"ޒުމޫ!" ޒުމުރާގެ ބަދަލުނުވާ ޝަކުވާތައް އިވިފައި އަހަރެން ހުއްޓައިލީމެވެ.
"ރިޒާއަކަށް ނޭނގޭނެ. އިހުސާސެއް ނުވާނެ، ބީރައްޓެހި ރަށެއްގައި ދެ ކުދީން ގޮވައިގެން އަހަރެން މި އުޅޭ ގޮތެއް." ޒުމުރާ އަނެއްކާ ވެސް ފެށިއެވެ.
"ދެން އަހަރެން ކިހިނެއްތަ ހަދަންވީ؟" ޒުމުރާއަށް ދޭންވީ ޖަވާބެއް ނުވިސްނުމުން އަހަރެން ބުނެލީމެވެ.
އެއީ ޒުމުރާގެ އަނގަ ބަންދުކުރުމަށް އަހަރެން ގެންގުޅޭ ސުވާލެވެ. ގޮތަކަށް އެއީ ތަޅުދަނޑިއެކެވެ. އެ ތަޅުދަނޑިން ތަޅުލެވެނީ ޒުމުރާގެ އަނގައެވެ. އޭނާގެ ޝަކުވާތަކެވެ. މާ ކަންތައް ބޮޑުވުމުން އަހަރެން ބޭނުންކުރަނީ އެ ތަޅުދަނޑިއެވެ. އޭރުން ހުރިހާ ކަމެއް ހައްލުވެގެންދާނެއެވެ. އެހައި ހިސާބުން ޒުމުރާ އަމާންދޭނެއެވެ. ޝަކުވާތައް ހުއްޓޭނެއެވެ.
ފޯނު ބޭއްވުމަށް ފަހު އަހަރެން ވިސްނައިލީމެވެ. ފުންކޮށް ވިސްނައިލީމެވެ. ތަކުރާރުކޮށް ޒުމުރާ އެ ދައްކާ ވާހަކައެވެ. އޭނާގެ ޝަކުވާތަކެވެ. ބަދަލުގައި އަހަންނަށް ވިސްނުނީ އޭނާ ހަމަ ވާހަކައެއް ދައްކަނީ ކަމުގައެވެ. ރަށުން ބޭރުގައި އުޅުނަސް ގޭތެރެއަށް މަދު އެއްޗެއް މަދު ކަމެއް ނޯންނާނެއެވެ. ކަމެއް ދަމެއް ދިމާވިޔަސް ވަގުތުން އާޒިންބެ އެކަމެއްގެ ތެރެއަށް ވަންނާނެއެވެ. ހަމައެކަނި އޮންނާނީ އަހަރެން ނެތުމުން އޮންނަ ފަޅުކަމެކެވެ.
ރަށުގެ ހިމޭން މާހައުލުގައި އެލުވާފައިވާ ހެއްލާ އުނދޯލީގައި ބޯދަށަށް އަތްލައިގެން އޮވެ އަނެއްކާ ވެސް ވިސްނައިލީމެވެ. ލޮލުގެ ތެރެއަށް ގިނަވާން ފެށީ ކަރުނަތަކެވެ. ބަރުހެލިވަމުން ދިޔަ ކަރުނަތައް އޮހިގަންނަން ތައްޔާރުވިއެވެ. ހިތުގައި ފެވެމުން ދިޔައީ މާޒީގެ ހަނދާންތަކެވެ. އުޅެން ޖެހުނު ދަތި ހާލެވެ. ޅައިރުގެ ހަނދާންތަކެވެ.
އޭރު އަހަރެންގެ އުމުރުން އަށް އަހަރު ވެސް ނުފުރޭނެއެވެ. ގޭތެރެއިން އިވޭނީ ހަޅޭއްކުގެ އަޑެވެ. މަންމައާއި ބައްޕަގެ ޒުވާބުގެ އަޑެވެ. އޭރު ކަންކަން ނުވިސްނެނީ ކަމެއް ނޫނީ އެކަމާ ވިސްނަން ބޭނުން ނުވަނީ ކަމެއް ނޭނގެއެވެ. ތަނަކަށް ދިޔަޔަސް އަހަންނަށް ހުރެވެނީ ވަކީންނެވެ. އެހެން ކުދީންނާ އެކު އުޅުމަކީ އަހަންނަށް ފަސޭހަ ކަމަކަށް ނުވެއެވެ. އެކަހެރިކޮށް އުޅެން އާދަވުމުގެ ސަބަބުން އަހަރެން ހުންނާނީ ބާކީވެފައެވެ.
