އިނގިރޭސިވިލާތުން މީގެކުރިން އައިސްފައިވާ ދިވެހިންނާއި އެމީހުން ކޮންޓެކްޓްވި އެންމެން ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އިނގިރޭސިވިލާތުން ރާއްޖެ އައި ތިން ދިވެއްސަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. މި ތިން މީހުން ވެސް ރާއްޖެ އައި ގޮތަށް ތިބީ ކަރަންޓީނު ފެސިލިޓީގަ އެވެ. މިހާރު ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސަކު ވެސް 14 ދުވަހު ކަރަންޓީނަށް ދާން ޖެހެ އެވެ.
އެ ފިޔަވަޅު ސަރުކާރުން އެޅުމުގެ ކުރިން ވެސް އިނގިރޭސިވިލާތުން ރާއްޖެއަށް ދިވެހިން އައިސްފައިވެ އެވެ. އިނގިރޭސިވިލާތުން އައި ދިވެހިންތަކެއް ޕޮޒިޓިވްވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެމީހުން ވެސް ޓެސްޓް ކުރުމަށް ނިންމީ ކަމަށް ކޮވިޑް-19 އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވި އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކު ވިދާޅުވީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާ ހަމައަށް އިނގިރޭސިވިލާތުން ރާއްޖެ އައިސްފައިވާ ހުރިހާ ދިވެހިން ވެސް ޓެސްޓް ކުރާނެ ކަމަށެވެ. އަދި އެމީހުންނާ ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށާއި އެމީހުން ވެސް ޓެސްޓް ކުރާނެ ކަމަށެވެ.
ސަރުކާރުން ވަނީ މިހާރު ކަރަންޓީނު ފެސިލިޓީތަކުގައި ތިބި އެންމެން ވެސް ޓެސްޓް ކުރުމަށް ނިންމާފަ އެވެ. އެމީހުންގެ ފަރާތުން އަލާމާތް ނުފެނުނު ނަމަވެސް ކަރަންޓީނު ދޫކޮށްލާނީ ޓެސްޓަށްފަހު އެވެ.
މިހާރު ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާދެމުން ދަނީ ތިން ދިވެހިންނަށް އެކަންޏެވެ. ޕޮޒިޓިވްވި 13 ބިދޭސީން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އެމީހުން މިހާރު ތިބީ 30 ދުވަހު މޮނީޓަރިންގަ އެވެ.
ފުރަތަމަ ޕޮޒިޓިވްވި ދެ ދިވެހިންނާ ކޮންޓެކްޓްވި 34 މީހަކު މާލޭގައި އެކަހެރިކޮށް މޮނީޓާ ކުރަމުންދެ އެވެ. އޭގެ ތެރޭގައި އެއާޕޯޓް މުވައްޒަފުން ވެސް ހިމެނެ އެވެ. ތިންވަނައަށް ޕޮޒިޓިވްވި ދިވެހި މީހާއަކީ ދެވަނައަށް ޕޮޒިޓިވްވި ދިވެހި މީހާއާ ކަރަންޓީނު ފެސިލިޓީ ވެލިދޫގައި އެއް ކޮޓަރިއެއްގައި ހުރި މީހެކެވެ.