ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންތިހާބު ފަސްކުރުމުގެ މަޝްވަރާއަށް އީސީ މިރޭ ކޮމިޓީއަށް

މި އަހަރު ބާއްވަން ޖެހޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުން ހާޒިރު ކުރަން ނިންމައިފި އެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ވައިރަސް ރާއްޖޭން ފެނުމާ ގުޅިގެން އީސީ އިން ވަނީ އެންމެ ފުރަތަމަ އިންތިހާބު ބާއްވަން ޖެހޭ ތާރީހު ކަމުގައިވާ އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ބަދަލުގައި އެ މަހުގެ 18 ވަނަ ދުވަހު އިންތިހާބު ބާއްވަން ފަސްކޮށްފަ އެވެ. އެއީ ގާނޫނުން އީސީއަށް އިންތިހާބު ފަސް ކުރެވެން އޮތް އެންމެ ލަސް ތާރީހެވެ.

އެހެންކަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (ހެޗްޕީއޭ) އިން އެ ބަލިމަޑުކަމުން ރާއްޖެ އަރައިގެންފައިވާ ކަމަށް ކަނޑައަޅާ ދުވަހުން ފެށިގެން 30 ދުވަސް ލިބޭ ގޮތަށް އިންތިހާބު އިތުރަށް ފަސް ކުރުމަށް އެދި އެ ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފަ އެވެ.

އެ ކަމާ ގުޅޭ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިންތިހާބު ބާއްވާ ތާރޯހު ކަނޑައެޅުމަކީ ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރެއް ނޫން ކަމަށާއި އެ ކަމަށް ބޭނުން ވަނީ ގާނޫނީ ފަރުވާއެއް ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ކުރެވެން އޮތީ މަޖިލީހުން ކަނޑައަޅާ ގާނޫނެއްގެ ތެރެއިން ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ އެ މައްސަލަ މިހާރު ހުށަހެޅިފަ އެވެ. އެ މައްސަލައަށް މަޝްވަރާ ކުރުމުގެ ގޮތުން ކޮމިޓީން މިއަދު ވަނީ ބައްދަލުވުމެއް ވެސް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ކޮމިޓީން ނިންމީ އެންމެ އަވަސް ވަގުތަކަށް އީސީގެ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށް އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށެވެ.

ކޮމިޓީގެ އެ ނިންމުމުގެ މަތިން އީސީގެ މެންބަރުންނަށް ކޮމިޓީއަށް ވަޑައިގަނެވޭނެ ވަގުތެއް ޔަގީން ކުރުމަށް ފަހު ކޮމިޓީގެ އިތުރު ބައްދަލުވުމެއް މިރޭ 8:30 އަށް ވަނީ ތާވަލުކޮށްފަ އެވެ. އެ ބައްދަލުވުމަށް އީސީގެ މެންބަރުން ހާޒިރުކޮށް އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ނިންމައިފަ އެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް 13 މީހަކު ވަނީ ފެނިފަ އެވެ. އެ ކަމާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު ވަނީ އިއުލާންކޮށް ސަރުކާރުން ގެންދަނީ ރައްކާތެރި ކަމަށް ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެ ގޮތުން ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ކޮލެޖްތައް ހިމެނޭ ގޮތަށް ތައުލީމް ދޭ މަރުކަޒެއް ވެސް ދެ ހަފުތާއަށް ވަނީ ބަންދުކޮށްފަ އެވެ. ގުރުއާން ކްލާސްތަކާއި ޓިއުޝަން ދިނުން ވެސް ވަނީ ހުއްޓުވާފަ އެވެ. ސިނާމާތައް ވެސް ބަންދުކޮށްފައިވާއިރު ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދިޔުން ވަނީ މަނާކޮށްފަ އެވެ. އާންމުން ދަތުރުކުރާ ފެރީތަކުގައި ބިދޭސީން ދަތުރު ކުރުން ވެސް ވެސް މަނާކޮށްފައިވާއިރު، ގެސްޓް ހައުސްތަކަށް ގެސްޓުން ގެނައުން ވެސް ވަނީ މަނާކޮށްފަ އެވެ.