ޓްރެވެލް ރިލޭޓެޑް ފްލޫ ކުލިނިކަށް މިއަދު ދިޔަ ދިވެއްސަކު ފަރުކޮޅުފުއްޓަށް ގެންގޮސް ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެ ދިވެހި މީހާއަކީ ސްލޮވޭނިއާއިން ރާއްޖެ އައި މީހެކެވެ. އޭނާ ފްލޫ ކްލިނިކަށް ދިޔައިރު ކޮވިޑް-19ގެ އަލާމާތްތައް ހުރި ކަމަށް ސަރުކާރުން ބުނެ އެވެ. އެހެންވެ، އޭނާއާ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.
މީގެކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަންނަތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ. އެޗްޕީއޭއިން އިއްޔެ ވަނީ މުހިންމު ހަތަރު ފިޔަވަޅެއް އަޅާފަ އެވެ.
އެގޮތުން އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ. އަދި، ޔޫރަޕްގެ ސްޕެއިން، ޖާމަނީ އަދި ފްރާންސްގެ ބައެއް ސަރަހައްދުތަކުން މީހުން ރާއްޖެ އައުން މަނާކޮށްފަ އެވެ.
އޭގެއިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. މީގެކުރިން ރާއްޖޭގެ ސްކޫލްތައް ވަނީ ހުޅުވުން އެއް ހަފުތާއަށް ލަސްކޮށްފަ އެވެ. ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.