ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(15 މާރިޗު 2020 އާ ގުޅޭ)

ދާރިއަންގެ ގައިގާ ބާރަށް ބައްދާލުމާއެކު ހޭޒަލްގެ މައްޗަށް ރައްކާތެރުވުމަށް އެދުނެވެ. ދެކުދީން ވެސް ބަލައިގެން އުޅުމަށް ބުންޏެވެ. ބައްޕަގެ ހިތްބިރުގަތުމުގެ މައްޗަށް ދާރިއަންގެ އިތުބާރު އެ ބައްޕައަށް ދިނެވެ. ﷲ އިރާދަކުރެއްވިއްޔާ އަޅުކަން ފުރިހަމަކޮށް އެނބުރި އަންނާނީ އަނބިމީހާއާއެކު ކަމަށް ދާރިއަން ބުންޏެވެ.

* * * * *

ގޭތެރެއަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. ސިޓިންރޫމަށް ނަޒަރު ހިންގާލުމާއެކު ފުންނޭވާއެއް ރިޒްވާނު ދޫކޮށްލިއެވެ. އެވަގުތު ބަދިގެ ފަރާތުން ސާއިރާ ހުރެ އާދެއެވެ. އޭނާގެ އަތުގައިވި ފިނި ފެންތަށި ރިޒްވާނަށް ދިއްކޮށްލިއެވެ. އަދި ފިރިމީހާގެ ގާތުގައި ސާއިރާ އިށީނދެއްޖެއެވެ.

"އެކުދީންނާ މެދުތަ ތިވިސްނަނީ" ސާއިރާއަށް އެނގިހުރެ އަހާލިއެވެ.

"ހޭޒަލް ގޮވައިގެން ޙައްޖަށްދާން ދާރިއަން ބޭނުންވެދާނެއެކޭ އެއްފަހަރު ވެސް ހީނުކުރަން، ޒުވާން އުމުރުގައި ކުރުން ރަނގަޅުވިޔަސް، މިހާރުގެ ޒުވާން ކުދީންގެ އެފަދަ ވިސްނުމެއް ނުހުރޭ... ހުރިހާ ކަމަކަށްފަހު ދިނީ ކަންކަން އަންނާނީ، މައިންބަފައިން ބާރުއެޅިޔަސް ބޮޑެތިވީމަ އެމީހުންނަށް ވެސް ގަދަކަމުން ދަރީންލައްވާ ކަންކަން އޮންނަނީ ނުކުރެވިފައި، އަހަރެން ހަމަ ހައިރާންވޭ! ދާރިއަންގެ އެ ހުންނަނީ ކާކުގެ ގޮތެއްބާއޭ އަހަރެން ހިތަށް އަރާ، އެއީ ހަމަ އޭނާއަށް ހޭޒަލް ކަމުދާތީ އުޅޭގޮތްބާއޭ ސުވާލު އުފެދޭ، ހާދައޭ ރަނގަޅީ ހޭޒަލްއަށް، އަހަންނަށް އެނގޭ އެ ދެކުދީންގެ ދެމެދުގައި އޮތް ގުޅުން މުޅިއަކުން ރަނގަޅެއްނޫންކަން، ހިތަށް އަރާ އެނބުރި އަންނައިރު ހުރިހާކަމެއް ބަދަލުވާނެނަމައޭ... ސާއިރާ! ހޭޒަލްއަށް ލިއަމްގެ މަތިން ހަނދާންނައްތާނުލެވޭނެތަ؟" ފެންތަށީގައި ހިފަހައްޓާލައިގެން އިނދެ ރިޒްވާނު ވާހަކަދެއްކިއެވެ.

