ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޒަރޫރީ ބޭނުމުގައި ނޫނީ ނުނުކުންނަށް މުވައްޒަފުންނަށް އަންގައިފި

ޒަރޫރީ ބޭނުމެއްގައި ނޫނީ ސަރުކާރުގެ މުވައްޒަފުން ގެއިން ބޭރަށް ނުކުމެ ނޫޅެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އެދިއްޖެ އެވެ.

ރައީސް އޮފީހުން ބުނީ ސަރުކާރު ބަންދު ކުރުމުގެ ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ ސޯޝަލް ޑިސްޓެންސިން ތަންފީޒު ކުރުމަށް ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން، ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުކުމެ ނޫޅެން އަންގާ ކަމަށެވެ.

ސަރުކާު ބަންދުކުރަނީ މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

ބަންދުވިޔަސް މެދު ނުކެނޑޭނެ ހިދުމަތްތަތއް

  • ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ފާމަސީތަކުގެ ހިދުމަތްތައް
  • ފެނާއި، ކަރަންޓާއި، ނަރުދަމާގެ ހިދުމަތް
  • ބްރޯޑްކާސްޓިންގގެ ހިދުމަތް
  • ފޯނާއި އިންޓަރނެޓްގެ ހިދުމަތް
  • ބޭންކުތަކުން ދޭ ހިދުމަތް
  • ކައްކާ ގޭހާއި ފިޔުލްގެ ހިދުމަތް
  • ވައިގެ ދަތުރުފަތުރުގެ ހިދުމަތްތަކާއި ވިޔަފާރި ބަނދަރުތަކުގެ ހިދުމަތް
  • ކަސްޓަމްސްއާއި އިމިގްރޭޝަނާއި އޭވިއޭޝަން ކޮމާންޑުގެ ހިދުމަތް
  • ސިފައިންނާއި ފުލުހުންގެ ހިދުމަތް
  • ފަޔާ އެންޑް ރެސްކިއުގެ ހިދުމަތް
  • ޢަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ހިދުމަތާއި ކޯޓުތަކުގެ ހިދުމަތް
  • ހާރިޖީ ގުޅުންތަކާބެހޭ ހިދުމަތް
  • އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ހިދުމަތް؛
  • ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން މީހުންނާއި ކުދިން ބަލަހައްޓާ މަރުކަޒުތަކުން ދޭ ހިދުމަތް
  • ޖަލުތަކުގެ ހިދުމަތް
  • ރަށް ކުނިކަހައި ބެލެހެއްޓުމުގެ ހިދުމަތާއި، ކުނިނަގައި އުކާލުމުގެ ހިދުމަތް
  • މޫސުމާބެހޭ ހިދުމަތް

ރައިސް އޮފީހުން ބުނީ މި ހިދުމަތްތައް ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ދައުލަތުގެ އިދާރާއަކުން ކޮންމެހެން މަސައްކަތަށް ނެރޭ މުވައްޒަފުންނާއި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިމަހުގެ 12 ވަނަ ދުވަހު އިއުލާންކޮށްފައިވާ "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު" ގައި، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅުއްވާ ފިޔަވަޅުތައް އެޅުމަށްޓަކައި ދައުލަތުގެ އިދާރާތަކުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް މަސައްކަތަށް ނެރޭ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުން މަސައްކަތަށް ނުނެރުއްވުމަށްވެސް އަންގާ ކަމަށެވެ.

ސަރުކާރު ބަންދުކުރާ މުއްދަތުގެ ތެރޭގައި ދައުލަތުގެ އިދާރާއަކުން ކޮންމެހެން ދޭންޖެހޭ ހިދުމަތެއް ދިނުމަށްޓަކައި، އެ އިދާރާއެއްގެ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްވެސް ރައީސް އޮފީހުން ވަނީ އަންގާފަ އެވެ.