އެއްފުރައިގެ ކުދީން ފުޓުބޯޅަ ކުޅެން ހޭވައްޓާލައިފައި އުޅޭ މަންޒަރު ބަލަން އަހަރެން ދުރުގައި އިންނަމެވެ. އަހަންނަށް ބަލައިލެވެނީ އެކުދީން އަރައިގެން އުޅޭ ރީތި އެހައިމެ މޮޅު ބޫޓަށެވެ. އެއްފަހަރު އެ ކުދިންގެ ބޫޓަށް ބަލައިލެވެއެވެ. އަނެއް ފަހަރު އަމިއްލަ ފަޔަށް ބަލައިލެވެއެވެ. އަހަރެން އަރާނެ ފައިވާން ގަނޑެއްހާ ހިސާބު ވެސް ނުލިބެއެވެ. ފައިތިލަ ހުންނަނީ ހުދުވެފައެވެ. ހިރަފުހާއި ޗަކައިންނެވެ. އަހަރެން ފައިގެ އިނގިލިތަކަށް ނަޒަރު ހިންގައިލީމެވެ. ނިފަތިތައް ދިގުވެ އެގޮތް މިގޮތަށް ލެނބިފައި ހުއްޓެވެ.
ކުދިންގެ ލައިފައި ހުންނަ ރީތި ޖަރޒީތަކަށް ބަލައިލެވެއެވެ. ދެވަނަ ސިކުންތުގައި އަމިއްލަ ގައިގައި އޮންނަ ގަމީހަށް ކަޅި ހުއްޓައިލެވެއެވެ. އަހަރެން ގަމީހުގެ ގޮށެއް ނުހުރެއެވެ. ގޮއްވަޅުތައް ހުންނަނީ ބޮޑެތިވެފައެވެ. ބައެއް ގޮށްވަޅުގެ ތެރެއަށް ތޫރިކޮށްފައި ގަމީހުގެ ފޮތިގަނޑު ކޮށްޕާލެވިފައި ހުރެއެވެ. އަހަރެން ގައިގައި މި އޮތީ ރަތް ކުލައިގެ ގަމީހެކެވެ. ނަމަވެސް، ބަލާ މީހަކު މި ގަމީހުގެ ކުލައެއް ކަމަށް ބުނާނީ އަޅި ކުލައެވެ. އަޅި ކުލައެއް ވެސް ނޫނެވެ. ރަތް ހުދު އަޅި ކުލައެވެ. ގަމީހުގެ އެކި ދިމަދިމާއިން ހުންނަނީ އުޅާސްވެފައެވެ. އަހަންނަށް ބަލައިލެވުނީ ގަމީހުގެ އަތަށެވެ. އަނގަޔަށް ލައިގެން ހެފުނު ތަންތަން ހުރީ އޮޅި ރޫއަރައިފައެވެ.
ދެން އޮތީ އުނުގައި އޮތް ފަޓުލޫނެވެ. މިއީ ވެސް ފަޓުލޫނެކެވެ. ޒާތަކަށް އޮތް ފަޓުލޫނެކެވެ. ފަޓުލޫނުގައި ހުރީ ހުދު ރޮނގުތަކުން ޗާޓު ކުރެހިފައެވެ. އަހަންނަށް އަތްޖައްސާލެވުނީ ފަޓުލޫނުގައެވެ. ހީވީ ސިމެންތި ހުސްކުރި ކޮތަޅެއްގައި އަތް ޖެހުނު ހެންނެވެ. އެހައި ވެސް ހަރެވެ. އެކަމަކު ކުރިމަތިން ފެންނަނީ ކިހައި ރީތި ސޯޓުތަކެއް ލައިގެން ކުޅެން އުޅޭ ކުދިން ތަކެއް ހެއްޔެވެ؟ އެ ކުދީންގެ ނަސީބާ މެދު އަހަރެންގެ ހިތުގައި ހަސަދަވެރިކަން އުފެދިގަތެވެ.
