ބޮލީވުޑް

ކައިވެނި ސިއްރުކުރީ ކެރިއާއަށް ގެއްލުންވާނެތީ ބިރުން: ޖޫހީ ޗަވްލާ

ޖޫހީ ޗަވްލާ އަކީ 1990 ގެ އަހަރުތަކުގައި ބޮލީވުޑްގައި އެންމެ ވިދާލި އެއް ބަތަލާ އެވެ. އޭނާގެ މައުސޫމް އަދި ލޯބި ޕާފޯމަންސްތަކުން އެ ދުވަސްވަރު ވަރަށް ގިނަ ބަޔެއްގެ ހިތުގައި ޖޫހީއަށް ޚާއްސަ މަގާމެއް ދެވިފައި އޮތެވެ. ޖޫހީ އާއެކު ފިލްމު ކުޅުނު ކޮންމެ އެކްޓަރަކާ ވެސް އޭނާ އާ ސްކްރީނުން ފެންނަނީ ވަރަށް ގުޅޭ ޖޯޑެއްގެ ގޮތުގަ އެވެ. މިއީ ޖޫހީ ނޫނީ މަދު ބަތަލާ އަކަށް ނޫނީ ޚާއްސަ ސިފައެއް ނޫނެވެ.

ޝާހްރުކް ޚާން، އާމިރު ޚާން، ސަނީ ޑެއޯލް، އަކްޝޭ ކުމާރު ފަދަ އެކްޓަރުންނާއެކު ޖޫހީ ވަނީ ވަރަށް މޮޅު ގިނަ ފިލްމުތަކެއްގައި ބަތަލާގެ ބައި ކުޅެފަ އެވެ. އަދި 90 ގެ އަހަރުތަކުގައި އެންމެ ވިދާލި މާދުރީ ޑިކްޝިޓްގެ ވެސް އެންމެ ބޮޑު ވާދަވެރިއަކަށް އެ ދުވަސްވަރު ހުރީ ޖޫހީ އެވެ.

ޖޫހީ 1995 ގައި ޖޭ މެހެތާ އާ ކައިވެނި ކުރީ ވަރަށް ސިއްރުންނެވެ. އަދި އެތައް އަހަރެއްވީއިރުވެސް އޭނާ އުޅެފައިވަނީ ކައިވެނިކުރިކަން ސިއްރުކޮށްގެންނެވެ. އެހެންވެ އެތައް ޒަމާނަކަށް ފަހު ކައިވެނީގެ ވާހަކަ ޖޫހީ ހާމަކުރުމުން ގިނަ ބަޔަކަށް ލިބުނީ ޝޮކެކެވެ.

ޓީވީ ޝޯއެއްގައި ވާހަކަ ދައްކަމުން ޖޫހީ ވަނީ އޭނާ ކައިވެނި ސިއްރު ކުރި ސަބަބު އޮޅުންފިލުވައިދީފަ އެވެ. ޖޫހީ ބުނީ ޖޭ އާއި އޭނާގެ ގުޅުން ބަދަހިވަމުންދިޔަ ދުވަސްވަރަކީ އިންޓަނެޓުގެ ޒަމާނެއް ނޫނެވެ. އަދި ފޯނުތަކުގައި އޭރު ކެމެރާއެއް ވެސް ނުހުރެ އެވެ. އެހެންވީމާ އެކަން ސިއްރުކުރަން އޭނާއަށް ފަސޭހަވި އެވެ.

"އޭރު އަހަރެންނަކީ ފިލްމީ މައިދާނުގައި ރަނގަޅު މަގާމަކަށް އާދެވިފައިވާ ބަތަލާއެއް. ކައިވެނިކުރަން ޖޭ ޑިމާންޑް ކުރަން ފެށީ ވެސް ހަމަ އެ ދުވަސްވަރު. ކެރިއަރުގެ އެހާ އުހަށް އާދެވިފައި ހުއްޓާ ކައިވެނިކޮށްފިނަމަ ފިލްމީ ކެރިއަރު މުޅިން ވަޅުޖެހޭނެކަން އަހަރެންނަށް ޔަގީންވޭ. ފިލްމީ މަސައްކަތުގައި ކުރިޔަށް ދާން އަހަރެން ބޭނުންވި،" ޖޫހީ ކިޔައިދިނެވެ.

