ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެޗްޕީއޭގެ އެންގުންތަކާ ހިލާފުވާ މީހުން 5000 ރުފިޔާއިން ޖޫރިމަނާ ކުރަނީ

ކޮވިޑް-19 ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގާ އެންގުންތަކާ ހިލާފުވާ މީހުން 5،000 ރުފިޔާ އިން ޖޫރިމަނާ ކުރަން އެ އެޖެންސީން ނިންމައިފި އެވެ.

އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުނާއި އެ ވައިރަސްއަށް ޕޮޒިޓިވްވާ މީހުން އެކަހެރި ކުރަމުންދާ އާންމު ސިއްހަތުގެ ރައްކާތެރި ކަމުގެ ގާނޫނާ އެއް ގޮތްވާ ގޮތުގެ މަތިން ކަމަށާއި، އެ ކަން ކުރަނީ އެންމެެންގެ ރައްކާތެރި ކަމަށް ޓަކައި ކަމަށެވެ.

އެހެންކަމުން މީހަކު އެކަހެރި ކުރުމަށް އެޗްޕީއޭއިން އަންގާ އެންގުމަކާ ހިލާފު ވުމަކީ އާންމު ސިއްހަތަށް ނުރައްކާވާ ހާލަތަކަށް މުޖުތަމައުގެ އެހެން ފަރާތްތައް ދާނެ ކަމަކަށް ވާތީވެ އެފަދަ އެންގުންތަކާ ހިލާފުވާ މީހުން 5،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި އެ ގޮތަށް އަމަލު ކުރާ މީހުންގެ ނަންތައް ވެސް ހާމަ ކުރާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ ހަތަރު ރިސޯޓެއްގައި ތިބި ބިދޭސީންނާއި ޓޫރިސްޓުންތަކެއްގެ އިތުރުން ސަފާރީއެއްގައި ތިބި ބިދޭސީންތަކެކެވެ. އެ ކަމާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް ސަރުކާރުން ގެންދަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެ ގޮތުން ބައެއް ގައުމުތަކުން މީހުން އައުން މަނާކޮށް، ރިސޯޓުތަކުން އެހެން ރަށްރަށަށް ދިއުން ވެސް ވަނީ މަނާކޮށްފަ އެވެ. ރާއްޖޭގެ ހުރިހާ ގެސްޓް ހައުސްތަކަށް ގެސްޓުން ގެނައުން ވެސް ވަނީ މަނާކޮށްފަ އެވެ.

ސްކޫލްތަކާއި، ތައުލީމު ދޭ މަރުކަޒުތަކާއި، ސިނަމާތަކާއި، ޖިމްތަކާއި ކުޅިވަރު ކުޅޭ ތަންތަން ބަންދުކޮށްފައިވާއިރު، މާދަމާއިން ފެށިގެން 10 ދުވަހަށް ސަރުކާރު ބަންދު ކުރަން ވެސް ވަނީ ނިންމާފަ އެވެ. ޖާމައަތުގައި ނަމާދު ކުރުން ހުއްޓާލާފައިވާއިރު، އާންމު އެއްވުންތައް ބޭއްވުން ވެސް ވަނީ މަނާކޮށްފަ އެވެ.