ހިތަށް އެރިއެވެ. މިއީ ވެސް ދިވެހި ދެމަފިރިއެއްގެ ދަރިއެކެވެ. އެ ތިބީ ވެސް ދިވެހި ދެމަފިރިންނަށް ލިބިފައިވާ ދަރީންނެވެ. ތަފާތަކީ އެންމެ ތަފާތެކެވެ. އަހަރެންގެ ހާލަތެވެ. އެކުދީންގެ ހާލަތެވެ. މައިންބަފައިންގެ ތަނަވަސް ކަމެވެ. އަހަރެންގެ މައިންބަފައިންގެ ނިކަމެތި ކަމެވެ. ހަގީގަތުގައި ވެސް އަހަރެން މައިންބަފައިން ނިކަމެތީ ހެއްޔެވެ؟ ނޫނީ ނިކަމެތި ވެގަނެގެން އުޅެނީ ހެއްޔެވެ؟
ވިސްނެމުން ދިޔައީ ބައްޕައާ މެދުގައެވެ. ރަށު މީހުން ދައްކާ ވާހަކަތަކާ މެދުގައެވެ. އާއެކެވެ. އަހަންނަކީ ރަށަށް މަޝްހޫރު ކަޅު މުރާދުގެ އެންމެ ހަގު ދަރިއެވެ. އަހަރެންގެ ނަމުގެ ފަހަތަށް މުރާދުގެ ނަން ނުލީ ކީއްވެ ބާއޭ އަހަރެންގެ ހިތަށް ވެސް އަރައެވެ. ބޭބެއާއި ދައްތަގެ ނަމުގެ ފަހަތަށް މުރާދު ކިޔަނީ ކީއްވެ ހެއްޔެވެ؟
"މުރާދު ދަރިއެއް ނޫން ވީމަ." މަންމަގެ ޖުމުލަ އަހަރެންގެ ކަންފަތުގައި ގުގުމައިލި ކަހަލައެވެ.
އަނެއްކާ ވެސް ސުވާލުތަކުން ހިތް ބަންޑުންވާން ފެށިއެވެ. ބައްޕަގެ ދަރިއަކަށް އަހަރެން ނުވީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ބައްޕައަކީ މުރާދެއް ނޫން ހެއްޔެވެ؟ ދެން އަހަރެންގެ ބައްޕައަކީ ކާކު ހެއްޔެވެ؟ އޭރު އަހަންނަށް ވިސްނެނީ އެކަހަލަ ވިސްނުންތަކެކެވެ. މަޑުމަޑުން ކޮޅަށް ތެދުވެލީމެވެ. ދެތިން ފިޔަވަޅު ކުރިއަށް އަޅައިލި އިރަށް މަގުމަތީން ދެ ކުދީން އަހަންނަށް ބަލަބަލައިފައި ހޭންފެށިއެވެ.
"ހޮވި ސޮރު. ހޮވި ކުއްޖާ." އެއް ކުއްޖަކު ބުނެލިއެވެ.
"ގާތް ނުވޭ. ބަލައިބަލަ ހުރި ހަޑިކަން. ފެން ވެސް ނުވަރާ." ޖެހިގެން ހުރި ކުއްޖާ ވެސް އަހަންނާ ދިމާއަށް ބަލަބަލާފައި ހޭން ފެށިއެވެ.
"ހޮވި ކުއްޖާ." އަހަރެންގެ ކަންފަތުގައި އެ އަޑު ގުގުމަމުން ދިޔައެވެ.
އެމީހުން އަހަންނާ ދިމާއަށް އެހެން އެ ކިޔަނީ ކީއްވެ ހެއްޔެވެ؟ އަހަންނަކީ ހޮވި ކުއްޖެއް ހެއްޔެވެ؟ ބައްޕަ ވެސް އަހަންނާ ދިމާއަށް އެހެން ކިޔައެވެ. ރަށުގެ ބޮޑެތި މީހުން ވެސް އެހެން ކިޔައެވެ. ހަގީގަތުގައި ވެސް އަހަންނަކީ ހޮވި ކުއްޖަކީ ހެއްޔެވެ؟
"ރާއްޖޭގެ ގޮނޑުތަކުގަ ކުދީން އުކައިފަ ހުރޭތަ؟" މަންމަ ދިނީ ރުންކުރު ޖަވާބެކެވެ.
"ދެން ކީއްވެތަ އެހެން އެ ކިޔަނީ؟" އަހަރެން ގޮތް ދޫކުރާކަށް ބޭނުމެއް ނުވިއެވެ.
"އެމީހުންނަށް އެނގޭނީ. މަށަކަށް ނޭނގޭނެ މީހުން ކުރާހާ ސުވާލަކަށް ދޭނެ ޖަވާބެއް. އެހެން ނޫނަސް އަދި ތި އުޅެނީ ބޮލުން މައްޗަށް ކައިވަތެއް ނާރައިގެން. މީހުން ދައްކާހާ ވާހަކައެއް ހިފައިގެން މަ ކުރި މައްޗަށް އަންނާނެ ކަމެއް ނެތް." ބާރުބާރަށް މަންމަ ހަޅޭއްލަވާ ގަތެވެ.
