ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ދަރުމަވަންތަގައި ފަރުވާދޭ މިހާގެ ހާލު މިހާރު ވަރަށް ރަނގަޅު: ޑރ

Mar 18, 2020
1

އއ. ބަތަލާ ރިސޯޓުން ކޮވިޑް19 އަށް ޕޮޒިޓިވްވެ ފަހުން ދަރުމަވަންތަ ހޮސްޕިޓަލަށް ގެނެސް އެޑްމިޓް ކުރި މީހާގެ ހާލު މީހާރު ވަރަށް ރަނގަޅު ކަމަށް ސަރުކާރުން ބުނެފި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަަނަ ފަންގިފިލާގައި ފަރުވާދެމުން ދަނީ ބަތަލާ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 70 އަހަރުގެ އިޓަލީ ޓޫރިސްޓެކެވެ. ދަރުމަވަންތަ ހޮސްޕިޓަލަށް އޭނާ ބަދަލު ކޮށްފައި ވަނީ އިތުރު ފަރުވާދޭން ވެގެންނެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ މުރާދު ވިދާޅުވީ، އެ މީހާގެ ހާލު ވަރަށް ރަނގަޅު ކަމަށާއި، މިހާރު އޭނާއަށް އޮކްސިޖަން ދިނުން ވެސް ހުއްޓާލާފައިވާ ކަމަށެވެ.

ދެން އެ ވައިރަހަށް ޕޮޒިޓިވްވެގެން ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފައިވާ މީހުންގެ ހާލު ރަނގަޅުކަމަށާއި، އެ މީހުންގެ ހަށިގަނޑުގައި ހުރި ރޯގާގެ އާލާތްތައްވެސް މިހާރު ހުރީ ވަރަށް ކުޑަކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މި މަޑުކުރަނީ، އެ މީހުންގެ ގައިން ރޯގާ ފިލާފައިވާ ކަމަށް ކަނޑައަޅަން އަލުން ޓެސްޓު ކުރެވޭނެ ދުވަހަކަށް،" ޑރ. މުރާދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، އެހެން ތަންތަނުގައި އެކަހެރިކޮށްފައިތިބި މީހުންގެ ވެސް ނަފްސާނީ ހާލަތުވެސް ރަނގަޅު ކަމަށާއި، އެމީހުންގެ ކިބައިގައިވެސް ރޯގާގެ މާބޮޑު އަލާމާތްތަކެއް ނެތް ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ނުވަ އިޓަލީ މީހަކު ހިމެނެ އެވެ. ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

ރާއްޖޭގައި 30 ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ސަރުކާރުން ގެންދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސަރުކާރު ކުރިއަށް އޮތް ދެ ހަފުތާ ބަންދުވާނެ އެވެ. އަދި ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަ ކުރަން ވަނީ ނިންމާފަ އެވެ.

ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ކޮލެޖްތައް ހިމެނޭ ގޮތަށް ތައުލީމްދޭ މަރުކަޒެއް ވެސް ދެ ހަފުތާއަށް ވަނީ ބަންދުކޮށްފަ އެވެ. ގުރުއާން ކްލާސްތަކާއި ޓިއުޝަން ދިނުން ވެސް ވަނީ ހުއްޓުވާފަ އެވެ. ސިނާމާތައް ވެސް ބަންދުކުރަން އެންގި އެވެ.

އޭގެއިތުރުން ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދިޔުން ވަނީ މަނާކޮށްފަ އެވެ. އާންމުން ދަތުރުކުރާ ފެރީތަކުގައި ބިދޭސީން ދަތުރު ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. ގެސްޓް ހައުސްތަކަށް ގެސްޓުން ގެނައުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި މިއަދުން ފެށިގެން މާލޭ ސަރަހައްދުގައި ހުރި މިސްކިތްތައްވެސް ވަނީ ބަންދުކޮށް ޖަމާއަތުގައި ނަމާދު ނުކުރުމަށް އަންގައިފަ އެވެ.