ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންތިހާބުގެ މައްސަލަ ސުޕްރީމް ކޯޓުން ނަގައިފި

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ހާލަތުން އަރައިގަނެ އާންމު ހާލަތެއް އައިސްފައިވާ ކަމަށް ކަނޑައަޅާ ދުވަހުން ފެށިގެން 30 ދުވަސް ލިބޭ ގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނަގައިފި އެވެ.

ކައުންސިލް އިންތިހާބު އެންމެ ފުރަތަމަ ބޭއްވުމަށް ތާވަލު ކުރީ އަންނަ މަހުގެ ހަތަރުވަނަ ދުވަހަށެވެ. އެކަމަކު ކޮވިޑް-19 ރާއްޖޭން ވެސް ފެނި ސިއްހީ ކުއްލި ހާލަތަކަށް ގެނެސްފައިވާތީ އެ މަހުގެ 18 ވަނަ ދުވަހަށް އިންތިހާބު ފަސް ކުރަން އީސީން ނިންމި އެވެ. އެއީ ގާނޫނުގައި އިންތިހާބު ފަސް ކުރެވެން އޮތް އެންމެ ލަސް ތާރީހެވެ.

އެ ތާރީހަށް ވެސް އިންތިހާބު ބޭއްވިދާނެ ކަމުގެ ޔަގީންކަން ނެތުމުން، އީސީން ހާލަތު އާންމުވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕިއޭ) އިން ކަނޑައަޅާ ދުވަހަކުން ފެށިގެން 30 ދުވަސް ލިބޭ ގޮތަށް އިންތިހާބު ފަސް ކޮށްދޭން އެދި ހައި ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ. އެކަމަކު އެ މައްސާލާގައި ބޮޑެތި ދުސްތޫރީ މައްސަލަތަކެއް ވެސް ހިމެނޭތީ، ހައި ކޯޓުން ވެސް މައްސަލަ ނަގައި ފަހުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެވެ.

އެކަމަކު އެ މައްސަލަ އަކީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް މަޖިލީހުގެ ގިނަ މެންބަރުންނަށް ފެނިވަޑައިގެން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެ މައްސަލަ ހުށަހެޅީ ރޭ ކޮމިޓީ ބައްދަލުވުމެއް ބާއްވައި އިލެކްޝަންސް ކޮމިޝަންގެ މެންބަރުން އެ ބައްދަލުވުމަށް ހާޒިރުކޮށް އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.

އެ މަޝްވަރާތަކަށް ފަހުގައި، އީސީން ބުނީ އިންތިހާބު ބާއްވާ ތާރީހު ފަސް ކުރުމަށް ޓަކައި މަޖިލީހުން ހައްލެއް ހޯދައި ދޭނެ ކަމުގެ ޔަގީން ކަން އެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދީފައިވާތީވެ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. ރޭގެ ކޮމިޓީގައި އެ ގޮތަށް އަމަލު ކޮށްދިނުމަށް ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެދިވަޑައިގެންނެވި އެވެ.

މަޖިލީހުން ރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބައެއް މެންބަރުން ވަނީ އިންތިހާބު ފަސް ކުރުމުގެ މައްސަލާގައި ދިމާވެފައިވާ ސިއްހީ ކުއްލި ހާލަތަށް ހާއްސަކޮށް ވަގުތީ ގާނޫނީ މާއްދާއެއް ނުވަތަ "ސަންސެޓް" ގާނޫނެއް ގެންނަން ތާއީދު ކުރައްވައިފަ އެވެ. އަދި އެ ފަދަ ގާނޫނެއް ގެނައުމަށް އީސީގެ ރައީސް އަހްމަދު ޝަރީފު ވެސް ތާއީދު ކުރެއްވި އެވެ.

މިއަދުގެ ވަގުތެއްގައި އީސީން ބޭނުންވާ ކަންކަން ހިމެނޭ ގޮތަށް އެފަދަ ބިލެއް ޑްރާފްޓްކޮށް މަޖިލީހުގެ ކޮމިޓީއަށް ފޮނުވަން ވެސް އެ ކޮމިޝަނުން ރޭގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން ނިންމި އެވެ. އަދި އެ ޑްރާފްޓާ ގުޅޭ ގޮތުން ދައުލަތުގެ ބަންޑާރަ ނައިބާ އެކު މަޝްވަރާކޮށް ގާނޫނެއް ބައްޓަން ކުރަން ވެސް ކޮމިޓީން ނިންމި އެވެ. އެކަމަކު އެއީ ވަގުތީ ގާނޫނެއްތޯ ނުވަތަ ދާއިމީކޮށް ބާއްވާނެ ގާނޫނެއްތޯ ގެންނާނީ ކޮމިޓީން ނުނިންމަ އެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ވައިރަސްއަށް ޕޮޒިޓިވް 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ ރިސޯޓުތަކުގައި ތިބި ބިދޭސީންތަކަކާއި ޓޫރިސްޓުންތަކެއްގެ އިތުރުން ސަފާރީއެއްގައި ތިބި ބިދޭސީންތަކެކެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އާންމު އެއްވުންތައް ކުޑަކޮށް ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ދަނީ އަޅަމުންނެވެ.