"މިހާރު ކިހިނެއްވީ؟" އެ އަޑަށް ބައްޕަ ވެސް ބަދިގެއަށް ވަނެވެ.
"ނޭނގެ މިހުރި ސާހިބެއް ގާތު އަހައިބަލަ. މީހުން ކިޔާހާ އެއްޗަކަށް ޖަވާބު ހޯދަން އައިސް މިހުރީ. މީނަގެ ކަމަކީ ތިން ހަމައަށް ހިނގުން. މަ މި ކޯޓު ވިއްޔަ، މީނަގެ ޝަކުވާތައް އަހައި އެއަށް ހުކުމް ނެރެން." ރުޅިވެރި ކަމާއެކު މަންމަ ބަލައިލީ އަހަރެންގެ މޫނަށެވެ.
އަހަރެން އިސް ޖަހައިލީމެވެ.
"ކަލޭ ގާތު ކިތައް ފަހަރު ބުނާނީ ހިމޭނުން ހުންނާށޭ. މީހުން ކިޔައިހާ އެއްޗެއް އަނގަޔަށް ލައިގެން އައިސް މިގެއަށް ވައްޓާ ނުލާށޭ،" ބައްޕަ ޝާހާދަތް އިނގިލި އަހަރެންގެ ނޭފަތާ ކައިރިކޮށްލިއެވެ. "އަދިވެސް މާ އިއްޒަތްތެރި ސާހިބަކަށް ވެގެން އެބަ ފުއްޕައެއްނު. ވަހީދާއަކަށް ނޭނގުނު މިއަށް ވުރެ ތާހިރު ކަމެއް ކުރާކަށް."
ބައްޕަ ބުނި އެއްޗެއް ނޭނގިގެން އަހަރެން އެތައް އިރަކު ހުރީމެވެ. މަންމަގެ މޫނަށް ބަލައިގެން ހުރެ ދެއްކި ވާހަކަތަކާ މެދު އެތައް އިރެއް ވަންދެން ވިސްނަން ހުރެވުނީއެވެ. ބައްޕަ ދެއްކި ވާހަކައެއް އެއްގޮތަކަށް ވެސް މޭރުމެއް ނުވިއެވެ. ބައްޕަ ބަދިގެއިން ނުކުމެގެން ދިޔައީއެވެ. މަންމަގެ މަސައްކަތަށް އެނބުރުނީއެވެ. އަހަރެން އިސްޖަހައިލައިގެން އިނީއެވެ. ބުނާނެ އެއްޗެއް ކުރާނެ ކަމެއް ނޭނގިފައެވެ. އަމިއްލަ ނިކަމެތި ހާލު ހިތަށް ސިފަވީމައެވެ. އަހަރެންގެ ކުޑަކުޑަ ހިތަށް އެތައް ވާހަކައެއް އަރައި ފައިބަމުން ދިޔައެވެ.
"މަންމާ! އަދިވެސް ނުކެކޭތަ؟" ދޮންބެ އައިސް ބަދިގެއަށް ވަންނަމުން މަންމައަށް ގޮވައިލިއެވެ.
ދޮންބެއަކީ މަންމަގެ ރަންދަރިއެވެ. ގައިގެ ހަންގަނޑު އަލިވެފަ ހަށިގަނޑު ވެސް ރަނގަޅެވެ. ދޮންބެ ދޮށިވާނީ އަހަންނަށް ވުރެ ހަތަރު އަހަރެވެ.
"ކޮބާ ދޮންތަ؟" ދޮންބެގެ މޫނަށް ބަލައިލަމުން މަންމަ ބުނެލިއެވެ.
ދޮންތައަކީ ހިކި ތޮޅިއެކެވެ. ހަމުގެ ކުލަ އަލިވެފައި ދިގު އިސްތަށިގަނޑެއް އޮވެއެވެ. އެއީ ބައްޕަގެ ރާނީއެވެ. ބާކީވަނީ އަހަރެންނެވެ. އަހަންނަކީ އެއްވެސް މީހެއްގެ ކުއްޖެއް ނޫނެވެ
"އެބަ އާދޭ،" ދޮންބެ ބަލައިލީ ސީދާ އަހަންނާ ދިމާއަށެވެ. "މަންމާ މި ހަޑި ގިއްލާ ކީއްވެތަ މި ތަނަށް ވަދެ މިއިނީ؟"
"ކަންދައްކަން. ޝަކުވާތައް އަނަގައަށް އަޅައިގެން ތިންހަމައަށް." މަންމަގެ ތުންފަތް އެއްފަރާތަށް އަނބުރައިލިއެވެ.
