ކޮވިޑް-19އާ ގުޅިގެން އެއް ހަފްތާއަށް ސަރުކާރު ބަންދު ކުރަން ނިންމީ، ސަރުކާރު މުވައްޒަފުން ގޭގައި ބޭތިއްބުމުގެ ބޭނުމުގައި ކަމަށް ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ބަންދު ކުރުމަށް ނިންމީ މި ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
އެކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކު ވިދާޅުވީ ސަރުކާރުގެ އޮފީސްތައް ބަންދުކުރުމުން، ސަރުކާރުގެ ހުރިހާ މުވައްޒަފުން ގޭގައި މަޑުކުރުން މުހިއްމު ކަމަށެވެ.
"އޮފީސްތައް ބަންދުކުރީމާ، ކޮފީތަކަށާއި މޫދަށް ދާނީކީ އެއް ނޫން. ހުރިހާ ބޭފުޅުންވެސް ގޭގައި މަޑުކުރެއްވުން މުހިއްމު،" މަބުރޫކު ވިދާޅުވި އެވެ.
ސަރުކާރުގެ އޮފީސްތައް އަންނަ ހަފުތާއަށް ބަންދު ކުރުމަށް ނިންމާފައިވާއިރު ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ މުސާރާތައް ވެސް 20 އިންސައްތަ ކުޑަކުރުމަށް މިއަދު ވަނީ ނިންމާފަ އެވެ. މި ނިންމުންތައް ނިންމާފައިވަނީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގަ އެވެ.
ރާއްޖޭގައި 30 ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ސަރުކާރުން ގެންދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެގޮތުން ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ކޮލެޖްތައް ހިމެނޭ ގޮތަށް ތައުލީމްދޭ މަރުކަޒެއް ދެ ހަފުތާއަށް ވަނީ ބަންދުކޮށްފަ އެވެ. ގުރުއާން ކްލާސްތަކާއި ޓިއުޝަން ދިނުން ވެސް ވަނީ ހުއްޓުވާފަ އެވެ. ސިނާމާތައް ވެސް ބަންދުކުރަން އެންގި އެވެ.
އޭގެއިތުރުން ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދިޔުން ވަނީ މަނާކޮށްފަ އެވެ. އާންމުން ދަތުރުކުރާ ފެރީތަކުގައި ބިދޭސީން ދަތުރު ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. މާލެ ސަރަހައްދުތަކުގެ ގެސްޓް ހައުސްތަކަށް ގެސްޓުން ގެނައުން ވެސް ވަނީ މަނާކޮށްފަ އެވެ.
ޕާކްތަކާއި ހުސްބިންތައް ވެސް ބަންދުކޮށްފައިވާއިރު ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ނުވަ އިޓަލީ މީހަކު ހިމެނެ އެވެ.
ރާއްޖެއިން ވަނީ އިޓަލީއިން މީހުން ރާއްޖެ އައުން މަނާކޮށްފަ އެވެ. އޭގެ އިތުރަށް ޔޫރަޕްގެ ޖާމަނީ، ފްރާންސް އަދި ސްޕެއިން ވެސް މީހުން އައުން މިފަހުން ވަނީ މަނާކޮށްފަ އެވެ. އަދި މިއަދު ސަރުކާރުން ވަނީ އެ ލިސްޓަށް މެލޭޝިއާގެ އިތުރުން އިނގިރޭސި ވިލާތްވެސް އިތުރުކޮށްފަ އެވެ.
ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.