ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމައިފި

Mar 17, 2020

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ މުސާރައިން 20 ޕަސެންޓް އުނިކުރަން ކެބިނެޓުން މިއަދު ފާސްކޮށްފި އެވެ.

އެގޮތަށް މިއަދުގެ ކެބިނެޓުގެ ބައްދަލުވުމުގައި ނިންމާފައިވަނީ، ބަލާއާފާތެއް ކަމަށް ދުނިޔެއިން ކަނޑައަޅާފައިވާ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށާއި ދައުލަތުގެ އާމްދަނީއަށް އަންނަމުންދާ ހީނަރުކަން ކުޑަ ކުރުމަށާއި އެކަން ކަމުން ސަލާމަތްވުމަށްޓަކައި، ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިންނެވެ.

ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަކުރުމުގެ އިތުރުން، ސަރުކާރުގެ އާންމު ހަރަދުތައް ކުޑަ ކޮށްގެން ބަޖެޓުން އެއް ބިލިއަން ރުފިޔާ ސަލާމަތް ކުރަން ސަރުކާރުން ވަނީ މަސައްކަތް ފަށައިފަ އެވެ.

ސަރުކާރުގެ ވިސްނުމަކީ އޮފީސްތަކުގެ އިދާރީ ބައެއް ހަރަދުތަކާއި، ދަތުރުތައް މަދުކޮށްގެން އެ އަދަދު ދައުލަތުގެ ބަޖެޓުން ސަލާމަތް ކުރުމެވެ.

ހަރަދު ކުޑަކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މުވައްޒަފުން މަދުކޮށް، މުސާރަ ކުޑަނުކުރާނެކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ދެއްވައިފަ އެވެ.

މިދިޔަ ފެބްރުއަރީ މަހު، މުވައްޒަފުންނަށް ހިނގާ ހަރަދު ކުޑަކުރުމާއި ދަތުރުތަކުގެ ހަރަދު ކުޑަކުރުން، އޮފީސްތަކުގެ މަރާމާތާއި ބެލެހެއްޓުން، ކެޕިޓަލް ހަރަދު އަދި އިދާރީ ހިންގުމުގެ ހަރަދުތައް ކުޑަ ކުރަން ފިނޭންސުން ވަނީ ދައުލަތުގެ އިދާރާތަކުގެ އިތުރުން ސަރުކާރުގެ ކުންފުނިތަކަށްވެސް އަންގައިފަ އެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ޓޫރިޒަމަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ދައުލަތަށް މި އަހަރު ލިބޭ އާމްދަނީގެ ތެރެއިން 135.9 މިލިޔަން ޑޮލަރު އާއި 446.6 މިލިޔަން ޑޮލަރު އާ ދެމެދުގެ އަދަދަކަށް ގެއްލުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ރައީސް ސޯލިހު އިއްޔެވެސް ވަނީ ވިދާޅުވެފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީގެ އިސްނެންގެވުމަކަށް، ސާކްގެ އަށް ގައުމުގެ ވެރިން މިއަދު ފެއްޓެވި ވީޑިއޯ ކޮންފަރެންސްގައި ރައީސް ވިދާޅުވީ ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ފެނުމުގެ ކުރިންވެސް ޓޫރިސްޓުން އަންނަ މިންވަރު ދަށަށްދާން ފަށައިފި ކަމަށެވެ.

"މިއަހަރުގެ ފެބްރުއަރީ މަހު ޓޫރިސްޓުން އައި މިންވަރު ވަނީ 14.3 ޕަސަންޓް ދަށްވެފައި. އަދި މިމަހުގެ ފުރަތަމަ 10 ދުވަހު އެ އަދަދު ވަނީ 22.8 ޕަސަންޓަށް ވެއްޓިފައި،" ރައީސް ވިދާޅުވި އެވެ.

އެގޮތުން، އެ މިންވަރު ދަށަށްދާ ހަލުވި މިނަށް ބަލާއިރު، މިއަހަރުގެ ނިޔަލަށް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 35 ޕަސަންޓު ދަށްވާނެކަމަށް ރައީސް އިތުރަށް ވިދާޅުވި އެވެ.

ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަކުރުމުގެ އިތުރުން، ކެބިނެޓުން މިއަދު ވަނީ ކުރިއަށްއޮތް ހަފްތާއަށް ސަރުކާރުގެ ހުރިހާ އޮފީސްތަކެއް ބަންދުކުރަން ނިންމައިފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.