"ލިއަމްއާއި ދާރިއަންއަކީ މުޅިން ތަފާތު މިޒާޖެއްގެ ދެމީހުން، ލިއަމްއަކީ ގޯސް ކުއްޖެއްނޫން، އޭނާ އަހަރެމެންނަށް އިޙްތިރާމްކުރި، ޒެއްލުގެ އުފަލާމެދު އޭނާ އަބަދުވެސް ވިސްނާ، އެކަމަކު ކީއްކުރާނީ، އޭނާއަށް މަގުއޮޅުނީ، އޭނާ ވެސް ކައިވެންޏަށްފަހު ޢާއިލާއާއެކު އުޅުނުނަމަ އެހެނެއްނުވީހޭ އަހަރެންގެ ހިތް ބުނޭ، އޭރުން އޭނާއަށް މަގުދައްކާނޭ ބަޔަކު ގާތުގައި ތިބޭނެ، ދެރައީ ނުވާންވީ ހުރިހާކަމެއް ހިނގައިދިޔަފަހުން ލިއަމްއަށް ވިސްނުނީމަ، އެއްވެސް އަންހެނަކަށް ކެތްކުރަން ފަސޭހައެއްނުވާނެ އެފަދަ ވިޔާނުދާ ޢަމަލުތަކެއް ފިރިމީހާ ހިންގައިފިކަން އެނގުނީމަ، ޒެއްލުއަކީ" ސާއިރާއަށް އިނދެވުނީ ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި އިނދެވުނު ހެންނެވެ.

"އަހަރެން މިހާރު ބޭނުމެއްނޫން ހޭޒަލްއާއި ދާރިއަންގެ ދިރިއުޅުމަށް އޭނާގެ ހިޔަނި އެޅޭކަށް، އެ ދެކުދީންނަށް އަވަހަށް ދަރިއަކު ލިބެން ވަރަށް އެދެވޭ، މިހާރު އެންމެ ބޮޑަށް ދުޢާކުރެވެނީ އެ ދުވަސް ދުށުމަށް، އަހަރެންގެ ހޭޒަލް މަންމައަކަށްވުމަށް... ހުރިހާ ހިތްދަތިކަމެއް އޭރުން ފިލާފާނެ" ރިޒްވާނު ހިނިތުންވެލިއެވެ.

"ދާރިއަންއާއެކު ހޭޒަލް ހޭދަކުރާ ވަގުތުތައް، މާޒީގެ ހަނދާންތަކަށްވުރެ އަގުހުރި ޚާއްޞަ ހަނދާންތަކަކަށްވުމުން، ލިއަމްގެ ހަނދާންތައް ފަނޑުވެދާނެ، އަހަންނަށް ހީވަނީ ދާރިއަން އެހާ އޯގާތެރިކަމާއި ލޯތްބާއެކު ޒެއްލުއާ ދޭތެރޭ ޢަމަލުތައް ބަހައްޓަނީ އެ މަޤުޞަދުގައިހެން، އެއީ ދުރުވިސްނޭ ހަރުދަނާ ޚިޔާލުތަކެއް ގެންގުޅޭ ޒުވާނެއް" ސާއިރާ ވެސް ރިޒްވާނާ ހަތަރުކަޅި ހަމަކޮށްލުމާއެކު ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އަނބިމީހާގެ ވާހަކައާ އެއްބަސްވާކަން ރިޒްވާނު ދައްކާލީ ބޯޖަހާލަމުންނެވެ.

* * * * *

ޙައްޖުގެ އަޅުކަމުގައި އުޅުނުއިރު ހޭޒަލްއަށް ދާރިއަންގެ އެހީތެރިކަން ނުހަނު ބޮޑެވެ. ދުވާލުގެ ހޫނުކަމުން ރައްކާތެރިވުމަށް އަނބިމީހާއަށް ދާރިއަން އިރުޝާދުދެއެވެ. ކެއުންބުއިމުގެ ވަގުތުތަކުގައި އަނބިމީހާ ކައިފިތޯ ދާރިއަން ބަލައެވެ. ރޭގަނޑު ނިދުމުގެ ކުރީން ހޭޒަލްއާ ވާހަކަދައްކައެވެ. ދުވަހުގެ ކަންކަން ދިޔަ ގޮތާމެދު ދެމީހުން ވެސް ވާހަކަދައްކައެވެ. ދެ ފަރާތުގެ ޢާއިލާއަށް ގުޅައި ޢާއިލާގެ މެންބަރުންނަށް ހާލު އޮޅުންފިލުވައިދެއެވެ.

