ބޮލީވުޑް

ޔުވްރާޖް ބޭނުމީ އޭނާގެ ބައޮޕިކް ސިދަންތު ކުޅެން

"ގަލީ ބޯއީ" ގައި ސިދާންތު ޗަތުރަވެދީ ދެއްކި އާދަޔާ ޚިލާފު މޮޅު އެކްޓިންގެ ސަބަބުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ބޮޑު މަޝްހޫރުކަމެއް އޭނާއަށް ވަނީ ލިބިފަ އެވެ. ސިދާންތުގެ އެކްޓިންގެ ހުނަރުގެ ފޭނުން މިހާރު ވަރަށް ގިނައިރު އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ޔޫވްރާޖް ސިންގް ވެސް ވަނީ ސިދާންތުގެ ހުނަރު ބަލައިގެންފަ އެވެ.

ދާދިފަހުން ޔޫވްރާޖް ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވަނީ އޭނާގެ ބައޮޕިކް އެއް އުފައްދާނަމަ އެ ފިލްމެއްގައި އޭނާގެ ރޯލު ކުޅެން ބޭނުންވަނީ ސިދާންތު ލައްވަ އެވެ. އޭނާ ބުނީ އަސްލު އޭނާ ބޭނުމީ އޭނާގެ ބައޮޕިކް އަމިއްލައަށް ކުޅޭށެވެ. ނަމަވެސް އޭނާ ލައްވާ އެ ފިލްމު ކުޅުވަން އެއްވެސް މީހަކު ޝައުގުވެރިވާނެ ކަމަކަށް ޔުވްރާޖް ގަބޫލެއް ނުކުރެ އެވެ. ނަމަވެސް ޑައިރެކްޓަރަކު ބޭނުންވެއްޖެނަމަ އޭނާ ހުރީ އެ ރޯލު ކުޅޭ ގޮތަށެވެ.

ބޮލީވުޑް ތަރިއަކު ލައްވާ އޭނާގެ ކެރެކްޓާ ކުޅުވާނަމަ ޔުވްރާޖް ބޭނުމީ ސިދާންތު ލައްވާ ކުޅުވާށެވެ. "ގަލީ ބޯއީ" ގައި އެމްސީ ޝޭރްގެ ރޯލު ކުޅުނު އެކްޓަރަކީ ވަރަށް ރަނގަޅު އޮޕްޝަނަކަށް ވާނެކަމަށް ޔުވްރާޖް ގަބޫލު ކުރެ އެވެ.

އެމްސީ ޝޭރްގެ ރޯލާއެކު ސިދާންތު ވަނީ ފިލްމު އިންޑަސްޓްރީއަށް ތޫފާނެއް ފަދައިން ވެރިވެފަ އެވެ. ފިލްމު މަޖައްލާތަކުގެ ވެސް ފޭވަރިޓް އަށް އޭނާ ވެފައިވާއިރު ފިލްމު އުފައްދާ ގިނަ ބައެއްގެ ވެސް ނަޒަރު ސިދާންތު އަށް ވަނީ ހުއްޓިފަ އެވެ.
ފިލްމީ ރޮނގުން ބަލާއިރު ސިދާންތު މިހާރު މަސައްކަތް ކުރަމުންދަނީ ދީޕިކާ ޕަދުކޯން އާއި އަނަންޔާ ޕާންޑޭ އާއެކު ކުޅޭ ޑައިރެކްޓަރު ޝަކުން ބަޓްރާގެ ފިލްމެއްގަ އެވެ.