"ސައިބޮއިގެން ދަރިފުޅު ވެސް ދެން ދޭ ކިޔަވަން. ކިޔަވައިގެން އައީމަ ބައްޕައާއެކު ރުއްވަލަށް ފޮނުވާނަން." މަންމަ ބަލައިލީ އަހަރެންގެ މޫނަށެވެ.
އަހަރެންގެ ކުޑަކުޑަ ހިތަށް ކުރާނެ އަސަރެއް މަންމައަށް ނުވިސްނެނީ ހެއްޔެވެ؟ މި ވެސް މަންމަގެ ބަނޑުން އުފަންވި ކުއްޖެއް ނޫން ހެއްޔެވެ؟ އަހަންނާއި ދޮންބެއާއި ދޮންތައާ ތަފާތު ކުރަނީ ކީއްވެ ހެއްޔެވެ؟ އަހަރެން ހުތުރު ވީމަ ހެއްޔެވެ؟ ގައިގެ ކުލަ އަނދިރި ވީމަ ހެއްޔެވެ؟ ބޮލުގެ އިސްތަށިގަނޑު ބުޅި ވީމަ ހެއްޔެވެ؟ އަހަންނަކަށް ނުވިސްނެއެވެ. އިސް ޖަހައިގެން އިނދެވުނީއެވެ.
މަންމަ ސައި ހަދައިދިނީ ދޮންބެއަށެވެ. ދޮންބެ ސައިބޮއެ ނިމެންދެން އެ މަންޒަރަށް ބަލަން އަހަންނަށް އިނދެވުނެވެ. ހިންދިރުވާލަ ދިރުވާލައެވެ. ދޮންބެ އަނގަހުޅުވާލާ ކޮންމެ ފަހަރަކު އަހަރެންގެ ދޫދަށުން ކުޅުގެ ސޯރެއް ދެމިގަނެވެއެވެ. ބައެއް ފަހަރު ބޭއިހުތިޔާރުގައި ވެސް އަނގަ ހުޅުވާލެވެއެވެ. މަންމައަށް އެ މަންޒަރު ފެނުނީ ކަންނޭނގެއެވެ.
"އަން! ކައިގެން ނިކުމެވޭތޯ ބަލާ ދެން ވެސް. މި މުސީބާތުން ސަލާމަތް ވާނީ ކޮން ދުވަހަކުން ބާއޭ ހިތަށް އަރާ!" އަހަރެންގެ ކުރިމައްޗަށް ތަށްޓަކަށް ރޮށްޓެއް ލައިފައި ޖަހައިލަމުން މަންމަ ބުނެލިއެވެ.
އަހަންނަށް ބަލައިލެވުނީ ދޮންބެގެ މޫނަށެވެ. އޭނާ ގާތަށް އައީ ފާޑެއްގެ ހިންޏެކެވެ. ހެމުންހެމުން އިސްޖަހައިލިއެވެ. މަންމަ ދިން ތަށީގައި އަތްލާން ނުލަން އިނދެފައި އަތްލީމެވެ. ބަނޑުހައިވެފައިވާލެއް ބޮޑު ކަމުންނެވެ.
"އުޅޭނެހާ ތަނަކު އުޅެފަ އައިސް ފެންވެރުމެއް ކަމެއް ނެތި ކާން ވީމަ ފުންމާލާނީ ބަދިގެއަށް. ކާންފެށުމުގެ ކުރީން އަތްދޮވުމެއް، ބިސްމި ކިޔުމެއް ވެސް ނޯންނާނެ. ރީތި އާދައެއް ވެސް ދުވަހަކު ދަހެއް ނުވާނެ." އަނެއްކާ ވެސް މަންމަ އަހަންނާ ދިމާއަށް ހަޅޭއްލަވާގަތެވެ.
އަހަރެން ތެދުވީމެވެ. މަޑުމަޑު ހިނގުމެއްގައި ގޮސް އަތްދޮންނަ ތަށި ކައިރީ ހުއްޓިލީމެވެ. އަތްދޮވެލުމަށް ޓަކައި އިސްކުރު އަނބުރައިލީމެވެ. އަނބުރައިލެވުނު ގޮތުން ކަންނޭނގެއެވެ. އިސްކުރު އައީ އަތަށެވެ. މަންމަ ހަޅޭއްލަވާ ގަތެވެ. މަންމަގެ އަޑަށް ބައްޕަ ބަދިގެ ތެރެއަށް ދުވެފައިވަނެވެ.