ޖޫހީ، 52، އިތުރަށް ކިޔައިދިން ގޮތުގައި 1998 ގައި ޝާހްރުކް ޚާނާއެކު "ޑުޕްލިކޭޓް"ގެ ޝޫޓިންގްގައި ބޭރު ގައުމެއްގައި އުޅެނިކޮށް ދިމާވި އެކްސިޑެންޓެއްގައި ކުއްލިއަކަށް އޭނާގެ މަންމަ މަރުވުމުން އޭނާއަށް ލިބުނު ހިތާމައިގައި އޭނާއަށް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނީ ޖޭ އެވެ. ހުރިހާ ލޯބިވާ މީހުން ގެއްލި މުޅި ދުނިޔެ ފުނޑުފުނޑު ވެއްޖެކަމުގެ އިހްސާސްތައް އޭރު ޖޫހީ އަށް ކުރެވުނެވެ.

ޖޭ އާއި އޭނާގެ ލޯބި ފެށިގެން އައި ގޮތް ވެސް ޖޫހީ ހިއްސާ ކުރި އެވެ. ޖޫހީ ބުނީ ޖޭ އާ ފުރަތަމަ ބައްދަލުވީ އެކުވެރިންތަކަކާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ. ނަމަވެސް އޭގެ ފަހުން އޭނާ ދާ ކޮންމެ ތަނަކުން ޖޭ އާ ދިމާވާން ފެށި އެވެ. ބަލާލި ކޮންމެ ދިމާލަކުން ވެސް ޖޭ ފެންނަން ހުރެ އެވެ. މަލާއި ހަދިޔާ އާއި ނޯޓްތައް ކޮންމެ ދުވަހަކު ޖޭ ފޮނުވަ އެވެ. އަދި އުފަން ދުވަހު ބޮޑު ޓްރަކެއް ބަރުކޮށް މާ ފޮނުވި އެވެ. އަދިވެސް ޖޫހީގެ ހިތް ފަތަހަކުރެވޭތޯ ޖޭ ވަރަށް ގިނަ މަސައްކަތްތައް ކުރި އެވެ. އެންމެ ފަހުން ޖޫހީ ވެސް ޖޭގެ ލޯބީގެ ދަލުގައި ޖެހުނީ އެވެ.

އޭގެ އަހަރެއް ފަހުން ޖޭ ޕްރޮޕޯސްކުރި އެވެ. އަދި އެ ދެމީހުން ކައިވެނި ކުރީ އެވެ. ނަމަވެސް ވަރަށް ސިއްރުން ކައިވެނިކޮށްގެން އެތައް އަހަރަކު ދެމި ހުރީ ފިލްމީ ކެރިއަރަށް ގެއްލުން ލިބޭނެކަން ޔަގީން ވާތީ އެވެ. ސަބަބަކީ އެ ޒަމާނުގައި ޚާއްސަކޮށް ބަތަލާއިން ކައިވެނި ކުރުމާއެކު އެމީހުންނަށް ރަނގަޅު ފިލްމުތައް ލިބުން ބަންދުވެ ކެރިއަރު މުޅިން ހުއްޓުމަކަށް އަންނަތަން ޖޫހީ އަށް ވެސް ފެންނާތީ އެވެ.

މިހާރު ޖޭ އާއި ޖޫހީގެ ކައިވެންޏަށް 25 އަހަރު ފުރިއްޖެ އެވެ. ދެ މީހުންގެ ލޯބި ދެ ދަރިން އެބަތިއްބެވެ. އަންހެންދަރިފުޅު ޖާންވީ އަށް 19 އަހަރު ފުރިފައިވާއިރު ފިރިހެން ދަރިފުޅު އަރްޖުން އަށް މިހަރު 16 އަހަރެވެ.