ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މަނާކޮށްފައިވާ ގައުމުތަކުން ދިވެހިން ވެސް ރާއްޖެ ނައުމަށް އިލްތިމާސްކޮށްފި

Mar 17, 2020

ދުނިޔޭގައި ވަރަށް ހަލުވި މިނުގައި ފެތުރެމުންދާ ކޮވިޑް-19 މިހާރު ރައްޖޭންވެސް ފެނިފައިވާއިރު، މިވަގުތު ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފައިވާ ގައުމުތަކުގައި ތިބި ދިވެހިންގެ ސަލާމާތާއި ރައްކާތެރިކަމަށްޓަކައި އެންމެ ރަނގަޅު ގޮތަކީ މިވަގުތަށް އެމީހަކު ހުރި ގައުމެއްގައި މަޑުކުރުންކަމަށް ވައިރަހާ ގުޅޭ ތަރުޖަމާނު މަބުރޫކު އަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭން މިހާތަނަށް ވަނީ ޗައިނާ، އިރާނު، އިޓަލީ، ބަންގްލަދޭޝް، ދެކުނު ކޮރެއާގެ ދެ ޕްރޮވިންސް، ފްރާންސްގެ ދެ ސިޓީއެއްގެ އިތުރުން ޖަރުމަނުގެ ތިން ސިޓީއަކުން މީހުން އެތެރެވުން ވަނީ މަނާކޮށްފަ އެވެ. އަދި މިއަދު އެ ލިސްޓަށް ވަނީ މެލޭޝިއާ އާއި އިނގިރޭސިވިލާތް އިތުރުކޮށްފަ އެވެ.

ނަމަވެސް، އެ ގައުމުތަކުގައި ތިބި ދިވެހިންނާއި، ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީއަކަށް ރާއްޖެ އައުމަށް ހުރަހެއް ނެތް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކު ވިދާޅުވި ގޮތުގައި ބަންގްލަދޭޝް ފިޔަވައި ދެން ހުރި ގައުމުތަކުން އަންނަ ދިވެހިން ވެސް 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ފެސިލީޓީއެއްގައި މަޑުކުރަން ޖެހޭނެ ކަމަށެވެ. ބަންގްލަދޭޝުން އަންނަ ދިވެހިންގެ ތެރެއިން ބަލީގެ އަލާމާތެއްނެތް ނަމަ، 14 ދުވަހު ގޭގައި މަޑުކުރަން އަންގަމުންދާ ކަމަށެވެ.

އެކަމާ ގުޅިގެން ސަރުކާރަށް އަމާޒުވަމުންދާ ސުވާލުތަކަށް އިޝާރާތް ކުރައްވަމުން، މަބުރޫކު ވިދާޅުވީ، ރާއްޖެ އެތެރެވުން މަނާކޮށްފައިވާ ގައުމުތަކާމެދު އެފަދަ ފިޔަވަޅެއް އަޅާފައިވަނީ، ކޮވިޑް-19 އެ ގައުމުތަކުގައި ފެތުރޭ މިންވަރަށް ބެލުމަށްފަހު، ރާއްޖެއަށްވެސް އެންމެ ނުރައްކާ ބޮޑު ގައުމުތަކަށްވާތީ އެވެ.

އެގޮތުން، އެފަދަ ހާލަތެއްގައި އޮތް ގައުމުތަކެއްގެ އެއާޕޯޓުތަކަށް ދިޔުމަކީ ވަރަށް ބޮޑު ނުރައްކަލަކަށް ކުރިމަތިވެގެންދާ ކަމެއް ކަމަށެވެ.

"އަޅުގަނޑަށް އެނގޭ ވަރަށް އުނދަގޫ ވަގުތެއްކަން މިއީ. އެކަމަކު އަމިއްލަ ރާއްކާތެރިކަމަށްޓަކައި، މިވަގުތު އެންމެ ރައްކާތެރި ގޮތަކީ މި ގައުމުތަކުގައި ތިބި ދިވެހިން އެމީހުން ތިބި ތަނެއްގައި މަޑުކޮށްދިނުން،" މަބުރޫކު އިލްތިމާސް ކުރެއްވި އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ނުވަ އިޓަލީ މީހަކު ހިމެނެ އެވެ. ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

ރާއްޖޭގައި 30 ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ސަރުކާރުން ގެންދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސަރުކާރު ކުރިއަށް އޮތް ދެ ހަފުތާ ބަންދުވާނެ އެވެ. އަދި ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަ ކުރަން ވަނީ ނިންމާފަ އެވެ.

ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ކޮލެޖްތައް ހިމެނޭ ގޮތަށް ތައުލީމްދޭ މަރުކަޒެއް ވެސް ދެ ހަފުތާއަށް ވަނީ ބަންދުކޮށްފަ އެވެ. ގުރުއާން ކްލާސްތަކާއި ޓިއުޝަން ދިނުން ވެސް ވަނީ ހުއްޓުވާފަ އެވެ. ސިނާމާތައް ވެސް ބަންދުކުރަން އެންގި އެވެ.

އޭގެއިތުރުން ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދިޔުން ވަނީ މަނާކޮށްފަ އެވެ. އާންމުން ދަތުރުކުރާ ފެރީތަކުގައި ބިދޭސީން ދަތުރު ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. މާލެ ސަރަހައްދުތަކުގެ ގެސްޓް ހައުސްތަކަށް ގެސްޓުން ގެނައުން ވެސް ވަނީ މަނާކޮށްފަ އެވެ.