ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

"ކޮންޓްރޯލް ގެއްލި" ހާއްސަ އެހީއަަށް އެދިފައެއް ނުވާނެ: ސަރުކާރު

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އަބަދުވެސް ބޭރު ގައުމުގެތަކުގެ އެހީތެރިކަން ހޯދަމުންދާ ކަމަށާ ނަމަވެސް ކޮވިޑް ކޮންޓްރޯލް ގެއްލި ހާއްސަ އެހީއަކަށް އެދިފައި ނުވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުން މިހެން ބުނެފައިވަނީ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން އެންމެ ފަހުން ބައިނަލްއަގްވާމީ އެހީތެރިކަމަށް އެދިފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އަބަދުވެސް ދަނީ ބޭރު ގައުމުތަކާއި ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީތެރިކަން ހޯދަމުން ކަމަށެވެ. ނަމަވެސް "ކޮންޓްރޯލް ގެއްލި" ހާއްސަ އެހީއަކަށް އެދިފައި ނުވާނެ ކަމަށް ވިދާޅުވިއެވެ.

ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އަބަދުވެސް ދަނީ ބޭރު ގައުމުތަކާއި ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީތެރިކަން ހޯދަމުން. 'ކޮންޓްރޯލް ގެއްލި' ހާއްސަ އެހީއަކަށް އެދިފައެއް ނުވޭ
މުހައްމަދު މަބުރޫކް އަޒީޒް | ރައީސް އޮފީހުގެ ތަރުޖަމާން

މިރޭ އޮތް އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލްވުމުގައިވެސް މަބުރޫކަށް އެ ސުވާލު ކުރެވުނެވެ. މަބުރޫކް ވިދާޅުވީ ބައިނަލްއަގްވާމީ އެހީތެރިކަން ރާއްޖެއަށް ބޭނުންވާ ކަމަށާ އެހީ ހޯދުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންވެސް ގެންދާ ކަމަށެވެ. އަދި އެހީތެރިވެދޭ ގައުމުތަކާއެކު އެކި މަޝްވަރާތައް ހިނގަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މަބުރޫކް ވަނީ މީގެ ކުރީންވެސް އެކި ގައުމުތަކުން ލިބިފައިވާ އެހީތެރިކަން ފާހަގަކޮށް މިހާރުވެސް އެފަދަ އެހީތައް ބޭނުން ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ މިދިޔަ ފަސް މަސްތެރޭ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 34،855 އަށް އަރާފައެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ހޭދަވި 438 ދުވަހުގެ ތެރޭގައި 48،601 މީހަކަށް ބަލިޖެހި 112 މީހަކު ވަނީ މަރުވެފައެވެ. މިދިޔަ ސައުވީސް ގަޑިއިރުތެރޭ ހަތް މީހަކު މަރުވެފައިވާއިރު މިހާރުވެސް 14 މީހަކަށް އައިސީޔޫގައި އަދި ނުވަ މީހަކަށް ވެންޓިލޭޓަރުގައި ދަނީ ފަރުވާ ދެމުންނެވެ. ފަރުވާދޭ ސެންޓަރުތަކާއި ހޮސްޕިޓަލްތައް ވަނީ ފުރުމާ ގާތުގައެވެ. ރާއްޖެ އޮތީ ކޮވިޑްގެ ހަތަރުވަނަ ރާޅެއްގެ ތެރޭގައެވެ. މިއީ ކޮވިޑްގައި ދިވެހިން ތަޖުރިބާކުރާ އެންމެ އުނދަގޫ ދުވަސްތަކެވެ.