އަމީތާބު

އަމީތާބުގެ ތައުރީފުން ރާދިކާ އުފަލުން ފޮޅިއްޖެ!

"އަންގްރޭޒީ މީޑިއަމް" ބެލުމަށްފަހު އަމީތާބު ބައްޗަން ވަނީ އެ ފިލްމުގެ ބަތަލާ ރާދިކާ މަދަންއަށް ވަރަށް ބޮޑަށް ތައުރީފުކޮށް އޭނާގެ އަތުން ލިޔެފައިވާ ނޯޓެއް ރާދިކާއަށް ފޮނުވާފަ އެވެ. އަމީތާބުގެ މި ނޯޓު ލިބުމުން ރާދިކާ އުފަލުން ގޮސް ހަލާކުވާ ވަރު ވެފައި ހުރި ކަމަށް އޭނާ ބުންޏެވެ.

އަމީތާބު ފޮނުވި ނޯޓު އިންސްޓަގްރާމްގައި ރާދިކާ ވަނީ ޝެއާ ކޮށްފަ އެވެ. އެ ނޯޓު އަމީތާބު ލިޔެފައިވާ ގޮތުގައި "އަންގްރޭޒީ މީޑިއަމް" ގައި ރާދިކާ ކޮށްފައިވާ މަސައްކަތް އޭނާއަށް ވަރަށް ކަމުދިޔަ އެވެ.

"އަހަރެން އިއްޔެ އެ ފިލްމު ބަލައިފައި މި ނޯޓް ލިޔެނުލާ ހަމަ ނުހުރެވުނީ. ހާދަ ކުޅަދާނަ އަދި ބެލެންސްޑް ޕާފޯމަންސެކޭ ރާދިކާ ދީފައި ވަނީ. ކާމިޔާބާއި އުފާވެރިކަމަށް އެދެން،" އަމީތާބުގެ ނޯޓުގައި ލިޔެފައި ވެއެވެ.

ރާދިކާ ބުނީ އަމީތާބު ކަހަލަ ފިލްމީ ރޮނގުން އެހާ ފުންނާބު އުސް ޝަޚްސިއްޔަތަކު އަމިއްލަ އަތުން ލިޔެފައި ނޯޓެއް ފޮނުވުމުން ބަސް ހުއްޓި އާޝޯޚުވެފައި ހުރި ކަމަށެވެ.

"އަހަރެންނަކަށް ނޭނގެ ބުނާނެ އެއްޗެއް ލިޔާނެ އެއްޗެއް ވެސް. އަހަރެންގެ ޚިޔާލުގައި އަބަދުވެސް އެނބުރޭ އެއް ދުވަހަކުން އަހަރެންގެ ގޭގެ ދޮރުގެ ރަނގަބީލު ޖަހާ އަޑަށް ދޮރު ހުޅުވާލާއިރު އަމީތާބު ދޮރުމަތީގައި މާބޮނޑިއަކާއި ނޯޓެއް ހިފައިގެން ހުންނާނޭ. ދެން އަހަރެން އެތަން ފެނިފައި ހޭނެތިގެން ވެއްޓޭނޭ،" ރާދިކާ ލިޔެފައި ވެއެވެ.

ރާދިކާ ބުނި ގޮތުގައި އަމީތާބުގެ ނޯޓަކީ އޭނާއަށް އިތުރަށް ބުރަކޮށް މަސައްކަތްކުރަން ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

"ނަސީބަކުން އަހަންނަށް އެ ނޯޓް ލިބުމުން ހެޔެއް ނުނެތުނު. ނަމަވެސް ކުޑަ ވަގުތުކޮޅަކު ގަނޑުވެފައި ލޮލުން ފެންއައިސްފައި ހުރެވުނު. ގަބޫލުކުރަން ދަތިވި މިހާ ބޮޑު އުފަލެއް ލިބުނުކަން. އަހަރެންގެ ހުވަފެން ހަގީގަތަކަށް ހަދައިދިން ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ ސާ،" ރާދިކާގެ އިންސްޓަގްރާމް ޕޯސްޓްގައި ލިޔެފައި ވެއެވެ.