"މާތް ސާހިބު އިސްކުރު." މަންމަ އިނގިލި ދިއްކޮށްލީ ސީދާ އަހަންނާ ދިމާއަށެވެ.
އޭރު މުޅި ބަދިގެތެރޭގައި އޮތީ ހުސްފެނެވެ. ބައްޕަ އައި ގޮތަށް އައިސް އަހަރެންގެ އަތުން އިސްކުރު ދަމާގަތެވެ.
"މި ދެން ބޮޑު ވެއްޖެ ކަމެއްނު. އެއްޗެއްގަ އަތްލައިފިއްޔާ އެ ހަލާކުކޮށްލަނީ. ތަނަކަށް ހިނގައްޖެއްނަމަ އެތަނެއްގެ މީހުންގެ ސަމާލުކަން ހޯދަން ރުއިން ނޫން ކަމެއް ނޯންނާނެ،" ބައްޕަގެ ރުޅިވެރި މޫނު ފެނިފައި އަހަރެން ފަހަތަށް ޖެހިލީމެވެ. "މާ އަންހެން ވެގެން. އުޅޭނީ. އާނ ރަނޑު ރިޒާވިއްޔަ. ވަހީދާއަކަށް ނޭނގުނު މިއަށް ވުރެ ތާހިރު ކަމެއް ކުރާކަށް."
"ބަލަން ހުރީނު. ބަލައިބަލަ މުޅި ބަދިގެ ތެރެ، ހަމަ މިހާރު މޮއްޕު ހިފައިގެން އައިސް މިތަން ސާފުކުރޭ." މަންމަ އަހަންނަށް އަމުރުކުރިއެވެ.
އަހަރެން ބޭރަށް ނުކުންނަށް ހިނގައިގަތީމެވެ.
"އުހުނ. ކަލޭ އަންނާނެ ކަމެއް ނެތް. ބަލައިބަލަ ތިހިރަ ދެފައި ތިލައެއް. ލައިގެން ހުރި ފަޓުލޫނެއް. ގައިމު މަ އެއްޗެހި ނުދޭތީއެއް ނޫން. މަ ލަދުގަންނުވަން. މަ ފަޟީހަތް ކުރަން. ހިތުން މީނަ ދައްކާވާހަކަ މީހުން ގަބޫލުކުރާނީ." މަންމަގެ އަޑު އިވުމުން ހުއްޓެވުނެވެ.
އަހަންނަށް ބަލައިލެވުނީ މޭޒު ކައިރީގައި ކާން އިން ދޮންބެއާ ދިމާއަށެވެ. އޭރު އަހަންނަށް ދިން ދެ ރޮށި ނަގައި ދޮންބެ ތަށްޓަށް ލަނީއެވެ. ފާޑަކަށް ހެވިފައި އިނދެގެންނެވެ. އަހަންނަށް ހިންދިރުވާލެވުނެވެ. އަމިއްލަ ބަނޑުގައި އަތް ޖައްސާލެވުނެވެ.
ކުރާނެ ކަމެއް ނެތެވެ. އިއްޔެއެކޭ އެއްގޮތަށް މިއަދު ވެސް މި ޖެހުނީ ބަނޑަށް ހުންނާށެވެ. މަޑުމަޑުން އަހަރެން ބަދިގެއިން ނިކުތީމެވެ. ނިކުތްހެން ހީނުވެ ދޮންބެ ޕަކަޕަކަ ލައިފައި ހޭން ފެށިއަޑު އިވުނެވެ. އޭގެ ފަހަތުން މަންމަ ވެސް ހޭންފެށި އަޑު އިވުނެވެ. އަހަރެން ފަސް އެނބުރި ބަލައި ވެސް ނުލައި ދިޔަ ގޮތަށް ދިޔައީއެވެ. ފަޔަށް ލެވުނުހާ ބާރެއް ލައިފައި ދުއްވާގަތީމެވެ. ބޮޑުމަގުންނެވެ. ރުއްވަލުން ހިންނައަށެވެ.
