ކ. ގިލި ލަންކަންފުށިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިފައިވަނީ މެލޭޝިއާއިން އައި އެ ރިސޯޓުގެ ދިވެހި މުވައްޒެއްގެ ފަރާތުން ކަމަށް ސަރުކާރުން ބުނެފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިރޭ ބުނެފައިވަނީ ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ގިލި ލަންކަންފުށިން ދިވެއްސެއްގެ ސާމްޕަލް ނެގުމާއި ޓެސްޓްކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން، ޓެސްޓްގެ ނަތީޖާ ލިބެންދެން އެ ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށެވެ.
ކޮރޯނާ ވައިރަހާ ގުޅޭ ތަރުޖަމާނު މަބުރޫކު އަޒީޒް ވިދާޅުވީ މިރޭ ވިދާޅުވީ ޝައްކުވާ ދިވެހި މުވައްޒަފަކީ މެލޭޝިއާއަށް ދަތުރުކޮށް ރިސޯޓަށް ދިޔަ ފަހުން އަލާމާތްތައް ފެނުނު މީހެއް ކަމަށެވެ. އޭނާއާ ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށެވެ.
މެލޭޝިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 553 އަށް އަރައިފަ އެވެ. މިއަދު އެކަނި ވެސް އެ ވައިރަހަށް 125 މީހުން ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 95 މީހުންނަކީ ކުއަލަލަންޕޫރުގައި ހުރި މިސްކިތެއްގައި ބޭއްވި ހަރަކާތަކުން ބަލި ޖެހުނު މީހުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި، ބުދަ ދުވަހުން ފެށިގެން މުޅި މެލޭޝިއާ ލޮކްޑައުން ކުރުމަށް ވެސް މިހާރު ވަނީ ނިންމާފަ އެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަންނަތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.