ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޑައިރެކްޓް ކޮންޓެކްޓުވި ތިން ދިވެއްސަކު އެކަހެރިކޮށްފި

Mar 18, 2020

ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހަކާ ސީދާ ކޮންޓެކްޓުވި ތިން ދިވެއްސަކު އެކަހެރިކޮށް، އެ މީހުން ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިރޭ ބުނީ އެ ވައިރަހަށް ޕޮޒިޓިވް ވެފައިވާ ފަރާތަކާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ތިން ދިވެއްސެއްގެ ފަރާތުން އެ ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިފައިވާ ކަމަށެވެ.

އަދި އެ ތިން މީހުންވެސް ގޭގައި އެކަހެރިކޮށް، އެ ބައްޔަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް، އެ ތިން މީހުން ކޮންޓެކްޓުވީ ކޮންތާކުން ޕޮޒިޓިވްވި މީހެއް ކަމެއް ނުވަތަ އެ ތިން މީހުން މި ވަގުތު ތިބި ތަނެއްވެސް އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ނުވަ އިޓަލީ މީހަކު ހިމެނެ އެވެ. ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

މިހާރުވެސް އެ ބައްޔަށް ޝައްކުކުރެވޭ ގިނަ ބަޔަކު ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ދެކުނު ކޮރެއާއިން ރާއްޖެއައި ދިވެއްސެއްގެ އިތުރުން އައްޑޫ ސިޓީ، ހިތަދޫގައި ހުރި ކުޑަކުއްޖަކުވެސް ހިމެނެ އެވެ.

އޭގެ އިތުރުން، އައިލެންޑް ސަފާރީގައި ތިއްބައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ މީހުންނާ ކޮންޓެކްޓްވި މީހެއް މާލޭގައި ހުރި ކަމަށާއި އެމީހާގެ ޓެސްޓްތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.

ރާއްޖޭގައި 30 ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ސަރުކާރުން ގެންދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސަރުކާރު ކުރިއަށް އޮތް ދެ ހަފުތާ ބަންދުވާނެ އެވެ. އަދި ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަ ކުރަން ވަނީ ނިންމާފަ އެވެ.

ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ކޮލެޖްތައް ހިމެނޭ ގޮތަށް ތައުލީމްދޭ މަރުކަޒެއް ވެސް ދެ ހަފުތާއަށް ވަނީ ބަންދުކޮށްފަ އެވެ. ގުރުއާން ކްލާސްތަކާއި ޓިއުޝަން ދިނުން ވެސް ވަނީ ހުއްޓުވާފަ އެވެ. ސިނާމާތައް ވެސް ބަންދުކުރަން އެންގި އެވެ.

އޭގެއިތުރުން ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދިޔުން ވަނީ މަނާކޮށްފަ އެވެ. އާންމުން ދަތުރުކުރާ ފެރީތަކުގައި ބިދޭސީން ދަތުރު ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. ގެސްޓް ހައުސްތަކަށް ގެސްޓުން ގެނައުން ވެސް ވަނީ މަނާކޮށްފަ އެވެ.