ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މިއަދުގެ ބަންގި: އެންމެން ގޭގައި ނަމާދުކުރައްވާ!

Mar 18, 2020

މާލޭ ސިޓީއަށް މިއަދަކީ ތަފާތު ދުވަހެކެވެ. ކޮންމެ ދުވަހެއްގެ ފަސް ވަގުތު މާލޭ ގުގުމާލައި ބަންގީގެ އަޑު މިއަދު ތަފާތެވެ. އަވަހަށް ނަމާދަށް އަންނާށޭ ގޮވާލުމާއެކު، ބަންގީގައި ގޮވާލީ ހުރިހާ އެންމެން ގޭގައި ނަމާދު ކުރައްވާށޭ އެވެ.

އިސްލާމިކް މިނިސްޓްރީއިން މިއަދު ވަނީ މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތްތަކެއްގައި ޖަމާއަތުގައި ނަމާދުކުރުން ވަގުތީ ގޮތުން ހުއްޓާލާފަ އެވެ. އެހެންވެ، މިއަދު މެންދުރު ނަމާދުން ފެށިގެން އެއްވެސް މިސްކިތެއްގައި ޖަމާއަތެއް ނޯންނާނެ އެވެ.

މިއަދު މެންދުރު ނަމާދު ބަންގިއަށްފަހު "ހުރިހާ އެންމެން ގޭގައި ނަމާދު ކުރައްވާށޭ" ދިވެހި ބަހުން ދެ ފަހަރަށް ގޮވާލާފައިވެ އެވެ.

ޖަމާއަތް ހުއްޓާލި ނަމަވެސް މިސްކިތްތައް ހުރީ ހުޅުވާފަ އެވެ. އެހެންވެ، މިސްކިތަށް އަރާ ނަމާދު ކުރާ މީހުން ވެސް މަދެއް ނޫނެވެ. ޖަމާއަތް ނުހެދިޔަސް މިސްކިތުގައި ގިނަ ބަޔަކު މެންދުރު ނަމާދު ވެސް ކުރި އެވެ.

ސަރުކާރުން މިސްކިތްތަކުގައި ވަގުތީ ގޮތުން ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް އެޅި ފިޔަވަޅަށް އިލްމްވެރިން ވެސް ތާއިދު ކުރައްވާފައިވެ އެވެ.

އެގޮތުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިނިސްޓްރީއިން ނިންމާފައިވާ ނިންމުމަށް ތާއިދުކޮށް އެ ނިންމުން ދެމެހެއްޓުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ. ގޭގައި ނަމާދު ގާއިމްކޮށް، މި ވަބާއިން ގައުމު ސަލާމަތް ކުރުމަށް އެދި ދުއާ ކުރުމަށް ޑރ. ޝަހީމް އެދިވަޑައިގެންނެވި އެވެ.

މިއީ ރާއްޖޭގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލި ފުރަތަމަ ފަހަރެވެ. މާލޭ ސަރަހައްދުގައި ކުރިއަށް އޮތް ދެ ހުކުރު ނަމާދު ވެސް ނުކުރަން ވަނީ ނިންމާފަ އެވެ. މާލޭ ސަރަހައްދުގެ މިސްކިތްތަކުގެ އިތުރުން ދެން ޖަމާއަތް ކުރުން ހުއްޓާލާފައިވަނީ ހުރިހާ ރިސޯޓްތަކެއްގެ މިސްކިތްތަކުގަ އެވެ.