ހަބަރު

ޖެންޑާ މިނިސްޓަރު އައިޝާދީދީއަށް މަޖިލީހުން ރުހުން ދީފި

ޖެންޑާ މިނިސްޓަރު ކަމަށް ދާދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރެއްވި އައިޝަތު މުހައްމަދު ދީދީ އަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އާ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއަށް ރުހުން ދިނުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ. ވަޒީރަށް ރުހުން ދިނުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ގާނޫނު އަސާސީގައިވާ ގޮތުން، ސަރުކާރުގެ ކެބިނެޓަށް ވަޒީރަކު ރައީސް އައްޔަން ކުރެއްވުމަށް ފަހު، އެ ވަޒީރަކު މަގާމުގައި ބެހެއްޓުމަށް މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި މަޖިލީހަށް އެ މައްސަލަ ރައީސް ފޮނުވަން ޖެހޭނެ އެވެ. އަދި މަޖިލީހުން އެކަމުގައި ގޮތެއް ނިންމައި ފާސް ކުރަން ޖެހެ އެވެ.

ޖެންޑާ މިނިސްޓަރުގެ މަގާމަށް އައިޝަތު މުހައްމަދު ދީދީ އައްޔަން ކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ޝިދާތާ މަގާމުން އިސްތިއުފާ ދެއްވީ، އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް މަޖިލީހުން ނެގުމަށްޓަކައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް އިން ފާސްކޮށްފައި ވަނިކޮށެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީން އެ ގޮތަށް ފާސްކުރީ، ކުޑަކުދިންނާ ގުޅޭ ގިނަ މައްސަލަތަކުގައި ޝިދާތާގެ އިހުމާލު އެބަ އޮތް ކަމަށް ބުނެ އެވެ.

ޖެންޑާ މިނިސްޓަރު ކަމަށް އައިޝަތު ދީދީ އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ، އިންޑިއާ އަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރުގެ މަގާމުގަ އެވެ. އައިޝަތު ދީދީ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ވެސް ޖެންޑާ މިނިސްޓަރު ކަމުގެ މަގާމު އަދާ ކުރައްވާފަ އެވެ.