ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިތުރު ސަފާރީއަކުން ދެ ބިދޭސީއަކު ޓެސްޓު ކުރަނީ

Mar 17, 2020

ސަފާރީއެއްގައި ޗުއްޓީ ހޭދަކުރަމުންދާ ދެ ފަތުރުވެރިއެއްގެ ފަރާތުން ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން، އެ މީހުން ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނީ، ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން "މައި ސްކައި" ނަމަކަށް ކިޔާ ސަފާރީ އުޅަނދަކުން ދެ ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.

އަދި ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން، ޓެސްޓުތަކުގެ ނަތީޖާ ލިބެންދެން އެ ސަފާރީ މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް، ސަފާރީއެއްގައި ތިބި ދެ ފަތުރުވެރިޔަކު ވަނީ އެ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަންނަތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

މައި ސްކްއި ސަފާރީގެ އިތުރުން، ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން، އަނަންތަރާ ކިހަވަށް ރިސޯޓާއި، ކ. ގިލިލަންކަންފުށި ރިސޯޓާއި އއ. މަތިވެރި އަށް މި ވަގުތަށް އަރައި ފޭބުން ވަނީ މަނާ ކޮށްފަ އެވެ.

ގިލި ލަންކަންފުށިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިފައިވަނީ މެލޭޝިއާއިން އައި އެ ރިސޯޓުގެ ދިވެހި މުވައްޒެއްގެ ފަރާތުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އއ. މަތިވެރި ލޮކްޑައުން ކުރީ ދެ ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19 އިގެ އަލާމާތްތައް ފެނިފައިވާތީ އެވެ. އަދި ކިހަވަށް ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިފައިވަނީ ބިދޭސީއެއްގެ ފަރާތުންނެވެ.