ޓީސީ ސްޕޯޓްސް ކުލަބުގެ ސްކޮޑު އެކަހެރި ކުރުމުން، ފަސްވި އެފްއޭ ކަޕްގެ ސެމީ ފައިނަލު ދެ މެޗާއި، ފައިނަލު މެޗު އަލުން ތާވަލު ކުރެވޭނީ އެޗްޕީއޭއިން އެންގުމުން ކަމަށް އެފްއޭއެމުން ބުނެފި އެވެ.
އެފްއޭ ކަޕް ސެމީ ފައިނަލުގެ ދެ މެޗު އެންމެ ފުރަތަމަ ތާވަލު ކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު ކުޅޭ ގޮތަށެވެ. އެހެންނަމަވެސް، އެ ތާރީހްގައި ސެމީ ފައިނަލު ދެ މެޗު ނުކުޅެވޭނެކަން ކަށަވަރުވީ، އޭއެފްސީ ކަޕްގައި ބަންގުލަދޭޝްގެ ބޮށުންދަރާ ކިންގްސްއާ ދެކޮޅަށް ކުޅެން ޓީސީން ބަންގުލަދޭޝްއަށް ދަތުރު ކުރުމުން، އެ ޓީމު އެކަހެރި ކުރަން ޖެހުމުންނެވެ.
ކޮވިޑް-19 ގެ ބިރުވެރިކަން އުފެދޭން ފެށުމުން، ބަންގުލަދޭޝްއިން ރާއްޖެ އަންނަ ފަރާތްތައް 14 ދުވަސްވަންދެން އެކަހެރި ކުރަން ސަރުކާރުން ނިންމީ، މި މަހު 11 ވަނަ ދުވަހު ބޮށުންދަރާ އާ ދެކޮޅަށް ކުޅުނު މެޗަށް ޓީސީން ބަންގުލަދޭޝްއަށް ފުރި ފަހުންނެވެ. ޓީސީގެ ސްކޮޑު މިހާރުތިބީ ލަންކާގައި އެކެހެރި ކޮށްފަ އެވެ. އޭގެ ފަހުން ލަންކާގައި ކޮވިޑް-19 ގެ ބިރުވެރިކަން އިތުރަށް ބޮޑުވުމުން އެ ގައުމުގެ އެންމެ ބޮޑު އިންޓަނޭޝަނަލް އެއާރޕޯޓް ބަންދު ކުރުމުން ޓީސީގެ ކުޅުންތެރިން އިތުރު މުއްދަތަކަށް ލަންކާގައި މަޑުކުރަން ޖެހޭނެ އެވެ.
އެފްއޭއެމުން ކުރިން ބުނެފައި ވަނީ، އެފްއޭ ކަޕްގެ ސެމީ ފައިނަލާއި ފައިނަލު އަލުން ތާވަލު ކުރުމަށް މިދިޔަ އާދިއްތަ ދުވަހު ކުލަބުތަކާ މަޝްވަރާ ކުރާނެ ކަމަށެވެ. އެފްއޭއެމްގެ އޮފިޝަލަކު މިއަދު ބުނީ، މުބާރާތްތައް އަލުން ތާވަލު ކުރެވޭނީ އެޗްޕީއޭ އިން އެންގުމުން ކަމަށެވެ.
އޭނާ ވިދާޅުވީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހާލަތަށް ބަލާނެ ކަމަށެވެ.
"އަލުން މެޗުތައް ޝެޑިއުލް ކުރަން ވިސްނޭނީވެސް މިމަހުގެ 28ގެ ފަހުން،" އޮފިޝަލް ވިދާޅުވި އެވެ. "އަދި އެޗްޕީއޭގެ ލަފާ ވެސް ހޯދައިގެން ކުރިއަށް ދާނީ."
ކުރިން އޮތްގޮތުން، މާދަމާ އަކީ އެފްއޭ ކަޕްގެ ފައިނަލު މެޗު ކުޅެން ތާވަލު ކޮށްފައި އޮތް ދުވަހެވެ. އެފްއޭ ކަޕްގެ ފުރަތަމަ ސެމީ ފައިނަލު މެޗުގައި ޓީސީ ވާދަ ކުރާނީ މާޒިޔާއާ ދެކޮޅަށެވެ. ދެ ވަނަ ސެމީ ފައިނަލު މެޗުގައި ބައްދަލު ކުރާނީ ދަ ގްރާންޑޭ އާއި އީގަލްސް އެވެ.