ޔާސީންގެ ދެމަފިރިން އެ ދަތުރުގައި ބައިވެރިވިއެވެ. ޔާސީންގެ އަންހެނުން އުމްމުކުލްސުމްއާއި ހޭޒަލް ތިބީ ހޮޓެލުގައި އެއްކޮޓަރިއެއްގެ ތެރޭގައެވެ. އިތުރު ބަޔަކާއެކުއެވެ. މުޅި ދަތުރުގައި ވެސް އުމުރުން އެންމެ ހަގު ބައިވެރިންގެ ތެރޭގައި ދެ އަންހެނުންނާއި ހަތަރު ފިރިހެނުން ވިއެވެ. އެ ދެ އަންހެނުންގެ ތެރެއިން އެކަކީ ހޭޒަލްއެވެ. ކައިވެންޏަށްވީ މުއްދަތާއި ޢާއިލާއާ ބެހޭ ގޮތުން ކޮޓަރީގެ ބައިވެރީން ސުވާލުކޮށް ހެދިއެވެ. ފިރިމީހާގެ ހެޔޮކަން އެމީހުން ފާހަގަކުރުމުން ހޭޒަލްގެ ހިތް ޝުކުރުން ފުރެއެވެ.

ހުރިހާ އުނި ސިފަތަކާ ދުރުކޮށްދެއްވުމަށް ހޭޒަލް ދުޢާކުރިއެވެ. އޭނާ ދާރިއަން ބަލައިގަންނަން ބޭނުންވާކަން ﷲއަށް ދެންނެވިއެވެ. ފުރިހަމަ ގޮތުގައި ﷲއަށް ވަކީލުކުރުމަށް ހޭޒަލް އެދެއެވެ. އޭނާގެ ހިތާއި ނަފްސު ފިރިމީހާއަށް ޓަކައި ތައްޔާރުވުމަށް ހޭޒަލް އެދެއެވެ. ހުރިހާ ވަހުމަކާއި ޝައިތާނީ ވަސްވާސްތަކުން އޭނާގެ ނަފްސު ރައްކާތެރިކޮށްދެއްވުމަށް އެދި ދެންނެވިއެވެ. ދާރިއަންއަކީ ހޭޒަލްގެ އަމާންކަމާއި ކާމިޔާބުގެ ތަޅުދަނޑިކަމުގައި ލެއްވުމަށް ދެންނެވިއެވެ. ﷲގެ މަގުގައި އޭނާ ސާބިތުކޮށްދޭނޭ ދެ ދުނިޔޭގެ ބައިވެރިއެއްކަމުގައި ލެއްވުމަށް ހޭޒަލް ދެންނެވިއެވެ. ރީތި ތާހިރު ދިރިއުޅުމެއް އުޅޭން ބޭނުންވާކަން ހޭޒަލް ހާމަކުރިއެވެ.

އަރަފާތު ބިމުގައި ޒިކުރުކުރުމާއި ދުޢާކުރުން އިތުރުވިއެވެ. ކުރެވިފައިވާ އެންމެހާ ފާފަތައް ފުއްސަވާދެއްވުމަށް ދާރިއަން ދެންނެވިއެވެ. އޭނާގެ ތަޢުބާ ޤަބޫލުކުރެއްވުމަށް ދެންނެވިއެވެ. އޭނާގެ ހިތުގެ ސީދާކަމާއި އޭނާގެ ތެދުވެރިކަން ހޭޒަލްއަށް ހާމަކޮށްދެއްވުމަށް ﷲއަށް ދެންނެވިއެވެ. އަނބިމީހާގެ ހިތުގައި އޭނާގެ މައްޗަށް ލޯބިލެއްވުމަށް ދެންނެވިއެވެ. އޭނާގެ ދެދުނިޔޭގެ ބައިވެރިޔާކަމުގައި ހޭޒަލްވުމަށް އޭނާ އެދުނެވެ. ދުނިޔޭގެ ދުވަސްތަކަކީ އެ ދެމަފިރިންނަށް އުފާފަގަތި ދުވަސްތަކެއްކަމުގައި ލެއްވުމަށް ދުޢާކުރިއެވެ. އަދި ހޭޒަލްގެ ފުށުން އޭނާއަށް ޞާލިޙު ދަރިފަސްކޮޅެއް ދެއްވުމަށް ﷲއަށް ދެންނެވިއެވެ. ގިނަގިނައިން ދުޢާކުރުމުން ﷲގެ ރަޙުމަތް އިތުރުކުރައްވާނޭކަން ދާރިއަން ޤަބޫލުކުރެއެވެ.

އެންމެ ފަހުގެ ޠަވާފު ނިންމާލުމަށްފަހު ހޭޒަލް ބަލާލީ ދާރިއަން ވީ ހިސާބެކެވެ. ލޮލުގައި އަޅައި ނުގަތް ނަމަވެސް ހޭޒަލް މަޑުމަޑުން ހިނގައިގަތީ އެތަނުން ބައްދަލުވީ އެކުވެރިޔަކު ލޮލުގައި އަޅައިގަތުމުން އޭނާއާއެކު މަޑުކޮށްލުމުގެ ގަސްދުގައެވެ. އެއީ ހޭޒަލްއާއެކު ކޮޓަރީގައި ހިމެނޭ ބައިވެރިއެކެވެ. މީހުން މަދުވެލާފައި އޮތް ވަގުތަކަށްވާތީ އެތަނުން ދާރިއަން އޭނާ ހޯދައިގެން އަންނާނޭކަން ޔަގީންވެފައި ހުރެއެވެ. އެނބުރިދާނީ ދެމަފިރިން އެކުގައިކަން ނިންމައިގެންނެވެ. އެކުވެރިޔާއާ ކައިރިވެލުމުން އޭނާ ހިނގައިގަތީ ދުރަށެވެ. އެމީހާވީ ހޭޒަލް ހީކުރި މީހަކަށްނޫނެވެ. އެހެންވިޔަސް ލުއި ހިނިތުންވުމެއް ދީފައި ހޭޒަލްގެ ހެދުމުގެ ޖީބުން ރުމާކޮޅެއް ނަގައި މޫނު ފުހެލިއެވެ. ފުންނޭވާއެއްލާފައި އިސްއުފުލާލެވުނު ހިނދު ހައިރާންކަން ލިބުނެވެ. ހީވީ ކުރިން ހިނގައިފައި އޮތްކަމެއް އަލުން ތަކުރާރުވަނީ ހެންނެވެ. އެ ހަނދާނުން ސިކުނޑިއާއި ހިތާއި މުޅި ނަފްސު ފުރިގެންއައި ފަދައެވެ. ބަޔާންކުރަން ދަތި ގޮތެއް ހިތަށްވެއްޖެކަން ގައިމެވެ. އިޚްތިޔާރެއްނެތި އެއްވެސް ގަސްދަކަލާނުލާއި ހޭޒަލްގެ ދެ ލޯ ކަރުނުން ފުރެންފެށިއެވެ. ހީވީ އޭނާއަށް އެމަންޒަރު ދެއްކުމަށް ޓަކައި ހާޟިރުކުރެވިފައި ހުރީހެންނެވެ.

"ސުބްޙާނައްﷲ! އަސްތަޤްފިރުﷲ! އަސްތަޤްފިރުﷲ!" ހޭޒަލްގެ ހިތުން ތަކުރާރުކޮށް އެކަލިމަތައް ކިޔުނެވެ. ދެފައި ތުރުތުރު އަޅާލުމުން މަޑުމަޑުން ހޭޒަލްއަށް ތިރިވެވުންވެ.

"ހޭޒަލް..." ފަހަތުން ދާރިއަންގެ އަޑުއިވުނީ އެހިނދުއެވެ. އަޑުއައި ދިމާއަށް ހޭޒަލް މޫނު އަނބުރާލިއެވެ. ދާރިއަން ފެނުމުން އެހިތަށް މާބޮޑަށް އަސަރުކޮށްފިއެވެ. ހިނިތުންވުމަކާއެކު ދާރިއަން ދިއްކޮށްލި އަތުގައި ހިފަމުން ހޭޒަލް ކޮޅަށް ތެދުވިއެވެ. ނަމަވެސް ދާރިއަންގެ މޫނުން ވަގުތުން ހިނިތުންވުން ފިލައިފިއެވެ. އަލުން އަނެއްކާ ވެސް ހޭޒަލްގެ ނަޒަރު ހުއްޓުނީ ދުރުން ފެންނަ ގެފުޅާ ދިމާއަށެވެ. ދެން އަމިއްލަ ފައިތިލައަށެވެ. އޭނާއަށް ހުރެވުނުތަން އަދިވެސް ޔަގީންކުރީއެވެ. ﷲއީ ހުރިހާކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ މަދަދަށް އެދޭ ހިތްތަކަށް ސާބިތުކަން ދެއްވައެވެ. މަގު އޮޅިފައިވާ މީހާއަށް މަގު ދައްކަވައެވެ. ޔަގީންކަން ބޭނުންވާ އަޅަކަށް ޔަގީންކަން ދެއްވައެވެ.

"އަހަންނަށް މަޢާފުކުރާނަންތަ؟" ހޭޒަލްގެ ނަޒަރު ދާރިއަންއަށް ހުއްޓުނެވެ. އަނބިމީހާގެ ކޯތާފަތް ފުހެލަ ދިނުމާއެކު އަތުގައި ހިފައިގެން ދާރިއަން ހިނގައިގަތެވެ. އޭނާގެ މޫނުން ފާޅުވަނީ ސީރިއަސްކަމެވެ.

"ދާރިއަން!..." ދާރިއަން އަނގައިން ނުބުނީތީ ހޭޒަލް އަލުން ގޮވާލިއެވެ.

"އަހަންނަށް ކުރެވުނީ ކޮންކަމެއްތޯ މި ވިސްނަނީ، އަހަންނަށް ކަމެއްކުރެވިގެން ހޭޒަލް ރޯނީ" ދާރިއަން ބުންޏެވެ. އިހުނަށްވުރެ ބާރަށް ފިރިމީހާގެ އަތްތިލައިގަ ހޭޒަލްއަށް ހިފާލެވުނެވެ. ކުށްވެރިއަކީ ފިރިމީހާނޫންކަން ހޭޒަލްއަށް އިޙްސާސްވެއެވެ. ހަޤީޤަތުގައި ދާރިއަންގެ މައްޗަށް ޤަދަރުކުޑަކުރި މީހަކީ އޭނާއެވެ.

