ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ގިލި ލަންކަންފުށިން ޝައްކުކުރެވޭ ދިވެއްސަކު ޓެސްޓު ކުރަނީ

Mar 16, 2020

ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން، ކ. ގިލި ލަންކަންފުށީގައި ހުރި ދިވެއްސެއް ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިރޭ ބުނީ ކޯވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ގިލި ލަންކަންފުށިން ދިވެއްސެއްގެ ސާމްޕަލް ނެގުމާއި ޓެސްޓްކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން، ޓެސްޓްގެ ނަތީޖާ ލިބެންދެން އެ ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށެވެ.

އެ އުސޫލުގެ ދަށުން، މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތީ ގިލި ލަންކަންފުށީގެ އިތުރުން މީރު އައިލެންޑް ރިސޯޓެވެ. އޭގެ އިތުރުން، ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ ފަތުރުވެރިޔަކު ތިބި، "އައިލަންޑް ސަފާރީ 1" ވެސް އޮތީ މޮނީޓަރިންގެ ހާލަތުގަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.

އޭގެ ތެރޭގައި އަންނަންތަރާ ދިގު ރިސޯޓްގެ ދެ މީހުންގެ އިތުރުން ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެއް ހިމެނެ އެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ.