިއާ ވަރަށް ހޫނުކޮށްލި އެވެ.

ރަންގޯލީ ބުނި ގޮތުގައި ކަންގަނާ ފިޔަވައި ބަތަލަކާ ނުލާ ފިލްމެއް ކާމިޔާބު ކުރެވޭ ވަރުގެ ކުޅަދާނަ ބަތަލާއަކު ނެތެވެ. ހުރިހާ ބަތަލާއިންނަށް ގޮން ޖަހަމުން ރަންގޯލީ ބުނީ އަމިއްލަ ކޮނޑުގައި ފިލްމެއް އަޅައިގެން ކަންގަނާ ނޫން އެހެން އެއްވެސް ބަތަލާއަކު ފިލްމެއް ކުޅެ އެ ފިލްމަކަށް 60 އާއި 100 ކްރޯޑު ހޯދައިފިނަމަ ކަންގަނާ މުޅި އުމުރަށް ފިލްމު ކުޅުން ހުއްޓާލާނެވެ.

"ބާޣީ 3"ގެ ޑައިރެކްޓަރު ބުނީ ކަންގަނާގެ "މަނީކަރްނިކާ" އަށް ދިމާވި ނާކާމިޔާބުން އެފަދަ ފިލްމެއް އުފައްދަން އުޅުނު ބަޔަކު އެ ޚިޔާލު ދޫކޮށްލައިފި ކަމަށާއި ކަންގަނާގެ "ދަކާޅް" ގެ ވެސް ޓީޒާއެއް ދައްކާފައި ވެސް "މަނީކަރްނިކާ" އަށް ވީ ގޮތުން އިތުރަށް ފިލްމު ކުރިޔަށް ނުގެންދެވުނު ކަމަށެވެ.

ނަމަވެސް އަހުމަދު މި ދައްކާފައި ވަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަ ތަކެކެވެ. ކަންގަނާގެ "މަނީކަރްނިކާ" އަކީ އެއްވެސް މަޝްހޫރު ބަތަލަކު ނެތް ހަމައެކަނި ކަންގަނާގެ ކޮނޑުގައި އެޅިފައިވާ ފިލްމަކަށް ވިޔަސް ފިލްމަށް ވަރަށް ރަނގަޅު ކާމިޔާބެއް ލިބިފައި ވެއެވެ. އަދި "ދަކާޅް" އަކީ މިހާރު ވެސް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ފިލްމެކެވެ.

އަހުމަދު އަށް މި ދެއްކުނީ ގޯސް ވާހަކައެއްކަން އޭނާއަށް ވިސްނުނީ ކަންގަނާގެ ދައްތަ ރަންގޯލީ ރުޅި ގަދަވެގެން ސޯޝަލް މީޑިއާގައި އޭނާއަށް އެތިވަރު ގޮވަން ފެށީމަ އެވެ. އެހިސާބުން އަހުމަދު ވަނީ ކަންގަނާއަށް ގުޅައި މައާފަށް ވެސް އެދިފަ އެވެ. އަހުމަދު ބުނެފައި ވަނީ އޭނާ ދިން އިންޓަވިއުގައި ދެއްކި ވާހަކަތައް އޮޅުވާލާފައިވާ ކަމަށެވެ. އެ ވާހަކަ ތަކަކީ އޭނާ ދެއްކި ވާހަކަތަކެއް ނޫން ކަމަށެވެ.

އަހުމަދު ޚާނާ ދިމާލަށް ފްލޮޕް އެކްޓަރެކޭ ގޮވައި ރަންގޯލީ ވަނީ ވަރަށް ރުޅިގަދަވެގެން އޭނާއަށް އެއްޗެހި ގޮވާފަ އެވެ. ރަންގޯލީ ބުނި ގޮތުގައި "މަނީކަރްނިކާ" ކާމިޔާބު ނުވިނަމަ ބޮލީވުޑްގައި މަސައްކަތް ކުރާ މީހުންތައް ކަންގަނާ ނޮޅައިގެން ކެއީހެވެ. އަދި ކަންގަނާ ގޮތަށް އަމިއްލަ ކޮނޑުގައި ފިލްމެއް އަޅައިގެން އެ ފިލްމެއް ކާމިޔާބު އެއްޗަކަށް ހެދުމުގެ ގާބިލްކަން އެހެން އެއްވެސް ބަތަލާއެއްގެ ނެތް ކަމަށް އޭނަގެ ދައްތަ ގޮން ޖަހާފައި ބުންޏެވެ.

ރަންގޯލީ އަކީ ބޮލީވުޑް ތަރިންނަށް ތަފާތު މަލާމަތްތައް ކުރުމުގައި ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް ކޮށް އުޅޭ މީހެކެވެ. އެގޮތުން ރަންގޯލީގެ މަލާމާތް އަބަދު ކަހަލަ ގޮތަކަށް ރައްދުވާ ތަރިންގެ ތެރޭގައި އާލިއާ ބަޓް އާއި ދީޕިކާ ޕަދުކޯން އަދި ސޯނަމް ކަޕޫރު ފަދަ ތަރިން ހިމެނެ އެވެ.