ބޮލީވުޑް

ކޮވިޑް-19: ފިލްމުތަކާއި ޓީވީ ޝޯތައް ހުއްޓުމަކަށް

ކޮރޯނާވައިރަސްގެ ނުރައްކަލާއި ކޮވިޑް-19 ޖެހޭ މީހުން އިތުރުވަމުން ދާތީ އުފެދިފައިވާ ބިރުވެރިކަމުގެ ސަބަބުން ބޮލީވުޑް ހުއްޓުމަކަށް އަތުވެއްޖެ އެވެ.

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މުމްބައި ހިމެނޭ މަހަރަޝްތުރަ ސްޓޭޓުން މި ބަލި ޖެހޭ މީހުން އާދަޔާޚިލާފަށް އިތުރުވަމުންދާތީ އެ ސްޓޭޓްގެ ސިނަމާތައް 30 މާޗް އާ ހަމަޔަށް ބަންދު ކުރަން މިހާރު ވަނީ އިއުލާން ކޮށްފަ އެވެ. މިކަމުގެ ސަބަބުން ކުރިޔަށް ރިލީޒްކުރަން ހުރި ފިލްމުތައް ނެރުން ހުއްޓިފައި ވިޔަސް ފިލްމުތައް އުފެއްދުމުގެ މަސައްކަތާއި ޓީވީ ޝޯ ތަކާއި ވެބް ސީރީޒް ތަކުގެ މަސައްކަތް ޝެޑިއުލް އާ އެއްގޮތަށް ކުރަމުން ދިޔަ އެވެ.

ނަމަވެސް މާޗް 19 ވާ ބުރާސްފަތި ދުވަހުން ފެށީގެން ހުރިހާ ޝޯތަކާއި ސީރީޒްތައް އަދި ފިލްމުތަކުގެ މަސައްކަތް ހުއްޓާލަން އިންޑިއަން މޯޝަން ޕިކްޗާ ޕްރޮޑިއުސާސް އެސޯސިއޭޝަނުން މިހާރު ވަނީ ކަމާ ބެހޭ ހުރިހާ ފަރާތްތަކަށް އަންގާ އިއުލާން ކޮށްފަ އެވެ. މި ނިންމުން ނިންމާފައިވަނީ ކަމާ ބެހޭ ހުރިހާ އެސޯސިއޭޝަން ތަކަކުން ބައްދަލުކޮށް މަޝްވަރާކުރުމަށްފަހު މި ވަގުތަށް އެންމެ ރަނގަޅީ އެގޮތް ކަމަށް ފެނިގެންނެވެ.

އެ ހުރިހާ އެސޯސިއޭޝަންތަކެއް ގުޅިގެން ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި ހުރިހާ ޕްރޮޑަކްޝަންތަކެއްގެ މަސައްކަތް 19 މާޗުން ފެށިގެން 31 މާޗް އަށް ހުއްޓާލާނެ އެވެ. އަދި މާޗް 30 ގައި އަލުން ބައްދަލުކޮށް މަސައްކަތް އަލުން ފަށާނެ ތާރީޚެއް ކަނޑައަޅާނެ އެވެ.

ޕްރޮޑީއުސަރުންގެ އެސޯސިއޭޝަންގެ ރައީސް އަޝޯކް ޕަންޑިތު ބުނި ގޮތުގައި ކޮރޯނާވައިރަސް މުޅި ދުނިޔެއަށް ފެތުރި މުޅި ދުނިޔެއަށް މި ވަބާގެ ބިރުވެރިކަން ފެތުރިފައި ވާތީ ހުރިހާ ޝޫޓިންގެއް ހުއްޓާލަން އެމީހުން ނިންމީ ހުރިހާ އެސޯސިއޭޝަންތަކަކާ ވަރަށް ދިގު ބައްދަލުވުންތަކެއް ބޭއްވުމަށް ފަހުގަ އެވެ. އަދި މި ނިންމުމަށް ދެކުނު އަދި އުތުރު އިންޑިޔާގެ އިތުރުން އިންޑިއާގެ ހުރިހާ ފިލްމު އިންޑަސްޓްރީ ތަކަކުން އަމަލު ކުރާނެ އެވެ. އެސޯސިއޭޝަނުން ފިލްމު ޔުނިޓްތަކަށް ބުރާސްފަތި ދުވަހާ ހަމަޔަށް ތިން ދުވަހުގެ މުހުލަތެއް ދީފައިވަނީ އެމީހުންނަށް ޝޫޓިންގްތައް ފަސޭހައިން ހުއްޓާލެވޭނެ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުންނެވެ.

"އަހަރެމެން ތިން ދުވަހުގެ މުއްދަތެއް ޕްރޮޑިއުސަރުންނަށް މި ދިނީ އިންޑިއާ އާއި އިންޑިއާ އިން ބޭރުގައި އެކި ފިލްމުތަކާއި ޓީވީ ޝޯތަކާއި ސީރީޒްތަކުގެ ޝޫޓީންގްގައި އުޅެމުންދާ ޔުނިޓްތަކަށް އެނބުރި އައިސް ހަމަޖެހިލައިގެން މަސައްކަތްތައް ހުއްޓާލަން ފުރުސަތު ދިނުމުގެ ގޮތުން. އަދި އެކި ޗެނަލްތަކުން ޝޯތައް ބްރޯޑްކާސްޓްކުރާ ފަރާތްތަކަށް އެ ފަރާތްތަކުގެ ޗެނަލްތަކުގެ ޕްރޮގްރާމްތައް އަލުން ރާވާލަން ވަގުތު ދިނުމުގެ ގޮތުން. ކޮވިޑް-19 އާ ހަނގުރާމަ ކުރުމުގައި ފިލްމު އިންޑަސްޓްރީ ވަނީ ވަރަށް ސީރިއަސްކޮށް. ޝަޓްޑައުން ކޮށްގެން ހޭދަވާ މުއްދަތުގައި ފިލްމު ސެޓުތައް ސާފުކޮށް ޑީސްއިންފެކްޓްކޮށް ހެދުމުގެ މަސައްކަތްތައް ކުރާނެ،" އަޝޯކް ބުނެފައި ވެއެވެ.