ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިނގިރޭސިވިލާތާއި މެލޭޝިއާއިން ރާއްޖެއަށް މީހުން އައުން މަނާކޮށްފި

އިނގިރޭސިވިލާތާއި މެލޭޝިއާއިން ރާއްޖެއަށް މީހުން އެތެރެވުން ސަރުކާރުން މަނާކޮށްފި އެވެ. އެ ދެ ގައުމަކީ ވެސް މިހާރު ކޮވިޑް-19 ބަލި ފެތެރެމުންދާ ދެ ގައުމެވެ. އަދި އެ ދެ ގައުމުން ވެސް ވަނީ އެ ގައުމަށް މީހުން އެތެރެވުމުގައި ވެސް ފިޔަވަޅުތަކެއް އަޅާފަ އެވެ.

ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ މިއަދު އިރުއޮއްސި ހަޔަކުން ފެށިގެން މެލޭޝިއާއިން ރާއްޖެއަށް މީހުން އެތެރެވުން މަނާވާނެ ކަމަށެވެ. ހަމައެހެން އިނގިރޭސިވިލާތުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖެއަށް މީހުން އައުން މަނާވާނެ ކަމަށެވެ. އެ ދެ ގައުމަށް ޓްރާންސިޓްވެފައި ވެސް މީހަކަށް ރާއްޖެއަށް ނާދެވޭނެ ކަމަށް މަބުރޫކު ވިދާޅުވި އެވެ.

އެ ދެ ގައުމުން މީގެފަހުން ރާއްޖެ އަންނަ ދިވެހިން 14 ދުވަހު ކަރަންޓީނުގައި ތިބެން ޖެހޭނެ ކަމަށް ވެސް މަބުރޫކު ވިދާޅުވި އެވެ.

މީގެކުރިން ސަރުކާރުން ވަނީ ޗައިނާ އާއި ސައުތު ކޮރެއާގެ ދެ ޕްރޮވިންސްއަކުންނާއި އިޓަލީ އާއި އީރާން އާއި ބަންގްލަދޭޝް އާއި ފްރާންސް އާއި ސްޕެއިން އަދި ޖާމަނީއިން މީހުން ރާއްޖެއަށް އެތެރެވުން މަނާކޮށްފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ނުވަ އިޓަލީ މީހަކު ހިމެނެ އެވެ. ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

ރާއްޖޭގައި 30 ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ސަރުކާރުން ގެންދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސަރުކާރު ކުރިއަށް އޮތް ދެ ހަފުތާ ބަންދުވާނެ އެވެ. އަދި ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަ ކުރަން ވަނީ ނިންމާފަ އެވެ.

ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ކޮލެޖްތައް ހިމެނޭ ގޮތަށް ތައުލީމްދޭ މަރުކަޒެއް ވެސް ދެ ހަފުތާއަށް ވަނީ ބަންދުކޮށްފަ އެވެ. ގުރުއާން ކްލާސްތަކާއި ޓިއުޝަން ދިނުން ވެސް ވަނީ ހުއްޓުވާފަ އެވެ. ސިނާމާތައް ވެސް ބަންދުކުރަން އެންގި އެވެ.

އޭގެއިތުރުން ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދިޔުން ވަނީ މަނާކޮށްފަ އެވެ. އާންމުން ދަތުރުކުރާ ފެރީތަކުގައި ބިދޭސީން ދަތުރު ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. މާލެ ސަރަހައްދުތަކުގެ ގެސްޓް ހައުސްތަކަށް ގެސްޓުން ގެނައުން ވެސް ވަނީ މަނާކޮށްފަ އެވެ.