ކުއްލިއަކަށް ހުއްޓެވުނެވެ. ވަރުބަލިވެ ގުނބުލިލޭހެން ހީވުމުންނެވެ. މޫނުމަތިން ކޮކާއަވި ފެންނަ ގޮތްވާމް ފެށުމުންނެވެ. އޭރު އަހަންނަށް ހުރެވުނީ ހަނިދިގު މަގުގެ މެދުގައެވެ. ލަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް އަހަންނަށް ނިކުމެވުނީ ރަށުގެ ފުއްޓަރު ފަރާތަށެވެ. އެ ތަނުގައި މިދިލި ގަސްތައް ހެދިފައި ހުރެއެވެ. ދެތިން ފަހަރަކު ގަހަށް ބަލައިލީމެވެ. ދެ ތިން ދޮންމަދު ފެނުނެވެ. ގަސްދޮށަށް ވެއްޓިފައި ވެސް ދޮންމަދެއް އޮތެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ ގަސްދޮށަށް ވެއްޓިފައި އޮތް މަދެއްގައެވެ. ނަގައި ބަލައިލީމެވެ. އަނެއް ފަޅި އޮތީ ވާލުގެ މިލްކަކަށް ވެފައެވެ. އެ ސޮރު ދަތް ޖައްސާފައި ހުރި ތަންތަން ވެސް ފެންނަން ހުއްޓެވެ. އެތަންތަނުގައި ކަޅު ހިނި ވެސް ހުއްޓެވެ. އަވަސް އަވަހަށް ހިނިތައް ފޮޅައިލީމެވެ. އެތެރެއަށް ނޭވައި ދަމާލެވުނެވެ. ހީވީ ބަނޑު ފުރުނުހެންނެވެ. ވާލު ދަތްޖައްސާފައި އޮތް ބައި ނޫން އަނެއް ބައި ކައިލީމެވެ. ސިކުންތެއް ނުވަނީސް އެ ކައިލެވުނެވެ. ބިންމަތީ އޮތް އަނެއް މަދު ވެސް ނަގައި ކައިލީމެވެ. އެވަރުން ނުފުދުނެވެ. މަދުގެ އޮށް ވެސް އަނގަޔަށް ލީމެވެ. އެއްކޮލަށް އެ އޮށް ލައިގެން ގަހަށް އެރީމެވެ. ފުދޭ ވަރަކަށް ވައި ވެސް ޖެހެއެވެ. ގަހުގެ ހިމަ ގޮފިތަކުގައި އެލެމުން އެލެމުން ހައެއްކަ މަދު ބިނދެވުނެވެ.
ގަހުން ފައިބައި މަދުތައް ފަތްތަކެއް މަތީގައި އަތުރައިލީމެވެ. އެންމެ ބޮޑު ތިން މަދު ނަގައި ޖީބަށްލީމެވެ. ފަހުން ކައިލުމުގެ ނިޔަތުގައެވެ. މަދުތަކުގައި ދަތްލަމުން އޮށްތައް ވެސް ހަފަމުން ރަށުތެރެއަށް މިސްރާބު ޖެހީމެވެ. އޭރު މެންދުރު ބަންގި ގޮވަނީއެވެ. ފެންބޮވައިގެންފައި ހުރި ލެއް ބޮޑުކަމުން ނިންމީ ގެއަށް ދާށެވެ. ގެއަށް ވަދެވުމާއެކު މަންމަ ފެށިއެވެ.
"ކޮންތާކު އުޅެއުޅެފަ އައި ދުވަހެއް؟ ހެނދުނު ސައިބުއި ގޮތަށް ބޭރަށް ދިޔަ ގޮތަށް އަދި އެ ދައްކާލީ. އުޅޭނެހާ ތަނަކު އުޅެފަ ގެ ފެންނާނީ ބަނޑު ހައިވުމުން." މަންމަ އަހަންނާ ދިމާއަށް ބަލައިލިއެވެ.
ބަދަލުގައި އަހަރެން އެއްޗެއް ނުބުނަމެވެ. ދޮންބެ ވެސް އެތަނަށް އައީ އެވަގުތުއެވެ.
"ހާދަ ދޮން މަދު ވަސް ދޮވައޭ. ރިޒާ ކޮއްކޮ ދޯ މަދު ގެންގުޅެނީ." ދޮންބެގެ ހިތްހެޔޮ ބަސްތައް އިވިފައި އަހަންނަށް ހިތްދިރުވާލެވުނެވެ.
"ދީބަލަ މަދެއް." ދޮންބެ އަހަރެން ގާތަށް ހުއްޓުނެވެ.
ޖީބުގައި އޮތް ތިން މަދު ނަގައި ބަލައިލީމެވެ. އެއީ ފަހުން ކައިލުމަށް ބޭއްވި ތިން މަދެވެ. އެތަނުން އެންމެ ބޮޑު މަދު ނަގައި ދޮންބެގެ އަތަށް ލައި ދިނީމެވެ.
