ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބޭރުން އައި އިތުރު ތިން މީހަކު ޓެސްޓް ކުރަނީ

Mar 18, 2020
1

ކޮވިޑް-19އަށް ކިރިޔާ ވެސް އަލާމާތެއް ހުރެއްޖެނަމަ، ޓެސްޓް ކުރާ އުސޫލުން އިތުރު ތިން މީހެއްގެ ޓެސްޓް ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ އައްޑޫ ސިޓީ، މަރަދޫގެ ދެ މީހެއްގެ ފަރާތުން އަލާމާތްތައް ފެންނާތީ ސާމްޕަލް ނަގާފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެކަކަކީ މެލޭޝިއާއިން އައި މީހެކެވެ. އަނެއް މީހާއަކީ އިންޑިއާއިން އައި މީހެކެވެ. އެ ދެ މީހުން ވެސް ވަނީ އެކަހެރިކޮށްފަ ކަމަށް މަބުރޫކު ވިދާޅުވި އެވެ.

މަބުރޫކު ވިދާޅުވި ގޮތުގައި ދެން ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުން ދަނީ ތ. ގުރައިދޫގައި ހުރި މީހެކެވެ. އޭނާއަކީ ވެސް އިންޑިއާއިން އައި މީހެކެވެ.

އިންޑިއާއިން ވެސް ކޮވިޑް-19އާ ގުޅޭ ކޭސްތައް އިތުރުވަމުންދާއިރު މިހާތަނަށް ރާއްޖެއިން އިންޑިއާއިން މީހުން އެތެރެވުން މަނާކޮށްފައެއް ނުވެ އެވެ. ނަމަވެސް މިހާރު ވަރަށް ބޮޑަށް ވައިރަސް ފެތުރިފައިވާ މެލޭޝިއާއިން މީހުން އައުން ވަނީ މަނާކޮށްފަ އެވެ.

މެލޭޝިއާއިން އަންނަ ދިވެހިން އިއްޔެއިން ފެށިގެން 14 ދުވަހުގެ ކަރަންޓީނަށް ދާން ޖެހޭނެ އެވެ. މިހާރު ޓެސްޓް ކުރަމުންދާ މަރަދޫ މީހާއަކީ އެ ފިޔަވަޅުގެ ކުރިން ރާއްޖެ އައި މީހެކެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ނުވަ އިޓަލީ މީހަކު ހިމެނެ އެވެ. ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.