ވިޔަފާރި

ވިޒިޓް މޯލްޑިވްސް އިޔާ: ރާއްޖޭގެ ޓޫރިޒަމްގެ އިސް "300" އެއް ތަނަކަށް

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިންތިޒާމުކޮށްގެން މި ބައްދަލުވުން ބާއްވާފައިވަނީ "އަދާރަން ހުދުރަންފުށި" ރިސޯޓުގަ އެވެ.

ޓޫރިޒަމް އިންޑަސްޓްރީ ގަލާ (ޓީއައިޖީ) އިވެންޓެއްގެ ގޮތުގައި ރާއްޖޭގައި ފުރަހަމަ ބޭއްވި މި ބައްދަލުވުމުގައި ޓޫރިޒަމް އިންޑަސްޓްރީގެ 300 ފަރާތަކުން ބައިވެރިވެފައިވެ އެވެ. މި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ ނައިބް ރައީސް އަހުމަދު އަދީބެވެ.

ހުދުރަންފުށީގެ ހިތްގައިމު ބީޗްގައި ބޭއްވި މި އިވެންޓުގައި މަޝްހޫރު ލަވަ ކިޔުންތެރިޔާ ޝިއުޒްގެ ހުށަހެޅުންތަކާއި ސަގާފީ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިޔަ އެވެ. މީގެ އިތުރުން މި އިވެންޓުގައި ހާއްސަ މެހުމާނެއްގެ ގޮތުން ނައިބް ރައީސް އަދީބު ވެސް ގިޓާ ކުޅުއްވައި، ލަވަ ވިދާޅުވި އެވެ. އަދި ސަން ޓްރެވަލްގެ ވެރިޔާ އަހުމަދު ސިޔާމް ވެސް މި އިވެންޓުގައި ލަވަ ވިދާޅުވެފައިވެ އެވެ.

އެމްއެމްޕީއާރުސީން ބުނީ މި އިވެންޓުގައި އަންނަ އަހަރު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ "ވިޒިޓް މޯލްޑިވްސް" އިޔާގައި ޓޫރިޒަމް އިންޑަސްޓްރީ ގުޅިގެން ހިންގާގެ ކަންތައްތަކާ މެދު މަޝްވަރާ ކުރެވުނު ކަމަށެވެ.

ރާއްޖެއަށް ޒިޔާރަތް ކުރާ ޓޫރިސްޓުން އިތުރުކުރުމުގެ މަގުސަދުގައި އަންނަ އަހަރު ފާހަގަ ކުރާ ރާއްޖެއަށް ޒިޔާރަތްކުރާ އަހަރާ ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ ކަމަށްވާ އައިޓީބީ ރާއްޖޭން ވަނީ ސްޕޮންސާކޮށްފަ އެވެ. މީގެ އިތުން ފަރާތު މުބާރާތްތައްވެސް އަންނަ އަހަރު ރާއްޖޭގައި އޮންނާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެ އެވެ.