"ކައިވެނިކުރެވުނީ އަހަރެންގެ ނުރުހުމަގައެއްނޫން، އެއްވެސް ކަމެއްގައި ގަދަބާރުވެރިކަމެއްނެތް، ހުރިހާކަމެއް ދިޔައީ އަހަރެންނަށް އެކަމުގެ ޚަބަރު އެނގިހުރެ، އޭރުވެސް ﷲ އަހަންނަށް ސާފުކޮށް ހުރިހާކަމެއް ދެއްކެވި، ކުރިއަށްދާންވީ ކިހިނެއްކަން އެނގުނު، އެކަލާނގެއަށް ވަކީލުކުރުން މޮޅުއިތުރުވެގެންވާކަން އެނގޭ... އެހެންވިޔަސް އަހަރެންނަށް އެގޮތުގައި ސާބިތެއްނުވެވުނު، އޭރު އެއީ ހުވަފެނެއް، އެކަމަކު މިއަދު އަހަރެން މިހުރީ ހޭލާ، އެހެންވިޔަސް ﷲ ދެއްކެވި މަންޒަރެއްނޫނިއްޔާ މި ދެ ލޮލަށް ފެނުމެއްނުވޭ، އަހަރެން ބިރުގަތީ މާނައެއްނެތް ގޮތުގައި... ބިރުގަންނަންވީ ﷲގެ އަޒާބާމެދު، އެކަލާނގެ ނިޢުމަތުން ބޭރުކުރެވިފައިވާ އިންސާނަކަށްވެދާނެކަމަށްޓަކައި" ހޭޒަލްއަށް ރޮވެނީއެވެ. ދާރިއަން މަޑުކޮށްލުމާއެކު ހޭޒަލްގެ ކޯތާފަތް ފުހެލަދީފިއެވެ.

"ހޭޒަލް ދައްކާވާހަކަ އަހަންނަށް ސާފުނުވާތީ ބުނާނޭ އެއްޗެއް ނޭނގިފަ މިހުންނަނީ، އެހެންވިޔަސް ދެން ނުރޮއެ ހުއްޓާލާ، މިތާ އެއްފަރާތުގައި މަޑުކޮށްލަން އާދޭ، ފެންފޮދެއް ބޯލަންވީނު" ދާރިއަން އޯގާތެރިކަމާއެކު ވާހަކަދެއްކިއެވެ. ހޭޒަލް ބޯޖަހާލިއެވެ. ދާރިއަން ފެންފުޅިއެއް ހޯދައިގެން ހޭޒަލް ގޮވައިގެން އެއްފަރާތެއްގައި މަޑުކޮށްލިއެވެ. އަނބިމީހާގެ ތުނބުގައި ފެންފުޅި ޖައްސާލުމާއެކު ދަތްދޮޅި ދަށުގައި އަނެއްއަތްތިލަ ޖައްސާލިއެވެ.

"އޯކޭތަ؟" ހޭޒަލް ފެންފޮދެއް ބޯލުމުން ދާރިއަން އަހާލިއެވެ.

"އަހަންނަށް މަޢާފުކުރާނަންތަ؟" ހޭޒަލް އަހާލިއެވެ.

"އަހަރެން ހިތްހަމަނުޖެހޭކަމެއް ހޭޒަލް އަދި ނުކުރޭ، ކުރެވިއްޖެނަމަ އަހަރެން ބުނާނަން، ރަނގަޅުގޮތް ހޭޒަލް ޚިޔާރުކުރާނޭކަން އެނގޭ، އެހެންވީމަ އަހަރެން އަބަދުވެސް ހޭޒަލްއަށް މަޢާފުކުރާނަން، ޕްލީޒް ދެން ހުއްޓާލާ" ދާރިއަން ވާހަކަދެއްކީ ލަސްލަހުންނެވެ. އެވަގުތު އެމީހުންގެ ގާތަށް ހަރުފުރައިގެ ދެ އަންހެނަކު އަތުވެއްޖެއެވެ. ހޭޒަލް ރޯތީ، ދާރިއަންގެ ގާތުން އަނބިމީހާއަށް ކިހިނެއްވީތޯ އެމީހުން އަހާލީ ކަންބޮޑުވުމާއެކުއެވެ. އެމީހުންނަށް އެއީ ދެމަފިރިންކަން ބުނެދިނީ ދާރިއަންއާއި ހޭޒަލްގެ ގާތްކަމެވެ. އެ ދެމެދުގައިވި އޯގާތެރިކަމެވެ. އިންސާނިއްޔަތުކަން އެމީހުންގެ ފުށުން ފެނުނެވެ. ތަނަކަށް ތަދުވީތޯ ސުވާލުކުރިއެވެ. އެހީތެރިކަމެއް ބޭނުންވޭތޯ އެއްސެވެ. ކޮންރަށެއްގަ ބައެއްތޯއާއި އެމީހުންނަކީ މެލޭޝިއާގެ ދެމީހުންކަން ބުންޏެވެ. އިނގިރޭސިއަށް ކޮށި ނަމަވެސް އެމީހުން ދެއްކި ވާހަކަ ސާފުވެއެވެ. ދާރިއަން ނިކަން އަވަހަށް ވާހަކަ ހަމަޖައްސާލިއެވެ.

