ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މިހާލަތުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުން ހުއްދަ: ފަތުވާ

ކޯވިޑް19 ގެ ވަބާ ފެތުރިފައިވާ ގައުމެއްގައި އެ ވަބާއިން އެ ގައުމުގެ ރައްޔިތުން ސަލާމަތްކޮށް ރައްކާތެރި ކުރުމަށްޓަކައި، ދައުލަތުގެ ކަމާބެހޭ ފަރާތުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޖަމާއަތުގައި ކުރެވޭ ފަރުޟު ފަސްނަމާދާއި، ހުކުރު ނަމާދު، ވަކި މުއްދަތަކަށް މިސްކިތްތަކުގައި ގާއިމު ނުކުރާގޮތަށް ހަމަޖައްސާފައި އޮތް އޮތުމަކީ ހުއްދަ ކަމެއް ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފި އެވެ.

އެ މަޖިލީހުން މިއަދު ވަނީ މުސީބާތުގެ ހާލަތުގައި ޖަމާއަތުގެ ނަމާދާއި ހުކުރު ނަމާދު ގާއިމްކުރުމާއި ގުޅޭގޮތުން ފަތުވާއެއް ނެރެފައެވެ.

އެ މަޖިލީހުގެ 21ވަނަ ފަތުވާގައި ބުނެފައިވަނީ މިފަދަ ހާލަތެއްގައި ޖަމާއަތުގައި ކުރެވޭ ފަރުޟު ފަސްނަމާދާއި، ހުކުރު ނަމާދު، ވަކި މުއްދަތަކަށް މިސްކިތްތަކުގައި ގާއިމު ނުކުރާގޮތަށް ހަމަޖައްސާފައި އޮތް އޮތުމަކީ ހުއްދަ ކަމެއް ކަމަށެވެ.

"މިއީ ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި ކީރިތިރަސޫލާގެ މާތްޚަލީފާއިންނާއި މާތްސަހާބީންގެ ބަސްފުޅުތަކާއި އަމަލުފުޅުތަކުން ސާބިތުވެ އެނގެން އޮތް ކަމެެއް." އެ ފަތުވާގައި ބުނެފައިވެއެވެ.

މިފަދަ ދަނޑިވަޅުތަކުގައި ދައުލަތުގެ މަސްއޫލިވެރި ފަރާތްތަކުން ދެމުންގެންދާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުމަކީ ކޮންމެ ފަރުދެއްގެ މައްޗަށް ދީނީގޮތުން ލާޒިމު ކަމެއް ކަމަށާ މި ހާލަތުގައި ގިނަގިނައިން ހެޔޮ ކަންކަން ކުރުމަށާއި، ގިނަގިނައިން ﷲ ގެ ހަސްރަތުގައި ދުއާ ދެންނެވުމާއި އަސްތަޣުފާރު ކުރުމަށްވެސް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރުނު ފަތުވާގައި ވަނީ އިލްތިމާސްކޮށްފައެވެ.

އިސްލާމިކް މިނިސްޓަރު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިއަދުގެ މެންދުރު ނަމާދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ އަސަރު ނަމާދާ ހަމައަށް މާލެ، ހުޅުމާލެ، ވިލިމާލެ އަދި ރިސޯޓްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ފިޔަވަޅަކީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތުމުން، ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ގެ ލަފާގެ މަތިން އެޅުއްވި ފިޔަވަޅެއް ކަމަށެވެ. މަގުސަދަކީ ރާއްޖޭގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ނުދެއްވުން ކަމަށެވެ.

މިއީ ރާއްޖޭގައި މިސްކިތްތައް މިގޮތަށް ބަންދުކުރި ފުރަތަމަ ފަހަރެވެ. ބައެއް އެހެން ގައުމުތަކުގައި ވެސް މިސްކިތްތައް ވަނީ ބަންދުކޮށްފަ އެވެ.

ނިސްޓަރު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެ ހުކުރު ދުވަހު، ހުކުރު ނަމާދު ވެސް ޖަމާއަތުގައި މާލޭ ސަރަހައްދުގައި ނޯންނާނެ އެވެ. އެހެންވެ، އެ ނަމާދާ ގުޅޭ ގޮތުން ރައްޔިތުން އަމަލު ކުރާނެ ގޮތެއް ފަހުން އިލްމްވެރިން ބުނެދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރިޔަސް ކޮންމެ ނަމާދަކަށް ވެސް އިމާމުން މިސްކިތްތަކަށް ގޮސް ބަންގި ގޮވައި، ނަމާދު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިސްކިތުގައި ވަކިން ނަމާދު ކުރަން ބޭނުންވާ މީހަކަށް އެ ފުރުސަތު އޮންނާނެ ކަމަށާއި މިސްކިތްތައް މީހުން ނުވަދެވޭނެ ގޮތަށް ބަންދުކޮށްފައި ނުބަހައްޓާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.