އެފްއޭ ކަޕް

ޕެނަލްޓީން ކުރިހޯދައި މާޒިޔާ ސެމީ ފައިނަލަށް

ކުލަބު ގްރީން ސްޓްރީޓްސް އާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެ ޕެނަލްޓީ ޖަހައިގެން 8-7 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އެފްއޭ ކަޕްގެ ސެމީ ފައިނަލަށް މާޒިޔާ ދަތުރު ކޮށްފި އެވެ.

މިރޭގެ މި މެޗަކީ، ގްރީންގެ ކޯޗް ކަމާ، ޒުވާން ކޯޗް އަލީ ނިޝްތާރު މުހައްމަދު ހަވާލުވެގެން ކުޅުނު ފުރަތަމަ މެޗެވެ. އޭނާ އަކީ މި ސީޒަންގައި މާޒިޔާ އާ ދެކޮޅަށް ވަރުގަދަ ޗެލެންޖެއް ދީފައިވާ ކޯޗެކެވެ. ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ ބުރުގައި މާޒިޔާއިން ދަމަހައްޓަމުން ދިޔަ ވިނިން ޓްރެކަށް ނިމުން ގެނައި ކޯޗަކީ އޭނާ އެވެ. ފުރަތަމަ ބުރުގައި އޭރު އޭނާ ކޯޗް ކޮށްދިން، ށ. ފޯކައިދޫ ފުޓްބޯޅަ ކުލަބުން ވަނީ މާޒިޔާ ލަނޑު ޖެހިޔަ ނުދީ އެއްވަރު ކޮށްފަ އެވެ.

މާލެއަށް ނިސްބަތްވާ، އެއް ވަނަ ޑިވިޝަންގެ ޓީމަކާ ފުރަތަމަ ފަހަރަށް ހަވާލުވެ، ކުރިމަތިލި ފުރަތަމަ މެޗުގައިވެސް ނިޝްތާރު ވަނީ މާޒިޔާއަށް ޗެލެންޖު ކޮށްފަ އެވެ. މެޗުގެ ފުރަތަމަ ލީޑް ނެގީވެސް ގްރީން ސްޓްރީޓުންނެވެ. މެޗުގެ 14 ވަނަ މިނެޓްގައި އެ ޓީމަށް ލީޑް ނަގައިދިނީ އަހްމަދު ރަޝީދު (އަންމަޑޭ) ކާމިޔާބު ކުރި ލަނޑުންނެވެ.

އަންމަޑޭ ގޯލަށް ވައްދާލީ، ގްރީން އިން ފުލުފުލުގައި ފޮނުވާލި ދެ ހަމަލާއަށް ފަހު ރީބައުންސްވި ބޯޅަ މިސްރުގެ ޑިފެންޑަރު މަހްމޫދު އަލް ސައީދު ބައިސްކަލްކިކަކުން ފޮނުވާލި ބޯޅަ، އޭރިއާ ތެރޭގައި ހުރެފައި ބޮލުން މާޒިޔާގެ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މާޒިޔާ ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް މަސައްކަތް ކޮށްފަ އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ ދެ ވަނަ ހާފުގައި ކާމިޔާބު ކުރި ލަނޑުންނެވެ. މެޗުގެ 61 ވަނަ މިނެޓްގައި އެ ޓީމުގެ ހަމްޒާ މުހައްމަދު (ހަމްޕް) ވަނީ މާޒިޔައަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

އޭނާ ލަނޑު ޖެހީ، ގްރީގެ އޭރިއާގެ ސެންސާކަލްގެ ތެރެއިން އޭރިއާގެ ރޮނގުމަތިން ކަހަލަ ގޮތަކަށް ލިބުނު ހިލޭޖެހުން އަހްމަދު އަބްދުﷲ (ލިލީ) ފޮނުވާލުމުން ފާރެއްހެން އެތުރިގެން ތިބި ގްރީންގެ ކުޅުންތެރިންގެ ގައިގައި ޖެހި ރީބައުންސަށް ނުކުތް ބޯޅަ ގޯލްގެ ދުރު ކަނަށް ފޮނުވާލައިގެންނެވެ.

އެ ނަތީޖާއިން މެޗުގެ ފުރިހަމަ ވަގަުތު އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައިވެސް ފުރަތަމަ ލީޑް ނެގީ ގްރީން ސްޓްރީޓުންނެވެ. އެ ޓީމުގެ ލަނޑު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ކާމިޔާބު ކުރީ މުހައްމަދު އުމޭރު އެވެ. ނޭވާ ހޮޅިއަށް އެލީފައި ތިބި މާޒިޔާގެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ އެންމެ ފަހު މިނެޓްގައި އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) އެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި މާޒިޔާގެ ހަ ޕެނަލްޓީވެސް ކާމިޔާބު ކުރި އެވެ. ގްރީން ސްޓްރީޓަށް ނާކާމިޔާބުވީ އެ ޓީމުގެ އަލީ ހަމްދާން ފޮނުވާލި ޕެނަލްޓީ އެވެ. ގޯލްގެ މެދަށް ތިރިއަށްވާގޮތަށް ހަމްދާން ފޮނުވާލީ ޕެނަލްޓީ މާޒިޔާގެ ކީޕަރު އޮވިއަސް އަޒީޒީ ޑައިވްކޮށް ދިފާއު ކުރީ އެވެ.