* * * * *

ޙައްޖުގެ އަޅުކަން ނިންމާ މީހުންތައް މާލެ އަންނަން ފެށިތާ ހަތަރުވަނަ ދުވަހު ދާރިއަންއާއި ހޭޒަލް އަތުވެއްޖެއެވެ. ވައިގެ ބަނދަރުގައި އެމީހުންނާ ބައްދަލުކުރަން ދެ ފަރާތުގެ ޢާއިލާ އައިސް ތިއްބެވެ. އެމީހުންގެ ތެރޭގައި އިޝްވާ ވެސް ހުއްޓެވެ. ރޯގާވައްތަރުވެފައި ހުރި ހޭޒަލްގެ މޫނު މާސްކަކުން ނިވާކުރެވިފައި ހުއްޓެވެ. އެހެންވެ ހޭޒަލްއަށްވުރެ ކުރީން އެންމެންނަށް ވެސް ފާހަގަވީ ދާރިއަންއެވެ.

ޢާއިލާގެ މެންބަރުން ހޫނު މަރުޙަބާއެއް އެ ދެމަފިރިންނަށް ކިޔެވެ. އެމީހުންނާއެކު އެގެއަށް އެންމެން އައެވެ. ގޭތެރެވަނީ އެމީހުންނަށް މަރުޙަބާ ކިޔުމަށް ތައްޔާރުކުރެވިފައެވެ. ހޭޒަލްގެ މޫނުން ތަފާތު އުފާވެރިކަމެއް ފާޅުވާކަން ރިޒްވާނަށް ފާހަގަވިއެވެ. ދާރިއަންއާމެދު އިހުނަށްވުރެ ބޮޑަށް އޭނާ ފަރުވާތެރިވާތީ ދުށްޓެވެ. ސިއްރުން ވިޔަސް ވަގުތުން "އަލްޙަމްދުލިﷲ" ރިޒްވާނު ބުނެލީ އުފަލުންނެވެ.

* * * * *

އަނބިމީހާގެ ޠަބީޢަތަށް ބަދަލުތަކެއް އަތުވެއްޖެކަން ދާރިއަން ދެނެގަތެވެ. ދުރުދުރުން އުޅުމުގެ ބަދަލުގައި ގޭގައި ދާރިއަން އުޅޭނަމަ އޭނާއަށް ފެންނަ ހިސާބުގައި ހޭޒަލް އިނދެއެވެ. ކުރިން ހިނިތުންވާވަރަށްވުރެ ގިނައިން ދާރިއަންއާ ހިނިތުންވުން ބަދަލުކުރެއެވެ. ދާރިއަންއަށް ކަމުދާ ކަންކަމާއި ގަޔާނުވާ ކަންކަން އޮޅުންފިލުވުމަށް ސުވާލުކުރެއެވެ. ކައިވެނި ކުރި ދުވަސް ފާހަގަކުރުމާމެދު ދާރިއަންގެ ޚިޔާލު އެހިއެވެ. މަހުންމަހުންތޯ ނޫނީ ކޮންމެ އަހަރަކު ފާހަގަކުރުންތޯ ދާރިއަންއަށް ކަމުދަނީ އެއްސެވެ. އެފަދަ ކަންކަމުގައި ދާރިއަން ދޫކޮށްލީ ހޭޒަލްއަށެވެ. އޭނާއަށް ކޮންމެ ދުވަހަކީ ވެސް ހޭޒަލްއާއެކުނަމަ ވަރަށް ޚާއްޞަ ދުވަހެއްކަމުގައި ބުންޏެވެ.

