ކޮވިޑް-19 ބަލި ކޮންޓްރޯލެއް ނެތި އަލުން ފެތުރެން ފެށީ އެންމެ ރަނގަޅަށް މަަސައްކަތް ނުކުރެވުން ކަމަށާ އެ ހަގީގަތް ގަބޫލުކޮށް އަލުން ހާލަތު ރަނގަޅު ކުރަން އެންމެ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ނުރައްކާވެ ބަލިޖެހޭ މީހުންގެ އަދަދު ބޮޑުތަނުން ދަނީ އިތުރުވަމުންނެވެ. ނަތީޖާ ލިބުން ފަސްވެފައިވާ 300 ސާމްޕަލްއާއެކު މިއަދު 1000 ވުރެ މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިދިޔަ ހަތަރު ދުވަހުވެސް ޕޮޒިޓިވް ނަަންބަރު ހުރީ 700 އިން މަތީގައެވެ.
ކޮވިޑްގެ ހާލަތުން އަލުން ގޯސްވެފައި މިވަނީ ކުރީން އެޅި ފިޔަވަޅުތައް ކައުންސިލް އިންތިހާބަށް ލުއިކޮށް އަދި މުޒާހަރާތަކާއި އެއްވުންތައްވެސް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންގޮސްފައިވަނިކޮށެވެ.
މިރޭ އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި މަބުރޫކް ވިދާޅުވީ ކޮވިޑް މެނޭޖްކުރުމުގައި ސަރުކާރާއި އެޗްޕީއޭއަށްވެސް ގޯސްތަކެއް ހެދިފައިވާ ކަމަށެވެ. މަބުރޫކް ވިދާޅުވީ އެ ހަގީގަތް ގަބޫލު ކުރައްވާ ކަމަށާ ހުރިހާ ކަމެއް ކުރެވުނީ އެންމެ ރަނގަޅު ކަމަށް ބުނުންވާނީ ދޮގަކަށް ކަމަށެވެ.
"މީގެތެެރޭގައި އަޅުގަނޑުމެންނަށްވެސް ހެދިފައި ހުރި ގޯސްތައް ނުވަތަ ރަނގަޅު ކުރަންޖެހޭ ކަންކަން ހުންނާނެ. އެކަންކަން އަޅުގަނޑުމެން ޖެހޭނެ ގަބޫލުކުރަން. އެޗްޕީއޭ އެކަންޏެއް ނޫން ސަރުކާރުގެވެސް އަދި އެހެން މުއައްސަސާތަކުންވެސް އެއަށްވުރެ ރަނގަޅަށް ކުރެވޭނެ ބައިވަރު ކަންކަން ހުންނާނެ. އަދި އެ ހުރިހާ ކަމެއް އަޅުގަނޑުމެންނަށް އެންމެ ފުރިހަމައަށް ކުރެވުނޭ ބުނުން ވާނީ ސީދާ ދޮގަކަށް،" މަބުރޫކް ވިދާޅުވިއެވެ.
މަބުރޫކް ވިދާޅުވީ ކޮވިޑާ ދެކޮޅަށް ކުރަންޖެހޭ މަސައްކަތް އެންމެ ރަނގަޅަށް ކުރެވިފައި ނެތުމަކީ ބަލިފެތުރިގެން އެއް ސަބަބު ކަމަށެވެ. އަދި އެޗްޕީއޭއިން ދިން ބައެއް ލުއިތައް ނާޖައިޒު ގޮތުގައި ބޭނުންކުރި ބަޔަކު ތިބި ކަމަށާ އެކަންކަން އެއަށްވުރެ ރަނގަޅަށް ބެލެހެއްޓުނުނަމަ ހާލަތު މިހާ ގޯސްނުވީސް ކަމަށެވެ. އަދި މުޒާހަރާތަކާއި އެއްވުންތައް ނުހުއްޓުވި ކެންޕެއިންގެ ހަމަތައް ދޫކޮށްލެވުމަކީވެސް ހެދިފައިވާ ގޯސްތަކެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައިވެސް ގޯސްތައް ހެދިފައި ހުންނާނެ. އެއާއެކީގައި އަޅުގަނޑުމެން ދައްކަން ޖެހޭ އަނެއް ވާހަކައަކީ އަޅުގަނޑުމެންނަށްވެސް މިކަމުގައި އެންމެ ރަނގަޅަށް މަސައްކަތް ނުކުރެވުން އެއީ ބަލިފެތުރެން ދިމާވި އަނެއް ސަބަބު. ތި ވިދާޅުވިހެން ހާއްސަ ހުއްދަދޭން ޒަރޫރީ ބޭނުންތަކަށް ނުވަތަ ރައްޔިތުންނަށް ހިދުމަތެއް ކޮންމެހެން ފޯރުކޮށްދޭން ޖެހޭތީ ނުވަތަ އެ ރަށެއްގައި ކޮންމެހެން ހިންގަން ޖެހޭ ސާވިސްއެއް ދިނުމަށްޓަކައި ހާއްސަ ހުއްދަ ދޭން ފެށީ. ހާއްސަ ހުއްދައިގެ ބޭނުން ހިފާފަ އެބަހުރި އެކަންކަން ކުރަން ނޫނަސް އޮޅުވާލައިގެންވެސް. ވަކި ފަރާތެއް ކިޔާކަން ނޫން ހުރިހާ ކަމެއްގައިވެސް އެކަންކަން ހިނގާފައި އެބަހުރި،"
މަބުރޫކް ވިދާޅުވީ ކޮވިޑްގެ އެންމެ ނުރައްކާ ހާލަތު ދިމާވެއްޖެ ކަމަށާ މިއަދު މަަސައްކަތް ކުރަންވީ އެ ކަމުން އަރައިގަތުމަށެވެ. ހެދުނު ގޯސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންކަމުގެ ވާހަކަ ފަހުން އަދި ދައްކަވާނެ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް މިއީ އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތުގެ އިނގިލި ދިއްކުރަންވީ ވަގުތު ނޫން ކަމަށާ ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ އަނެއްކާވެސް ރައްކާތެރިކަން ގާއިމު ކުރެވޭނެ ކަމަށެވެ.