"އަނެއް މަދު މަންމައަށް ދޯ. ދެން އޮތް މަދު ދޮންތައަށް ދޯ،" ދޮންބެ ހިނިތުންވެލިއެވެ. "މަންމާ މަދު ކާނަންތަ؟"
އަހަންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މަދުތައް ޖީބަށް ލާންވީއޭ ވެސް ހިތަށް އެރިއެވެ. ހުރެވުނީ މަންޒަރު ބަލާށެވެ. އަތުގައި އޮތް ދެ މަދު ނަގައިގެން ދޮންބެ ކުރިއަށް ޖެހިލިއެވެ.
"ރަނގަޅަށް ދޮވެގެން ކާންވާނީ. ގެނޭ މަންމައަށް ވެސް މަދެއް." ދޮންބެއަށް ބަލައިލަމުން މަންމަ ހީލިއެވެ.
އަހަންނަށް ބެލުނީ މަންމަގެ މޫނަށެވެ. މަދުކަމުން ދިޔަލެއް މީރުކަމުން އަހަރެން ވެސް ކުޅުދިޔާވަމުން ދިޔައެވެ. އަޑު ލައްވާލާފައި މަންމަ ވެސް މަދު ކައި ނިންމާލިއެވެ.
"ވަރަށް މީރު،" ދޮންބެ ބޭރަށް ނުކުންނަމުން އަހަންނާ ދިމާއަށް ބަލައިލިއެވެ. "ނަސީބެއްނު ނުކުމެވުނުކަން. މަދެއް ލިބިއްޖެ ވިއްޔާ."
މަންމަހުރީ އަހަންނާ ދިމާއަށް ބަލާށެވެ. ފާޑަކަށެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލި އިރަށް އަހަރެން ބޭރަށް ނުކުންނަށް ހިނގައިގަތީމެވެ.
"އަދި ނެތްތަ؟" އަހަރެން އެނބުރިލުމުން މަންމަ ބުނެލިއެވެ.
އާއެކޭ ބުނުމުގެ ގޮތުން އަހަރެން ބޯ ޖަހައިލީމެވެ. އަހަރެން ދުއްވާގަތީމެވެ. ފުއްޓަރާ ދިމާއަށެވެ. މަންމައަށް ދޮން މަދެއް ހޯދައިދިނުމަށެވެ. މަންމައަށް މީރު އެއްޗެއް އަހަންނަށް ވެސް ހޯދިއްޖެތާއޭ ހިތް ބުނެލިއެވެ. އެއީ އަހަންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. އުފަލެކެވެ. ފުއްޓަރުގައި ހުރި ހުރިހާ މިދިލިގަހެއްގެ ގޮފިތަކުގައި އެލެމުން އެލެމުން ކަހަލަ ގޮތަކަށް ކޮތަޅެއްހާ މަދު ބިނދެވުމުން ދުވެފައި އައީ ގެއާދިމާ އަށެވެ. އޭރު އިރު އޮއްސެނީއެވެ.
އެއީ ދޮންބެމެން ޓިޔުޝަނަށް ދާގަޑިއެވެ. އެގަޑީގައި ބައްޕަ ވެސް ގެއަށް އަންނާނެއެވެ. އަހަރެން ބޭނުންވީ ބައްޕައަށް ވެސް ދޮން މަދެއް ދޭށެވެ. ވަރަށް ފަޚުރުވެރި ވެލައިފައި މަދު ކޮތަޅު އަތުގައި އެލުވާލައިގެން ގޭތެރެއަށް ވަނީމެވެ. ގެއަށް ވެރިވެފައި ވަނީ އާދަޔާ ޚިލާފު ހިމޭން ކަމެކެވެ. ލަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް ބަދިގެ ފަރާތަށް ނުކުތީމެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. މަޑުމަޑުން ގޭތެރެއަށް ވަނީމެވެ.
މަންމަގެ ކޮޓަރިއާ ދިމާއިން އިވެމުން ދިޔައީ ރުއިމުގެ އަޑެވެ. ގިސްލުމުގެ އަޑެވެ. އެއީ މަންމަގެ އަޑުކަން އަހަންނަށް އެނގުނެވެ. ދޮރުގައި ކަންފަތް ޖައްސާލީމެވެ. އިތުރު މީހަކު އުޅޭހެން ހީވުމުންނެވެ. (ނުނިމޭ)