ދ. އަތޮޅުގައި ހިންގާ ރިއު ހޮޓެލްސް އެންޑް ރިސޯޓް މޯލްޑިވްސްގައި ހުރި ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން އެ މީހާ ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިރޭ ބުނީ ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން، ޓެސްޓްގެ ނަތީޖާ ލިބެންދެން އެމީހާ ހޯމް އައިސޮލޭޝަނަށްލުމަށްފަހު، އެ ރިސޯޓުވެސް މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށެވެ.
މީގެކުރިން ބައެއް ރަށްރަށާއި ރިސޯޓްތައް މީހުން އެރުމާއި ފޭބުން މަނާކޮށް ލޮކްޑައުންކޮށްފައިވެ އެވެ. މިހާރު ވެސް އއ. މަތިވެރި އޮތީ ލޮކްޑައުންކޮށްފަ އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ނުވަ އިޓަލީ މީހަކު ހިމެނެ އެވެ. ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.
ރާއްޖޭގައި 30 ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ސަރުކާރުން ގެންދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސަރުކާރު ކުރިއަށް އޮތް ދެ ހަފުތާ ބަންދުވާނެ އެވެ. އަދި ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަ ކުރަން ވަނީ ނިންމާފަ އެވެ.
ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ކޮލެޖްތައް ހިމެނޭ ގޮތަށް ތައުލީމްދޭ މަރުކަޒެއް ވެސް ދެ ހަފުތާއަށް ވަނީ ބަންދުކޮށްފަ އެވެ. ގުރުއާން ކްލާސްތަކާއި ޓިއުޝަން ދިނުން ވެސް ވަނީ ހުއްޓުވާފަ އެވެ. ސިނާމާތައް ވެސް ބަންދުކުރަން އެންގި އެވެ.
އޭގެއިތުރުން ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދިޔުން ވަނީ މަނާކޮށްފަ އެވެ. އާންމުން ދަތުރުކުރާ ފެރީތަކުގައި ބިދޭސީން ދަތުރު ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. މާލެ ސަރަހައްދުތަކުގެ ގެސްޓް ހައުސްތަކަށް ގެސްޓުން ގެނައުން ވެސް ވަނީ މަނާކޮށްފަ އެވެ.