މާލެއައިތާ ހަފްތާއެއް ވޭތުވެގެން ދިޔައިރު ވެސް ދާރިއަންގެ ފުށުން އިސްނެގުމެއް ނުފެނެއެވެ. ހޭޒަލް ހުރީ އެފަދަ އިސްނެގުމަށް ތައްޔާރުވެއެވެ. މާލެއައިފަހުން އޭނާއަށް އެ ޚިޔާލު ކުރެވެންފަށައިފިއެވެ. ފިރިމީހާއަށް ބޭނުންވާކަމުގެ ޖަޒުބާތުތައް އެހިތަށް ގޯނާ ކުރަން ފަށައިފިއެވެ. ކުރީގެ ދިރިއުޅުމާ މިހާރުގެ ދިރިއުޅުން މުޅިން ތަފާތުކަން ހޭޒަލްއަށް އިޙްސާސްވެއެވެ. ކުރިން ކަންކަމާ ފަސްޖެހި ލަދުގަންނަ ގޮތެއްނުވެއެވެ. އެހެންނަމަވެސް ދާރިއަންގެ ޠަބީޢަތާއި އުޅުމުގައި ހުންނަ މަޑުމައިތިރިގޮތުން އޭނާއާ ކަންކަމުގައި ކުރިމަތިލާން ހޭޒަލް ލަދުގަނެއެވެ. ވަރަށް އަވަހަށް ރަކިވެއެވެ. ދެމީހުންގެ ފުރަތަމަ ބައްދަލުވުން ހޭޒަލްއަށް ޚިޔާލުކުރެވެން ފަށައިފިއެވެ. ދެމެދުގައި އޮތް އެކުވެރިކަމާމެދު ވިސްނުން ހިންގުނެވެ. ކޮންމެ ވިސްނުމަކާއެކު ލަދުން އޮޅެމުން ވިޔަސް ހިތް ބުނެލަނީ ދާރިއަން މާ ޚާއްޞައެވެ.

ލަދުން ހުރެވެސް އަމިއްލައަށް އިސްނަގަން ވެއްޖެކަން ހޭޒަލްއަށް ވިސްނުމުން އޭނާ ކަންކަން ރޭވިއެވެ. ދާރިއަންއާ ކުރިމަތިލާނޭ ގޮތަކާމެދު އެކި ޚިޔާލުތައް ކުރިއެވެ. ފުރަތަމަ ކަމަކަށް ޚިޔާލަށް އައީ ތަފާތު ނިދާ ހެދުމެއް ހޯދުމަށެވެ. ދާރިއަންގެ ސަމާލުކަން ހުއްޓޭނޭ ކަހަލަ ނިދާ ހެދުމެކެވެ. ދެން ވެސް އެފަދަ އެތައްކަމެވެ. އޭނާ އެކަނި ބާޒާރުކުރަން ނުކުތުން ރަނގަޅު ޚިޔާލަކަށްނުވިއެވެ. ބާޒާރުކުރަން މަންމައާއެކު ދާކަށް ހޭޒަލް ބޭނުމެއްނޫނެވެ. ދެން ހުރީ އިޝްވާއެވެ. ހޭޒަލް ގަންނަ އެއްޗެހި ފެނުމުން އިޝްވާއަށް ހުރިހާކަމެއް އެނގޭނެއެވެ. އޭނާއަށް އެނގޭކަށް ހޭޒަލް ބޭނުމެއްނޫނެވެ. ދެން ހަމައެކަނި ހުރި މީހަކީ ނަޝާއެވެ. އޭނާ ގާތު އެދިފިއްޔާ ދާނެކަން ޔަގީނެވެ.

(ނުނިމޭ)