ސޭމް ސްމިތު އަކީ ކާކުކަން ނޭނގޭ މީހުންނަށް އޭނާގެ ކުރު ތައާރަފަކުން ފަށައިގަންނަމާ ހިނގާށެވެ. އޭނާ ތަރިއެއްހެން އަރައިގެން ގޮސް ކުއްލިއަކަށް ވިދައި ބަބުޅައިގަތީ އިނގިރޭސި ވިލާތުގެ މަޝްހޫރު ހައުސް ބޭންޑް، ޑިސްކްލޯޒާގެ ސިންގަލްއެއް ކަމުގައިވާ "ލެޗް" އިންނެވެ.
އުމުރުން 23 އަހަރުގެ މި ލަވަކިޔުންތެރިޔާ އަކީ މިދިޔަ އަހަރުގެ ގްރެމީގައި ހަ އެވޯޑަށް ވާދަކޮށް މި އަހަރުގެ ގްރެމީގައި ހަތަރު އެވޯޑް ކާމިޔާބުކޮށްފައިވާ، މުޅި އިނގިރޭސި ވިލާތް އެ ލަވަކިޔުންތެރިޔަކަށް ފަހުރުވެރިވާ ފަންނާނެކެވެ. އޭނާގެ އަލަތު އަލްބަމް "އިން ދަ ލޯންލީ އަވާ" ގެ އެންމެ މަޝްހޫރު އަދި ކާމިޔާބު ލަވަ އަކީ "ސްޓޭ ވިތު މީ" އެވެ.
ދެން މި އޮތީ އިނގިރޭސި ސިނަމާގެ އެންމެ މަޝްހޫރު ސިއްރު އޭޖެންޓު ޖޭމްސް ބޮންޑުގެ ވާހަކަ އެވެ. އޭނާގެ އާ ފިލްމު "ސްޕެކްޓްރާ" ގެ ތީމް ލަވަ ކިޔުމުގެ ޝަރަފް މިފަހަރު ލިބުނީ ސޭމް ސްމިތަށެވެ.
ސޭމް ސްމިތުގެ އަޑުން ރިކޯޑްކުރާ މި ލަވަ ނެރޭނީ މި މަހުގެ 25 ވަނަ ދުވަހު އެވެ. ލަވައިގެ ނަމަކީ "ރައިޓިންސް އޮން ދަ ވޯލް" އެވެ.
ލަވަ ލިޔެފައި ވަނީ ވެސް ސްމިތެވެ. ބީބީސީ ރޭޑިއޯ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައި ވަނީ މިއީ މިހާތަނަށް އެންމެ އަވަހަށް ލިޔެ ނިންމާލެވުނު ލަވަ ކަމަށާއި އެކަމަށް ނެގީ އެންމެ 20 މިނެޓް ކަމަށެވެ.
ޖޭމްސް ބޮންޑް ސިލްސިލާގެ އެންމެ މޮޅު ފިލްމު ކަމުގައިވާ "ސްކައިފޯލް" ވެސް ޑައިރެކްޓްކުރި ސޭމް މެންޑޭޒް ޑައިރެކްޓްކޮށް، ބޮންޑްގެ ރޯލުން ޑެނިއެލް ކްރެއިގް ހަތަރު ވަނަ ފަހަރަށް ފެނިގެންދާ "ސްޕެކްޓްރާ" އަކީ މި ސިލްސިލާގެ 24 ވަނަ ފިލްމެވެ.
މި ސިލްސިލާގެ ތީމް ލަވަތަކަށް ބަލާއިރު 1964 ވަނަ އަހަރުގެ ފިލްމު "ގޯލްޑްފިންގާ" އަށް ވޭލްސްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝިރްލީ ބެސީ ރިކޯޑްކޮށްފައިވާ "ގޯލްޑްފިންގާ" އަކީ ނިކަން މަޝްހޫރު ލަވައެކެވެ.
މެޑޯނާ 2002 ވަނަ އަހަރު ރިކޯޑްކުރި "ޑައި އެނަދަ ޑޭ" އަކީ ވެސް ވަރަށް މަޝްހޫރުވި ލަވައެކެވެ.
އެންމެފަހުން ނުކުތް ޖޭމްސް ބޮންޑްގެ ފިލްމު "ސްކައިފޯލް" އަށް އަޑެލް ކިޔައިދިން ލަވަ "ސްކައިފޯލް" އަކީ ވެސް ނިކަން ބޮޑު މަގްބޫލުކަމެއް ހޯދި ލަވައެކެވެ. އަދި މި ލަވަ އަކީ މި ސިލްސިލާގެ ލަވަތަކުގެ ތެރެއިން އޮސްކާ އެވޯޑްސް އާއި ގޯލްޑެން ގްލޯބް އަދި ބްރިޓް އެވޯޑް ލިބުނު ފުރަތަމަ ލަވަ ވެސްމެ އެވެ.
"ސްޕެކްޓްރާ" ޕްރިމިއާކުރަން ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 26ގަ އެވެ. ފިލްމުގެ ޝޯތައް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފަށާނީ ނޮވެމްބަރު މަހު އެވެ.