ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑް-19: ބޭރުން އަންނަ ހުރިހާ ދިވެހިން އެކަހެރި ކުރަނީ

ކޮވިޑް-19 ވައިރަސް ފެތުރުން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، ބޭރު ގައުމުތަކުން ރާއްޖެއަށް އަންނަ ހުރިހާ ދިވެހިން އެކަހެރި ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު އެންގުމެއްގައި ވަނީ، މިރޭ ދަންވަރު 12:00 އިން ފެށިގެން އެ އެޖެންސީން ވަކި ގޮތެއް އަންގަންދެން އެމެރިކާއިން ރާއްޖެއަށް އަންނަ ދިވެހިން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެހެން ގައުމުތަކުން އަންނަ ދިވެހިން 14 ދުވަހަށް ގޭގައި އެކަހެރި ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭން ބޭރު ގައުމުތަކުގެ ތެރެއިން މިހާތަނަށް ރާއްޖެ އައުން މަނާކޮށްފައިވާ ގައުމުތަކުން ރާއްޖެއަށް އަންނަ ދިވެހިން މީގެ ކުރިން ވެސް ގެންދިޔައީ އެކަހެރި ކުރަމުންނެވެ. އެ އުސޫލަށް މިހާރު ވެސް ދަނީ އަމަލު ކުރަމުންނެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ ހަތަރު ރިސޯޓެއްގައި ތިބި ބިދޭސީންނާއި ޓޫރިސްޓުންތަކެއްގެ އިތުރުން ސަފާރީއެއްގައި ތިބި ބިދޭސީންތަކެކެވެ. އިތުރު ބަޔަކު ބަލީގެ އަލާމާތްތައް ފެނިގެން ވަނީ އެކަހެރިކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ޓެސްޓް ކުރުމަށްޓަކައި ސާމްޕަލް ވެސް ވަނީ ނަގާފަ އެވެ،

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ވައިރަސް ރާއްޖޭން ވެސް ފެނުމާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް ސަރުކާރުން ގެންދަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެ ގޮތުން ބައެއް ގައުމުތަކުން މީހުން އައުން މަނާކޮށް، ރިސޯޓުތަކުން އެހެން ރަށްރަށަށް ދިއުން ވެސް ވަނީ މަނާކޮށްފަ އެވެ. ރާއްޖޭގެ ހުރިހާ ގެސްޓް ހައުސްތަކަށް ގެސްޓުން ގެނައުން ވެސް ވަނީ މަނާކޮށްފަ އެވެ.

ސްކޫލްތަކާއި، ތައުލީމު ދޭ މަރުކަޒުތަކާއި، ސިނަމާތަކާއި، ޖިމްތަކާއި ކުޅިވަރު ކުޅޭ ތަންތަން ބަންދުކޮށްފައިވާއިރު، މާދަމާއިން ފެށިގެން 10 ދުވަހަށް ސަރުކާރު ބަންދު ކުރަން ވެސް ވަނީ ނިންމާފަ އެވެ. ޖާމައަތުގައި ނަމާދު ކުރުން ހުއްޓާލާފައިވާއިރު، އާންމު އެއްވުންތައް ބޭއްވުން ވެސް ވަނީ މަނާކޮށްފަ އެވެ.