ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާލެ ސަރަހައްދުގެ މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް ކަނޑައެޅި މުއްދަތު އިތުރުކޮށްފި އެވެ.
މި މަހުގެ 18 ވަނަ ދުވަހު މާލެ ސަރަހައްދުގެ މިސްކިތްތަކުގެ ނަމާދު ކުރުން ހުއްޓާލުމަށް އިސްލާމިކް މިނިސްޓްރީން އެންގީ މިއަދުގެ އަސުރު ނަމާދާ ހަމައަށެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ މުއްދަތު އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.
މާލެ ސަރަހައްދުގެ އިތުރުން ރިސޯޓްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ އަންގައިފަ އެވެ. އަދި ކޮންމެ ހުކުރު ދުވަހަކު މުސްލިމު ފިރިހެނުން އަދާ ކުރާ ހުކުރު ނަމާދު ވެސް މާލެ ސަރަހައްދާއި ރިސޯޓުތަކުގައި ކުރުން ވަނީ މެދުކަނޑާލައިފަ އެވެ.
މިއީ ރާއްޖޭގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މިފަދަ ގޮތަކަށް ހުއްޓާލި ފުރަތަމަ ފަހަރެވެ. ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ބައެއް އެހެން ގައުމުތަކުގައި ވެސް މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައިވެ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް 16 މީހަކު މިހާތަނަށް ރާއްޖޭން ފެނިފައިވާއިރު، އެއިން ދެ މީހަކު ވަނީ ބޭރަށް ފުރައިފަ އެވެ. އޭގެ ތެރެއިން ނުވަ މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިހާރު ފަރުވާ ދެމުން ދަނީ ފަސް މީހަކަށެވެ. އެއިން އެންމެ މީހަކު ފިޔަވައި ދެން ތިބީ ބިދޭސީންނާއި ޓޫރިސްޓުންނެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރު އޮފީސްތަކާއި ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ކޮލެޖްތައް ހިމެނޭ ގޮތަށް ތައުލީމް ދޭ މަރުކަޒެއް ވެސް ވަނީ ބަންދުކޮށްފަ އެވެ. ގުރުއާން ކްލާސްތަކާއި ޓިއުޝަން ދިނުން ވެސް ވަނީ ހުއްޓުވާފަ އެވެ. މާލެ ސަރަހައްދުގެ މައިޒާންތަކާއި ޕާކްތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި، ސިނާމާތަކާއި ކެފޭތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.
އޭގެ އިތުރުން ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދިޔުން ވަނީ މަނާކޮށްފަ އެވެ. އާންމުން ދަތުރުކުރާ ފެރީތަކުގައި ބިދޭސީން ދަތުރު ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. މިއަދުން ފެށިގެން ރާއްޖެއަށް ޓޫރިސްޓުން އައުން މަނާކޮށް ބޯޑަރު ވެސް ވަނީ ބަންދުކޮށްފަ އެވެ.