ބޮލީވުޑް

އަކްޝޭ ކުމާރުގެ "ޕްރިތުވީރާޖް" އަށް ސިޔާސީ ޕާޓީއަކުން ހުރަސްއަޅައިފި

ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އަދި ޝާހިދު ކަޕޫރުގެ "ޕަދުމާވަތު" އުފެއްދި ދުވަސްވަރު އެ ފިލްމަށް ތަފާތު އުނދަގޫތައް ކުރި ގޮތަށް އަކްޝޭ ކުމާރު މިހާރު ކުޅެމުންދާ "ޕްރިތުވީރާޖް" އަށް ވެސް އިންޑިޔާގެ ސިޔާސީ މައިދާނުގައި ވަރަށް ނުފޫޒުގަދަ ބައެއްކަމަށްވާ ކަރްނީ ސޭނާއިން ހުރަސްއަޅާ ފިލްމުގެ ޝޫޓިން ހުއްޓުވައިފި އެވެ.

ޗަންދުރަ ޕްރަކާޝް ޑައިރެކްޓްކުރާ މި ފިލްމުގެ ޝޫޓިން ޖަމްވަރަމްގަރް އަވަށުގައި މިދިޔަ ހޮނިހިރު ދުވަހު ކުރިޔަށް ގެންދަނިކޮށް ފިލްމާ ދެކޮޅު ހަދާ ބަޔަކު އެތަނަށް އައިސް ފިލްމުގެ ޝޫޓިންގް ވަނީ ހުއްޓުވާފަ އެވެ. އެމީހުން ޑިމާންޑްކުރީ ފިލްމުގައި އެއްވެސް ދޮގު މައުލޫމާތެއް ނުހިމެނޭނެ ކަމުގެ ޔަގީންކަން ދިނުމަށެވެ. އެ މީހުން ދިޔައީ ފިލްމުގެ ޑައިރެކްޓަރު އެކަމުގެ ޔަގީންކަން ދިނީމަ އެވެ.

އަކްޝޭގެ ފިލްމުގައި ޕްރިތުވީރާޖް އަކީ ލޯބިވެރިޔެއްގެ ގޮތުގައި ނުދައްކާނެ ކަމަށް ޑައިރެކްޓަރު ވަނީ ޔަގީންކަން ދީފަ އެވެ. މި ވާހަކަތައް ލިޔުމަކުން ދިނުމުން އެމީހުން ޝޫޓިން ކުރިޔަށް ގެންދިއުމުގެ ހުއްދަ ދީފައި ދިޔައީ އެވެ.

ޕްރިތުވީރާޖްގެ ވާޙަކައަކީ ކުރީ ޒަމާނެއްގައި އިންޑިޔާގައި ރަސްކަންކުރި ޕްރިތުވީރާޖް ކިޔާ ރަސްކަލެއްގެ ހަޔާތުގެ ވާހަކަ އެކެވެ. މި ފިލްމުގައި ބަތަލާގެ ރޯލު އަދާކުރަނީ މިސް ވޯލްޑް 2017 މާނޫޝީ ޝީލާ އެވެ. މިއީ މާނޫޝީ ބޮލީވުޑަށް ތައާރަފްވުން ފާހަގަކުރާ ފިލްމެވެ.