ކޮވިޑް-19 އާ ގުޅިގެން މާލޭގެ ހުރިހާ ފިހާރަތަކާއި ވިޔަފާރިތައް ބަންދުކޮށް، މުޅި މާލެ ހުއްޓުމަކަށް ނުގެނެވޭނެ ކަމަށް ވައިރަހާގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބުރޫކު ވިދާޅުވި ގޮތުގައި، ސަރުކާރުން ރައްޔިތުންނަށް މިހާރުވެސް ދެމުންދާ މެސެޖަކީ ގޭގައި ތިބެން ކަމަށެވެ.
ނަމަވެސް، އެކަން މަޖޫބުރު ކުރުމަށްޓަކައި، ހާއްސަކޮށް އާބާދީ ބޮޑު މާލެ ފަދަ ސިޓީތަކުގެ ފިހާރަތަކާއި، ހޮޓާތަކާއި، ވިޔަފާރިތައް ބަންދުކުރަން އަންގައި، އެފަދަ ސިޓީތައް ހުއްޓުމަކަށް ގެނެސްފިނަމަ، ޒަރޫރީ ބޭނުންތައް ފުއްދަން ރައްޔިތުންނަށް ވަރަށް ދަތިވެގެންދާނެ ކަމަށެވެ.
"ފެން އެބަ ބޭނުންވޭ. ކަރަންޓު އެބަ ބޭނުންވޭ. އިންޓަނެޓް ލިބެންޖެހޭ. ކާބޯތަކެތި އެބަ ޑެލިވަރީވާންޖެހޭ. ފިހާރަތަކާއި ތަންތަން ނުހުޅުވާނަމަ ކިހިނެއްތޯ އަޅުގަނޑުމެންނަށް އުޅެވޭނީ؟" ރައްޔިތުން އެކަމާ ވިސްނާލުމަށް އެދިވަޑައިގެން މަބުރޫކު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ސަރުކާރުގެވެސް އެދުމަކީ ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަން ފިޔަވައި، އެހެން ތަންތަން އަމިއްލައަށްވިޔަސް ބަންދުކުރުން ކަމަށެވެ. އެކަމުގެ މިސާލެއްގެ ގޮތުން މަބުރޫކު ނެންގެވީ، ގެސްޓްހައުސްތަކާއި ޖިމްތައް ބަންދު ކުރަން އެ ވިޔަފާރިތަކުން އަމިއްލައަށް ނެގި އިސްނެގުމެވެ.
ނަމަވެސް، ކާބޯތަކެތި ފަދަ ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދެވޭނީ މާލެ ފަދަ ސިޓީތައް ހިންގައިގެންކަމަށް މަބުރޫކު ތަކުރާރުކޮށް ވިދާޅުވި އެވެ.
އެ ވާހަކަތަކަށް އިޝާރާތް ކުރައްވަމުން އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ހުރިހާ ފިޔަވަޅެއްވެސް އަޅާފައިވަނީ ދުނިޔޭގައި މިހާރު ހިނގަމުންދާ ކަންކަމަށް ބެލުމަށްފަހު ކަމަށެވެ.
އެގޮތުން، އެއްވެސް ކަމަކީ ނުކުރާނެކަމެއްގެ ގޮތުގައި ވިސްނާފައިނުވާނެ ކަމަށެވެ.
"އެއްވެސް ކަމަކީ ޓޭބަލްގަ ނެތް ކަމެއް ނޫން. ނޫނީ ޕްލޭންގަ ނެތް ކަމެއް ނޫން. މިއަދު ޕްރެސްގަ ހާމަނުކުރާ ފިޔަވަޅެއް، މާދަމާ އެޅިގެންވެސް ހިނގައިދާނެ،" ޑރ. ނަޒްލާ އިތުރަށް ވިދާޅުވި އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ނުވަ އިޓަލީ މީހަކު ހިމެނެ އެވެ. ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.
ރާއްޖޭގައި 30 ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ސަރުކާރުން ގެންދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސަރުކާރު ކުރިއަށް އޮތް ދެ ހަފުތާ ބަންދުވާނެ އެވެ. އަދި ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަ ކުރަން ވަނީ ނިންމާފަ އެވެ.
ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ކޮލެޖްތައް ހިމެނޭ ގޮތަށް ތައުލީމްދޭ މަރުކަޒެއް ވެސް ދެ ހަފުތާއަށް ވަނީ ބަންދުކޮށްފަ އެވެ. ގުރުއާން ކްލާސްތަކާއި ޓިއުޝަން ދިނުން ވެސް ވަނީ ހުއްޓުވާފަ އެވެ. ސިނާމާތައް ވެސް ބަންދުކުރަން އެންގި އެވެ.
އޭގެއިތުރުން ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދިޔުން ވަނީ މަނާކޮށްފަ އެވެ. އާންމުން ދަތުރުކުރާ ފެރީތަކުގައި ބިދޭސީން ދަތުރު ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. ގެސްޓް ހައުސްތަކަށް ގެސްޓުން ގެނައުން ވެސް ވަނީ މަނާކޮށްފަ އެވެ.